ބޮލީވުޑް

ރަންވީރު އާއި އާލިއާ "ގަލީ ބޯއި" ފަށައިފި

Jan 15, 2018

ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގް އާއި އާލިއާ ބަޓް އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ގަލީ ބޯއި" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.

ޒޯޔާ އަހްތަރު ޑައިރެކްޓްކުރާ މި ފިލްމުގައި ޝޫޓިން އިއްޔެ ފެށިކަން އާލިއާ ވަނީ ކުރި ޓްވީޓެއްގައި ހާމަކޮށްފަ އެވެ. އާލިއާ ވަނީ "ގަލީ ބޯއި" އަކީ އޭނާ އަށް ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ފިލްމެއް ކަމަށް ބުނެފަ އެވެ. އަދި ބެލުންތެރިންނާއި އޭނާގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ އޭނާ އެ ގޮތުގައި މަސައްކަތް ކުރަން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ވެސް ބުނެފަ އެވެ.

ޒޯޔާގެ ކޮއްކޮ އެކްޓަރު ފަރްހާން އަހްތަރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، އެކްސެލް އެންޓެޓެއިންމަންޓުން ޕްރޮޑިއުސްކުރާ މި ފިލްމަކީ
ދެ ސްޓްރީޓް ރެޕަރެއްގެ ހަޔާތުގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ބުނެވޭ ގޮތުގައި މި ފިލްމުގައި ފެނިގެންދާނީ މަޝްހޫރު ދެ ރެޕަރުން ކަމަށްވާ ނައިޒީ އާއި ޑިވައިންގެ ހަޔާތެވެ.

ރަންވީރު މި ފިލްމުގެ ޝޫޓިން އިއްޔެ ފެށިއިރު، އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ޕަދްމާވަތް" ރިލީޒްނުކުރެވި ސެންސަރު ބޯޑުގައި ތާށިވެފައި އޮންނަތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުން މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާނެކަން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

"ޕަދްމާވަތް" ކުޅެން ދިގުކުރި އިސްތަށިގަނޑު ކުރުކޮށް ކޮށާލުމަށްފަހު ރަންވީރު ވަނީ މި ފިލްމުގައި ކުޅޭ ރެޕަރުގެ ރޯލު ކުޅެން މީގެ މަހެއްހާ ދުވަސް ކުރިން ތައްޔާރުވާން ފަށާފަ އެވެ. އެގޮތުން ހެއާ ސްޓާއިލާ ހެދުން އެޅުމުގެ ސްޓައިލް ވެސް ވަނީ ވަރަށް ބޮޑަށް ތަފާތުކޮށްލާފަ އެވެ.

އަދި މި ފަހުން އޭނާ ވަނީ ފިލްމުގެ ބައެއް ލަވަތައް އަމިއްލަ އަށް ރެޕްކޮށް ރެކޯޑް ވެސް ކޮށްފަ އެވެ. މި ފިލްމު ރިލީޒްކުރާނެ ތަރީހެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

މިއީ ރަންވީރު ޒޯޔާ ޑައިރެކްޓްކުރާ ފިލްމެއް ކުޅޭ ދެވަނަ ފަހަރެވެ. 2015 ވަނަ އަހަރު ނިކުތް ޒޯޔާގެ "ދިލް ދަޅަކްނޭ ދޯ" ގައި އޭނާ ވަނީ މުހިންމު ރޯލަކުން ފެނިގެން ގޮސްފަ އެވެ.