ކުޅިވަރު

ތަޖުރިބާކާރު މިޑްފީލްޑާ ނިޔާ ގްރީން ސްޓްރީޓަށް

ތަޖުރިބާކާރު މިޑްފީލްޑާ އަހްމަދު ނިޔާޒު (ނިޔާ)، ކުރިއަށް އޮތް ސިޒަންގައި ގްރީން ސްޓްރީޓަށް ކުޅެން އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފި އެވެ.

މިދިޔަ ސީޒަންގައި، ނިޔާ ކުޅުނީ، ވިކްޓަރީ އާއި ގދ. ތިނަދޫ ޓީމަށެވެ. ވިކްޓަރީއިން ސީޒަން ފަށައި، އެ ޓީމަށް ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމުން، ދިވެހި ޕްރިމިއާ ލީގަށް އޭނާ ބަދަލުވީ ތިނަދޫ ޓީމަށެވެ. އެ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އެވެ.

މި އަހަރު ގްރީންއަށް ސޮއި ކުރުމާއެކު، މިއީ އޭނާގެ ފުޓްބޯޅަ ކެރިއާގެ 16 ވަނަ ސީޒަނެވެ. އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގައި، މަޖީދިއްޔާ ސްކޫލު ޓީމުން އޭނާ ވިދާލި އެވެ. ސުކޫލް ނިމުނުތަނުން، ނިއު ލެގޫންސްއިން އޭނާގެ ސޮއި ހޯދި އެވެ. އޭނާގެ ކުލަބު ކެރިއާ ފެށީ 1999 ވަނަ އަހަރު އެ ޓީމުންނެވެ.

އޭރު އޮންނަ ގޮތުން، ގްރޭޑް 10 ނިންމުމަށްފަހު، އަސްކަރިއްޔާގައި ބޮންޑެއް އޮވެއެވެ. އެހެންވެ، 2000 ވަނަ އަހަރު، އެންއެސްއެސް [މިހާރުގެ އެމްއެންޑީއެފް] ގެ ވަޒީފާ އަށް ނިޔާ ވަނެވެ. ތިން އަހަރުގެ ބޮންޑު ފުރިހަމަ ކުރުމަށްފަހު، އަލުން އޭނާ ފުޓްބޯޅައިގެ ތެރެއަށް އައެވެ. ދެހާސް ތިން ވަނަ އަހަރު ވެލެންސިއާ އިން އަލުން ފުޓްބޯޅައިގެ ތެރެއަށް އައިސް، މިދިޔަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި 14 އަހަރު ފުޓްބޯޅަ ކުޅުނެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން އެންމެ ތަޖުރިބާ ކާރު އެއް ކުޅުންތެރިޔަކަށް ވާނީ، ނިޔާ އެވެ. އޭނާގެ ކެރިއަރުގައި އެންމެ ބޮޑަށް ފާހަގަވީ، ނިއު ރޭޑިއަންޓްގައެވެ.

ކުރިއަށް ސީޒަނަށް ތައްޔާރުވުމަށް، ގްރީންއިން ވަނީ މަސައްކަތް ފަށާފައެވެ. މި ސީޒަންގައި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަނީ، އަލީ ސުޒޭން އެވެ.

ކުރިން އީގަލްސްއަށް ކުޅުނު، ހަސަން އަބްދުﷲ (އުޗީ) ވެސް ވަނީ، މި ސީޒަންގައި ގްރީން އަށް ސޮއި ކޮށްފަ އެވެ.