ދުނިޔެ

ސައުދީ ޝާހީ ބޭފުޅުން ބަންދުކުރި ހޮޓާ އަލުން ހުޅުވަނީ

ސައުދީ އަރަބިއްޔާގެ ޝާހީ ޚާންދާނުގެ ބޭފުޅުންނާއި ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ގޮތުން 200 ވަރަކަށް ބޭފުޅުން ބަންދުކޮށް، ވަގުތީ ގޮތުންް ޖަލަކަށް ހަދާފައިވާ ރިޒް ކާލްޓަން ހޮޓާ އަލުން ހުޅުވަން ތައްޔާރުވެއްޖެއެވެ.

ބީބީސީ ބުނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައިވާ ފަސްތަރީގެ އެހޮޓަލުން އަންނަ ފެބްރުއަރީ މަހުން ފެށިގެން މެހުމާނުން ބައިތިއްބަން ބުކިން ހަދަން ފަށާފައިވާ ކަމަށެވެ. ހޮޓަލުގެ ފަރާތުން ވާހަކަދެއްކި މީހަކު ބީބީސީއަށް އެކަން ކަށަވަރުކޮށްދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. ނަމަވެސް ބުކިން ހައްދަމުން ދަނީ ކުއްލިއަކަށް ވެސް ކެންސަލް ކުރަން ޖެހިދާނެކަން ވެސް ފާހަގަ ކުރަމުންނެވެ.

މިދިޔަ ނޮވެމްބަރުމަހުގެ 4 ވަނަ ދުވަހު އެހޮޓަލުގައި ޝާހީ ބޭފުން ބަންދު ކުރަން ވެގެން ހޮޓަލުގައި ތިބި މީހުން އެހެން ތަނަކަށް ގެންދިޔައީ އެއްވެސް އިންޒާރަކާ ނުލައެެެވެ.

ރިޒްކާލްޓަން ހޮޓަލުގައި ބަންދުކޮށްފައިވާ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އަމީރު ވަލީދު ބިން ތަލާލް ވެސް ހިމެނިވަޑައިގަންނަވައެވެ. އޭނާއާ އެކު ނޮވެމްބަރު މަހު ހައްޔަރު ކުރި ބައެއް ބޭފުޅުން މިހާރު ވަނީ މިނިވަން ކޮށްފައެވެ. އެއީ ކޮރަޕްޝަނުން އެބޭފުޅުން ހޯއްދެވި ކަމަށް ސައުދީ ސަރުކާރުން ތުހުމަތު ކުރާ އަދަދަށް ފައިސާ ދޭން އެއްބަސްވެވަޑައިގެންނެވުމުންނެވެ. އެގޮތުން ސައުދީ ނެޝަނަލް ގާޑްގެ ވެރިޔާ އަމީރު މިސްއަބް ބިން އަބުދުﷲ މިނިވަން ކުރީ އެއް ބިލިޔަން ޑޮލަރު ސަރުކާރަށް ދަައްކަވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.