ދުނިޔެ

އިޒްރޭލުގެ ބޮޑުވަޒީރަށް މޯދީގެ އާދަޔާ ހިލާފު ލޯތްބެއް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޑިއާއަށް ވަޑައިގެންނެވުމުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާދަޔާ ހިލާފު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

ހަ ދުވަހުގެ ރަސްމީ ދަތުރުފުޅެެއްގައި ނަތަންޔާހޫ އިއްޔެ އިންޑިއާއަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ވިދާޅުވުމަށް އެއާޕޯޓަށް ވަަޑައިގެންނެވީ ސީދާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެއީ އެގައުމުގެ އާއްމު ޕްރޮޓޮކޯލްއާ ވެސް ތަފާތު ގޮތެކެވެ.

ނަތަންޔާހޫ މިއަދު އިންޑިއާއަށް ފެށްޓެވި ދަތުރުފުޅަކީ އިޒްރޭލުގެ ބޮޑުވަޒީރަކު އެގައުމަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ނަތަންޔާހޫގެ ކުރިން އިޒްރޭލުގެ ބޮޑުވަޒީރަކު އިންޑިއާއަށް ވަޑައިގެންފައި ވަނީ މީގެ 15 އަހަރުު ކުރިންނެވެ. އިންޑިއާއަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ " އަހަރެމެން މި ގުޅުން ބަދަހި ކުރަނީ އިޒްރޭލާއި ދުނިޔޭގެ މިމުހުއްމު ބާރު(އިންޑިއާ)އާ" ކަމަށެވެ. އަދި ވިދާޅުވީ އެއީ ސަލާމަތީ ގޮތުންނާއި އިގުސާދީ ގޮތުންނާއި ވިޔަފާރިއާއި ޓޫރިޒަމްގެ ދާއިރާއިން ވެސް އިޒްރޭލަށް މަސްލަހަތު އޮތް ކަމެއް ކަމަށެވެ.

މޯދީއާ އެކު ނަތަންޔާހޫ އިއްޔެ ބައިވެރިވެވަަޑައިގެންނެވި ފުރަތަމަ ރަސްމިއްޔާތަކީ ދިއްލީގައިވާ ހަނގުރާމައިގެ ހަނދާނީ ބިނާއެއް ކަމަށްވާ "ޓީމް މުރްތީ ޗޯކް"ގެ ނަން " ޓީން މުރުތީ ހައިފާ ޗޯކް" އަށް ބަދަލު ކުރުމުގެ ރަސްމިއްޔާތެވެ. އެތަނުގެ ނަމަށް ' ހައިފާ' އިތުރުކޮށްފައި އެވަނީ ފަލަސްތީނު މީހުން އަތުން ފޭރިގަނެގެން އިޒްރޭލުން ތަރައްގީކޮށްފައިވާ ބަނދަރުމަތީ ރަށް ހައިފާ އަށް ނިސްބަތްކޮށެވެ. އެއީ ނަތަންޔާހޫގެ ޝަރަފުގައި މޯދީ އެޅުއްވި ފިޔަވަޅެކެވެ.

އަދި ރޭގައި މޯދީ ވަނީ ނަތަންޔާހޫއަށާއި އޭނާގެ އަނބިކަނބަލުންނަށް ހާއްސަ ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވާވާފައެވެ.

ނަތަންޔާހޫގެ ދަތުރުފުޅުގައި އިންޑިއާއާ އިޒްރޭލާ ދެމެދު މިއަދު ވަނީ ޖުމްލަ ނުވަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީގެ ދާއިރާއާއި ދަތުރުފަތުރުގެ ދާއިރާއާއި ޖައްވީ ސައިންސްގެ ދާއިރާގެ އެއްބަސްވުންތައް ހިމެނެއެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރީ ދެބޭފުޅުންގެ މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.

މަޝްވަރާތަކަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ދަނޑުވެރިކަމާއި ސައިންސާއި ޓެކްނޮލޮޖީ އަދި ސަލާމަތީ ކަންކަމަކީ އިޒްރޭލާއި އިންޑިއާގެ ގުޅުމުގެ މައި ތަނބު ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ކަލްޗަރަލް ސެންޓަރެއް އިޒްރޭލުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.

ގުޅިފައިވާ ބަޔާނުގައި ނަތަންޔާހޫ ވިދާޅުވީ " މޯދީއަކީ އިންގިލާބީ ލީޑަރެއް" ކަމަށެވެ.