ބޮލީވުޑް

ބަތަލާއިންނާ ކައިވެނީގެ ސުވާލު ކުރާތީ ސޯނަމް ރުޅިގަދަވެއްޖެ

Jan 16, 2018

މަޝްހޫރު ފަރާތަކަށް ވެއްޖެނަމަ އާންމުންގެ ސަމާލުކަން އެމީހަކު ކުރާ ކޮންމެ ކަމަކަށް ހުއްޓޭނެ އެވެ. އަދި މަޝްހޫރު ތަރިންނާއި ފަރާތްތައް އެމީހުން ކުރާ މަަސައްކަތަކުން މަޝްހޫރު ވުމަށް ވުރެން ބެލުންތެރިންގެ މެދުގައި އެމީހުން މަގުބޫލު ވަނީ ޒާތީ ދިރިއުޅުމާ ގުޅޭގޮތުން ދެކެވޭ ކޮންމެ ވެސް ވާހަކަ އަކާ ގުޅިގެންނެވެ.

މަޝްހޫރު ތަރިންގެ ތެރެއިން ވެސް ޒާތީ ދިރިއުޅުމުގެ ސުވާލުތައް ބަތަލާއިންނާ އަމާޒުވާލެއް ގިނަ އެވެ. އަދި އެ ފަދަ ވާހަކަތައް ދެކެވޭލެއް ވެސް ގިނަ އެވެ.

އެގޮތަށް ބަތަލާއިންނާ އެންމެ ގިނައިން ކުރިމަތިވާ ޒާތީ ދިރިއުޅުމުގެ ސުވާލަކީ ކައިވެނިކުރަނީ ކޮންއިރަކުންތޯ އެވެ.

ބަތަލުންނަށް ވުރެން ގިނައިން ބަތަލާއިންނާ ޒާތީ ދިރިއުޅުމުގެ ސުވާލު ކުރާތީ ހިތްހަމަނުޖެހޭ ކަމަށް މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރު ބުނެފި އެވެ. ސޯނަމް މިހެން ބުނެފައިވަނީ މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ޕެޑްމޭން" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ނޫސްވެރިން އޭނާ ކުރެން ކައިވެންޏަށް ތައްޔާރުވާން ލޯބިވެރިޔާގެ މަންމަ އާއެކު ރަނުގެ ވިޔަފާރި ކުރަން އުޅުނު ވާހަކަ އެއީ ތެދެއްތޯ އެހުމުންނެވެ.

ނޫސްވެރިންގެ އެ ސުވާލުން ހިތްހަމަނުޖެހިގެން ސޯނަމް ވަނީ ބަތަލުންގެ ޒާތީ ދިރިއުޅުމަށް ވުރެން ގިނައިން ބަތަލާއިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މާ ގިނައިން އަހާ ކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.

"ދުވަހަކު ވެސް އެއްވެސް ނޫސްވެރިޔަކު އެހިތަ ރަންވީރާއި ރަންބީރު ކުރެން އެމީހުން ކައިވެނިކުރާނެ ދުވަހެއް. އެކަމަކު އަބަދު ބަތަލާއިންނާ އެ ސުވާލު ކުރިމަތިކުރާނެ،" ސޯނަމް ބުނެފައިވެ އެވެ.

ސޯނަމް ވަނީ އޭނާ އަކީ ކިތަންމެ މަޝްހޫރު ތަރިއެއް ނަމަވެސް އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާތަކުގައި ނުދައްކާނެ ކަމަށް ބުނެފަ އެވެ. ޒާތީ ދިރިއުޅުމުގެ ކަންކަން އޭނާ ގެންގުޅެނީ ވަރަށް ކޮންޓްރޯލް ކޮށްގެން ކަމަށް ބުނަމުން ސޯނަމް ވަނީ އޭނާގެ ވާހަކަ ދެއްކިޔަސް އޭނާގެ ލޯބިވެރިޔާގެ ވާހަކަ ނުދައްކާނެ ކަމަށެވެ. އެއީ އޭނާގެ ލޯބިވެރިިޔާ އަށް ކުރާ އިހްތިރާމެއްގެ ސަބަބުން ކަމަށް ވެސް ސޯނަމް ބުންޏެވެ.

ސޯނަމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ އާނަންދް އަހޫޖާއާ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަކެއް މިފަހުން ވަނީ އަރާފަ އެވެ.

އާނަންދް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދުވަހަކު ވެސް ސޯނަމް މީޑިއާގައި ހާމަކޮށްފައެއްނުވެ އެވެ. ނަމަވެސް އެދެމީހުން ސޯޝަލް މީޑިއާގައި އެ ގުޅުން ވަރަށް ފާޅުކަން ބޮޑުކޮށް ހާމަކުރެ އެވެ.

ސޯނަމް އާއި އާނަންދް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވެފައިވާއިރު، އެ ދެމީހުން އެކުގައި ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ހަފްލާ އަކުން ފެނިގެން ގޮސްފައިވަނީ 2016 ވަނަ އަހަރު އެވެ.

މި އަަހަރު ސޯނަމްގެ ތިން ފިލްމެއް ރިލީޒްވާނެ އެވެ. އެއީ "ޕެޑްމޭން" އާއި ސަންޖޭ ދަތު ބައޮޕިކް އަދި "ވީރެ ދި ވެޑިން" އެވެ.