ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭނާގެ ދޮށީ އަނބި ފާތުމަތު ލިއުޝާ ވަރިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި އަދީބު، ލިއުޝާ ވަރިކުރީ މިއަދުގެ ވަގުތެއްގައި ފޯނުން ގުޅާފައި ކަމަށް ލިއުޝާގެ އާއިލާގެ މެންބަރަކު "އަވަސް" އަށް ކަށަވަރު ކޮށްދެއްވި އެވެ. އަދީބު ލިއުޝާ ވަރިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. އަދީބު 2015، އޮކްޓޯބަރުގައި ހައްޔަރުކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ލިއުޝާ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
"އަވަސް" އާ ވާހަކަ ދެއްކި ލިއުޝާގެ އާއިލާގެ އެ މެންބަރު ބުނި ގޮތުގައި ދެ ކުދިންނާ އެކު ލިއުޝާ ދިރިއުޅެމުން އަންނަނީ ޔޫއޭއީގަ އެވެ. ވަރިކުރި އިރުވެސް ލިއުޝާ ހުރީ ޔޫއޭއީގައި ކަމަށް އާއިލާގެ މެންބަރު ބުންޏެވެ. އޭނާ އަދި ބުނީ ލިއުޝާ ޔޫއޭއީގައި ދިރިއުޅެނީ ލިއުޝާގެ އާއިލާގެ އެހީތެރިކަމުގައި ކަމަށާއި އަދީބުގެ އެހީތެރިކަމެއް ނެތް ކަމަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން އަދީބު ލިއުޝާއަށް ފޯނުން ގުޅާ ކަމަށް އޭނާ ބުންޏެވެ.
އަދީބު ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އޭނާ ވަނީ އެހެން ކައިވެންޏެއް ކުރައްވައިފަ އެވެ. އަދީބާއި ލިއުޝާގެ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ލިބިފައިވެ އެވެ. އެ ކުދިން ބަލަހައްޓަނީ ލިއުޝާ އެވެ.
މިފަހުން އަދީބަށް ވަނީ ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމުގެ ހުއްދައަށް އެދިފަ އެވެ. އެހެން ނަމަވެސް އެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމާ ގުޅިގެން އަދީބު މިނިވަން ކުރުމަށް ހިންގާ ކެމްޕޭންގައި އިސްކޮށް އުޅޭތަން ފެންނަނީ ހަގު އަނބި ނަޝްވާ އެވެ.
މި ވަރިއާ ގުޅިގެން އަދީބުގެ ވަކީލުގެ ފަރާތްޕުޅުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. އޭނާއަށް ފޯނު ކުރުމުން ޖަވާބެއް ނުދެއްވައެވެ.
އަދީބުގެ ކަމެއްގައި އެންމެ ފަހުން ލިއުޝާ ހަރަކާތްތެރިވިތަން ފެނިފައި ވަނީ މެއި، 31، 2016 ގައި އޭރު އެމްއޯޔޫ އުފެއްދުމަށް އިނގިރޭސިވިލާތުގައި ބޭއްވި ބައްދަލުވުންތަކުގައި އަދީބުގެ މަންދޫބެއްގެ ގޮތުން އެވެ. އަދީބު ހައްޔަރު ކުރި ދުވަސްވަރު ލިއުޝާ ދިރިއުޅުނު އެޕާޓްމަންޓާއި ބޭންކް އެކައުންޓްތައް ވެސް ފްރީޒްކުރި އެވެ. ނަމަވެސް އަދީބު ދެވަނަ ކައިވެންޏެއް ކުރި ފަހުން ލިއުޝާ އާއި އަދީބުގެ ގުޅުން އެހާ ރަނގަޅެއް ނޫން ކަމަށްވެ އެވެ.
އެމްއެމްޕިއާރުސީގެ 1.5 ބިލިއަން ރުފިޔާގެ ކޮރަޕްޝަނާ ގުޅިގެން އަދީބުގެ މައްޗަށް ގިނަ ދައުވާތަކެއް މިހާރުވެސް އުފުލައި ޝަރީއަތް ދަނީ ކުރިއަށެވެ. މީގެ އިތުރަށް ސިއްރު ފުލުހުންނަށް ރިޝްވަތު ދިން ކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.