ކުޅިވަރު

ފައުލު ކުރީ ރެފްރީ، ރަތްކާޑު ކުޅުންތެރިޔާއަށް!

ފްރާންސް ލީގްގައި އެފްސީ ނޭންޓްސް އާއި ޕީއެސްޖީ ކުޅުނު މެޗުގައި، މެޗުގެ ރެފްރީ ޓޯނީ ޗަޕްރޮން، ނޭންޓްސްގެ ޑިއޭގޯ ކާލޯސްއަށް ފައުލު ކޮށް، އޭނާ އަށް ރަތް ކާޑު ދައްކައިފި އެވެ.

ޕީއެސްޖީ 1-0 މޮޅުވި މެޗުގެ 91 ވަނަ މިނެޓްގައި، ޕީއެސްޖީން ކައުންޓަ އެޓޭކްގައި އުފައްދަން އުޅުނު ހަމަލާއެއް ދިފާއު ކުރަން، ހާފުގެ މެދުތެރެއިން ޑިއޭގޯ ކާލޯސް ޓީމުގެ ޕެނަލްޓީ އޭރިއާ ދިމާލަށް ދުވެފައި ދަނިކޮށް، އޭނާ އަޅައިގަތީ ރެފްރީ ގައިގަ އެވެ. އެވަގުތު ރެފްރީ ވެއްޓުނެވެ. ރެފްރީ ވަނީ ޑިއޭގޯ ކާލޯސްގެ ފައިގައި ދަތި އަޅުވާ ވައްޓާލަން މަސައްކަތް ކޮށްފަ އެވެ.

އޭގެ ކުރިން ރީނދޫ ކާޑެއް ދައްކާފައިވާ، ޑިއޭގޯ ކާލޯސް އަށް ރެފްރީ ޓޯނީ ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ. އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި، ރެފްރީގެ ގައިގައި ޑިއޭގޯ އަޅައިގަތީ ގަސްތަކު ނޫނެވެ. ނަމަވެސް އޭގެ ފަހުން ޑިއޭގޯ ފައިގައި ދަތި އަޅުވަން ރެފްރީ މަސައްކަތް ކުރީ ގަސްތުގައި، ބަދަލު ހިފުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

މެޗުގައި ޕީއެސްޖީ ލަނޑު 12 ވަނަ މިނެޓްގައި އެޑިންސަން ކަވާނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ އޭހަލް ޑީ މަރިއާ އެވެ.