ފިނިޕޭޖް

މަންމަގެ ބަސް އަހައި ޝަލަބީ އިސްތަށިގަނޑު ކޮށާލައިފި

"މޯލްޑިވިއަން އައިޑަލް" ފުރަތަމަ ސީޒަނުން ވިދާލި ޝަލަބީ އިބްރާހިމްގެ ހިތްގައިމުން އަޑު މިހާރު ވަނީ އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފަ އެވެ. ޝަލަބީގެ ހިތްގައިމު އެ އަޑުން ވިރުވާއަޅާލައި ލަވަތައް މި އޮތީ ދިވެހިންގެ ކަންފަތްތަކުގައި ރަނގަޅަށް ވެސް ހަރުލައިފަ އެވެ. އެކަމަކު މި ފަހަރު ދައްކަން މިއޮތީ ޝަލަބީގެ އެ ގަދަ "އަޑު"ގެ ވާހަކައެއް ނޫނެވެ. ޝަލަބީގެ އެހެން ވާހަކައެކެވެ. އޭނާގެ ސްޓައިލްގެ ވާހަކަ އެވެ. ޝަލަބީގެ ފަން، ދިގު އިސްތަށިގަނޑާއި އަތް ދިގު ގޮޅި ޖެހި ގަމީސް ވެފައި މި އޮތީ ވެސް އޭނާގެ ހާއްސަ ސްޓައިލަކަށެވެ.

ޝަލަބީގެ ފަން ދިގު އިސްތަށިގަނޑަށް ހިތް ދޫނުވާ އަންހެން ކުއްޖަކު ނެތޭ ބުނާ ވަރަށް އެ އިސްތަށިގަނޑަށް ތައުރީފް އެބައޮތެވެ. އެ އިސްތަށިގަނޑާ ހެދި ހޭބަލިވާ ކުދިންނަށް މި އޮތީ މާ އުފާވެރި ވާހަކައެއް ނޫނެވެ. އެ ދިގު އިސްތަށިގަނޑު ޝަލަބީ ހަމަ ކުއްލިއަކަށް ކުރުކޮށް ކޮށާލައި ބުރިބުރިކޮށްލައިފި އެވެ. އެ ސަބަބު ޝަލަބީ މި ވަނީ "އަވަސް" މެދުވެރިކޮށް އޭނާގެ ފޭނުންނަށް ކިޔައިދީފަ އެވެ.

"އެއީ ހަމަ ފެމިލީ ކަމެކޭ. މަންމަ ވަރަށް ބޮޑަށް އެދޭތީ މަންމަގެ އެދުމަށް އިސްތަށިގަނޑު ކުރުކޮށް ކޮށާލީ." މަންމަގެ އާދޭހަށް ބީރު ކަންފަތެއް ނުދޭނެ ކަމަށް ބުނަމުން ޝަލަބީ ބުންޏެވެ. ޝަލަބީ ބުނީ އިސްތަށިގަނޑު ކޮށަން މަންމަ ކިޔާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. މަންމަގެ އަދޭހަށް ކުރިކަމަށްވުމުން ޝަލަބީ އެކަމާއި މާ ބޮޑު ހިތާމައެއް ނުކުރެ އެވެ. އޭނާ ހުރީ މަންމަގެ އެދުން ފުރިހަމަ ކޮށްދެވުނީތީ އުފަލުން އެވެ. ހިތުން ރުހިގެން އެވެ.

މަންމަގެ އާދޭހަށް ޝަލަބީ އިސްތަށިގަނޑު ކޮށާލިއަސް އެކަކު ވެސް ދެރަވާން ޖެހޭ ސަބަބެއް ނެތްތާ ދޯ އެވެ؟ މައިބަފައިގެން ބަސް އެހުމުގައި ވެސް މި ކުޅަދާނަ ލަވަކިޔުންތެރިޔާ މި ވަނީ މިސާލުދައްކާފައި ނޫން ހެއްޔެވެ؟ މިކަމާ ހިތާމަ ނުކުރަން ފޭނުންގެ ކިބައިން އެދެމުން ޝަލަބީ ދިނީ އުފާވެރި ހަބަރެކެވެ. އޭނާ ބުނަނީ ކުރިއަށް އޮތީ ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކަމަށާއި އޭނާގެ އަޑު މިއަހަރު އަދި މާ ގަދަވާނެ ކަމަށެވެ.

"ވަރަށް ބޮޑު މަސައްކަތެއް ފަށައިގެން މި އުޅޭނީ. ފިލްމެއްގެ ލަވަތަކެއްގެ މަސައްކަތް." މި އަހަރަށް ތައްޔާރުކުރާ ފިލްމަކަށް ލަވަ ކިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަލަބީ ބުންޏެވެ.

ލަވަތައް ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި އެހުންތެރިންނަށް ކަމުދާ މަސައްކަތެއް ފެންނާނެ ކަމަށް ޝަލަބީ ބުންޏެވެ. "ލަވަތައް ވަރަށް ދިވެހި ވާނެ. ގިނަބަޔަކަށް ކަމުދާނެ މި ލަވަތައް." ލަވަތަކުގެ މެލޯޑީގެ ވާހަކަދައްކަމުން އޭނާ ކިޔާދިނެވެ.

ޝަލަބީގެ އަޑުން އެންމެފަހުން އިވިގެންދިޔައީ އާ އަހަރުގެ މުނާސަބަތުގައި މި މަހު ނެރުނު "ދޮންވެލި ތުނޑި" އެވެ. ރާފިޔާތާއި އެއްކޮށް ކިޔާފައިވާ އެ ލަވައަށް ބޮޑު ތަރުހީބެއް ލިބުނެވެ. ހަމައެކަނި އޯޑިއޯ ރިލީޒްކޮށްފައިވާ މި ލަވައިގެ ވީޑީއޯއެއްވެސް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް ޝަލަބީގެ ޓީމުން ބުނެ އެވެ. އެހެން ވީމާ އިންތިޒާރު ކޮށްލާށެވެ. އަދި އޭނާގެ ސްޓައިލަށް މިގެނައި ބަދަލާ މެދުވެސް އުފާކޮށްލާށެވެ.