ބޮޑު މަގުބޫލުކަމެއް ލިބުނު ޕޮޕް ބޭންޑެއް ކަމަށްވާ "ޖޯނަސް ބްރަދާސް" ރަސްމީކޮށް ހުއްޓާލުން ވެގެންދިޔައީ އެ ބޭންޑުގެ ފޭނުންނަށް ބޮޑު ހިތާމަޔަކަށެވެ. ބޭންޑު ހުއްޓާލިފަހުން ހަތަރު އަހަރަށް ވުރެ މިހާރު ގިނަ ދުވަސްވެފައިވާއިރު، ފޭނުން ތިބީ ދެން މި ބޭންޑުގެ އަޑެއް ނީވޭނެކަމަށް ހީކޮށް އެ މީހުންނާ މެދު އުއްމީދުވެސް ކަނޑާލައިގެންނެވެ.
މިހެން ތިއްބާ ކުއްލިއަކަށް އެ ބޭންޑުގެ އަޑެއް މިވަނީ ކިޔާފަ އެވެ. ހަތަރު އަހަރު ކުރިން ހުއްޓާލި އެ ބޭންޑުގެ އޮފިޝަލް އިންސްޓަގުރާމް ޕޭޖުވަނީ އިއްޔެ އަލުން އެކްޓިވޭޓްކޮށްފަ އެވެ. އެ ވާހަކަ ކަންފަތުގައި ޖެހުމާއެކު އެ ބޭންޑަށް މަރުދޭ ފޭނުން ދަނީ އަނެއްކާ ޖޯނަސް ބްރަދާސްގެ ރީޔުނިއަންނެއް ފެންނާނެ ކަމުގެ ފެހި ސިގްނަލް ލިބުނީކަމަށް ބުނެ ޝޯޝަލް މީޑިއާގައި އުފާ ނަގަމުން އެވެ.
ދިވެހި ޒުވާން ކުދިންގެ މެދުގައިވެސް ފޯރި ހުރި ބޭންޑަކީ އެއްބަނޑު އެއްބަފާ ތިން ބޭން ކަމުގައިވާ ނިކް ޖޯނަސް، ޖޯއީ ޖޯނަސް އަދި ކެވިން ޖޯނަސް ފެނިގެންދިޔަ ބޭންޑެކެވެ. ޖޯނަސް ބްރަދާސް ވަކީވީ އެ ބޭންޑުން އެންމެފަހު ނެރުނު ލަވަތަކުގައި ތިން ބޭންވެސް އަމިއްލަ ވާޝަނެއް ބޭނުންވެގެން އުފެދުނު ނުތަނަވަސްކަމެއްގެ ތެރޭގައި ބޮޑު ހައިޖާނުގަނޑެއް ހިނގައިގެންނެވެ.
މި މައްސަލައިގައި ތާށިވެ، 2013 ވަނަ އަހަރު އެ ބޭންޑު ފޭނުންނާ އަލްވަދާއު ކީނަމަވެސް އެންމެ ދޮށީ ބޭބެ ކެވިން ނޫން ދެން ތިބި ދެ ބޭންގެ އަޑު ދައިރާއިން ފަނޑުވެފައެއް ނުވެ އެވެ. ކެވިން ޒަވާޖީ ހަޔާތެއް ފަށާ މިހާރު ދެ ކުދިން ލިބުމާއެކު ދާއިރާއާއި އެއްގޮތަކަށް ވެސް ނުފެނެ އެވެ.
ނިކް އަދި ޖޯއީ ހަމަ ދަނީ ކުރިއަށެވެ. ދެ މީހުންވެސް އަމިއްލަ ސޯލޯ އަލްބަތައް ދަނީ ނެރެމުންނެވެ. އަދި ޔަގީން ނުވި ކަމުގައިވީނަމަވެސް މި ބޭންޑުގެ ރީޔުނިއަނެއް ފެންނަ ގޮތް ވެއްޖެއްޔާ އެ އަޑުތަކަށް ކަންފަތް ދޭނެ އެތައް މީހުނެއް އަދިވެސް އެބަތިއްބެވެ.