ބޮލީވުޑް

ޝާހްރުކްގެ "ޒީރޯ" ގައި ކާޖޮލްގެ ފެނިލުމެއް

Jan 16, 2018

ޝާހްރުކް ޚާން މިހާރު ކުޅެމުން އަންނަ ޑައިރެކްޓަރު އާނަންދް އެލް ރާއިގެ ފިލްމުގައި އޭނާ ކުޅެނީ ޑްވާފެއްގެ ރޯލެވެ. އެ ފިލްމުގައި އޭނާ އާއެކު ބަތަލާއިންގެ ރޯލުން ފެނިގެންދަނީ ކެޓްރީނާ ކައިފް އާއި އަނުޝްކާ ޝަރްމާ އެވެ.

ޝާހްރުކް އާއި އަނުޝްކާ އަދި ކެޓްރީނާގެ އިތުރުން މި ފިލްމުގައި މެހެމާނެއްގެ ރޯލުން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. އެ ތަރިންނާ އެންމެފަހުން ގުޅުނު އާ ތަރި އަކީ ޝާހްރުކާ އެކު ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާ ކާޖޮލް އެވެ.

ކާޖޮލް ވަނީ މި ފިލްމުގައި މެހެމާނެއްގެ ރޯލުން ފެނިގެންދާނެކަން ޔަގީންކޮށްދީފަ އެވެ. ކާޖޮލް އާއި ޝާހްރުކް އެކުގައި ފިލްމަކުން ފެނިލާ ކޮންމެ ފަހަރަކު އެ ދެތަރިން ލޯބި ޖޯޑުގެ ޖާދުގައި އެތަކެއް ހާސް ބެލުންތެރިންނެއް ޖައްސުވަ އެވެ.

މި ފިލްމުގައި ފެނިލުމާ ބެހޭގޮތުން ނޫސްތަކަށް ދިން އިންޓަވިއުގައި ކާޖޮލް ވަނީ އޭނާގެ ރޯލު ފިލްމުގައި ކިތަންމެ ކުޑަވިޔަސް ޝާހްރުކާ އެކު އެކްޓްކުރަން ފުރުސަތެއް ލިބުމަކީ އޭނާ އަށް ނުހުނު އުފާވެރިކަން އިހުސާސްކުރެވޭ ކަމެއް ކަމަށެވެ.

"ޝާހްރުކާ އެކު މަސައްކަތް ކުރަނީ ކުރާ ހިތުން. އޭނާ އަކީ ކޮންމެ މަންޒަރަކަށް ވެސް 300 ޕަސެންޓް ދޭ އެކްޓަރެއް. ޝާހްރުކާ އެކު ޝޫޓްކުރާ އިރު އޭނާގެ އެކްޓިން މޮޅުކަމުން އަހަންނަށް ނޭނގި ވެސް އެކްޓްކުރެވޭ،" ކާޖޮލް ބުނެފައިވެ އެވެ.

މި ފިލްމުގައި މެހެމާނުންގެ ރޯލުން ސަލްމާން ޚާން، ރާނީ މުކަރްޖީ، ސްރީދޭވީ، ދިޕިކާ ޕަދުކޯން، އާލިއާ ބަޓް އަދި ޖޫހީ ޗައުލާ ވެސް ފެނިގެންދާނެ އެވެ. މި ހުރިހާ ތަރިން ވަނީ ފިލްމުގައި ނަގަންޖެހޭ މަންޒަރުތައް ނަގައި ނިންމާފަ އެވެ.

ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުތާ "ޒީރޯ" އަކީ ޑްވާފް މީހެއްގެ ހަޔާތް ފެނިގެންދާ ފިލްމެކެވެ. ޝާހްރުކް މި ފިލްމުގައި ކުޅެނީ ކެޓްރީނާއާ ހެދި މޮޔަވެފައި ހުންނަ ޑްވާފެއްގެ ރޯލެވެ. ސަބަބަކީ ފިލްމުގެ ޓީޒާގައި އޭނާ ލައިގެން ހުންނަ ޖެކެޓެއްގައި ކެޓްރީނާގެ ބައިވަރު ފޮޓޯތައް ތަތްކޮށްފައި ހުންނާތީވެ އެެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު އޮންސްކްރީން ޖޯޑުގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ކާޖޮލް އާއި ޝާހްރުކް އެކުގައި އެންމެފަހުން ކުޅެފައިވާ ފިލްމަކީ 2015 ވަނަ އަހަރު ނިކުތް "ދިލްވާލޭ" އެވެ. އެ ފިލްމަކީ ފަސް އަހަރު ވަންދެން ފިލްމު ކުޅުމާ ދުރުގައި ހުރުމަށް ކާޖޮލް ކުޅުނު ފިލްމެކެވެ.