ހަބަރު

އެމްޕީއެލްއިން ހުޅުމާލޭގައި އަޅާ ތިން ޓަވަރުގެ މަސައްކަތް ފަށައިފި

ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އިން ހުޅުމާަލޭ ދެވަނަ ފިޔަވަހީގެ ދަށުން ގާއިމްކުރާ ތިން ޓަވަރު އެޅުމުގެ މަަސައްކަތް އަމަލީ ގޮތުން ފަށައިފި އެވެ.

އެމްޕީއެލްގެ ތިން ޓަވަރު އެޅުމަށް ސަރުކާރުން ހަމަޖައްސާފައިވާ ބިމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. މިއީ ހިޔާ މަޝްރޫއުގެ ދަށުން ބިންގާ އެޅި ފުރަތަމަ މަޝްރޫގެ މަސައްކަތެވެ.

ހިޔާ މަޝްރޫއުގެ ދަށުން އެމްޕީއެލުން ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ 14 ބުރީގެ ތިން ޓަވަރެވެ. ތިން ޓަވަރު ގައި އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓާއެކު ޖުމްލަ 534 އެޕާޓްމެންޓް ހިމެނޭނެ އެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ވެލެނޯބަލް އޯވަސީސްއާ އެވެ. އެކުންފުންޏާއި ހަވާލުކޮށްފައިވަނީ ފުރަތަމަ ފޭސްގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މި މަސައްކަތް ލަސްނުވެ ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށާއި ޓަވަރުތައް ގާއިމް ކުރެވުމުން 3000 އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، 2019 ވަނަ އަހަރު ތިން ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމައި ހަވާލު ކުރެވޭނެ ކަމަށެވެ.

ހަލީމް ވިދާޅުވީ، މުއައްޒަފުންނަށް ލުއި ފަސޭހަ ގޮތެއްގައި އެޕާޓްމެންޓްތައް ލިބޭނެ ގޮތް ހައްދަވާދޭނެ ކަމަށާއި މަސައްކަތް ނިމެމުންދާ މިންވަރަކުން މުއައްޒަފުންނަށް އެޕާޓްމެންޓްތައް ހަވާލު ކުރެވިގެންދާނެ ކަމަށެވެ.

"މީގެ ކުރިން ފެނިފައި އެބަހުރި މަޝްރޫއުތަކެއް ހިގަމުންގޮސް ހުއްޓިފައި ހުރިތަން، ނަމަވެސް މިކަން ހުއްޓުނަ ނުދީ ކުރިއަށް ބާރު ސްޕީޑްގައި ގެންދާނަން،" ހަލީމް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތައް ހިމެނޭ ގޮތަށް 36 ޓަވަރު އަޅާ އިރު އޭގެ ސަބަބުން އެއްލައްކަ މީހުންނަށް ބޯހިޔާވެހިކަން ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ ގިނަ ކުންފުނިތަކުން ވަނީ ޓަވަރު އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާ އިއުލާންކޮށްފަ އެވެ.