ފިނިޕޭޖް

"ބިގް ބޮސް 11" ކާމިޔާބު ކުރީ ޝިލްޕާ!

ގިނަ ދިވެހިން ޝައުގުވެރިކަމާއެކު ބަލަމުން އަންނަ ކޮންޓްރޮވާޝިއަލް ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ޝޯ މި ފަހަރު ކާމިޔާބުކުރީ ޓީވީ އެކްޓްރެސް ޝިލްޕާ ޝިންޑޭ އެވެ.

ކަލާސް ޓީވީގައި ތިން މަހަށް ދެމިގެން ދިޔަ މި ޝޯގެ ފައިނަލް އޮތީ ރޭގައި އެވެ. ޓީވީ އެކްޓިންގެ ދާއިރާގައި 15 އަހަރު މަސައްކަތްކޮށްފައިވާ ޝިލްޕާ މި ކާމިޔާބީ ހޯދީ ހީނާ ޚާން، ވިކާސް ގުޕްތާ، އަދި ޕުނީޝް ޝަރުމާ އާއި ވާދަކޮށެވެ. ޝޯގެ ރަނައަޕް އަކަށް ހޮވުނީ މަގުބޫލު ޓީވީ އެކްޓަރެއް ކަމަށްވާ ހީނާ އެވެ.

އެންމެ ފުރަމަތަ ފައިނަލް ޝޯއިން ރޭގައި ކެޓީ ޕުނީސް އެވެ. އެއަށްފަހު ދެން ކެޓީ ވިކާސް އެވެ. ވިކާސް ކެޓުމުން ޝޯގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އެވެ. އެއީ ބާކީ ތިބި ދެ ބައިވެރިން ކަމުގައިވާ ޝިލްޕާ އަދި ހީނާއަކީ ބޮޑު ފޭން ބޭސެއް އޮތް ދެ އެކްޓަރުންނަށްވެފައި މުޅި ޝޯގައި ވެސް އެ ދެ މީހުންނަކީ ވާދަވެރިކޮށް ދިޔަ ދެ ބައިވެރިންނަށް ވުމުންނެވެ.

"އަދިވެސް ގަބޫލެއް ނުކުރެވޭ އަހަރެން މޮޅުވީ ކަމަކަށް. ބެލުންތެރިން އަހަރެން މި ޝަރަފު ހޯދައިދިނީ. އޭގެ މާނައަކީ އެ މީހުންނަށް އަހަރެން އަސްލު ޕާސަނޭލިޓީ ފެނިއްޖޭ." ހިންދީ ސިލްސިލާތަކުން ގިނަ ބައެއް މަގުބޫލުކަން ހޯދި ޝިލްޕާ މީޑިއާތަކާއި ވާހަކަ ދައްކަމުން ރޮވިފަހުރެ ބުންޏެވެ. އޭނާ ވަނީ "ބާބީޖީ ގަރްޕަރް ހޭ" އަދި "ޗިޅިޔާ ގަރް" ފަދަ ސިލްސިލާތަކުގައި ބައިވެރިވެފަ އެވެ.

ސަލްމާން ޚާން ހޯސްޓް ކުރާ މި ޝޯގައި އޭނާގެ ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެން ގޮސްފައިވެ އެވެ. އޭގެ އިތުރުން ރޭގެ ޝޯގައި އަކްޝޭ ކުމާރު ހާއްސަ ހުށަހެޅުންތަކެއް ވެސް ފެނިގެންދިޔަ އެވެ. އަކްޝޭ ޝޯއަށް ދިޔައީ އޭނާގެ ކުރިއަށް ނިކުންނަށް އޮތް ފިލްމު ކަމުގައިވާ "ޕެޑް މޭން" އިޝްތިހާރު ކުރުމަށެވެ.

ބިގް ބޮސްގެ މި ފަހަރުގެ ސީޒަންގައި ފެނިގެން ދިޔަ ބައިވެރިން ކަމުގައިވާ ދިންޗަކު ޕޫޖާ އަދި ސަޕްނާ ޗޯދަރީ ފަދަ ބައިވެރިންގެ ހުށަހެޅުންތައް ފެނުނެވެ. އަދި ގަދަ ހަތަރަކަށް ވާދަކުރި ބައިވެރިންގެ ފޯރިގަދަ ހުށަހެޅުންތަކެއް ވެސް ފެނިގެން ގޮސްފައިވެ އެވެ.