ހަބަރު

އިތުރު ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި

ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރުމުން ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީގޮތުން މަނާކުރި ވަކީލެއްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ވަކާލާތުކުރުމުގެ ހުއްދަ އަލުން ދީފައިވަނީ އަބުދުﷲ ހަސީނަށެވެ.

އެ ބަޔާނުގައި ވަނީ އެވަކީލުގެ ވަކާލާތުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވަނީ އެ ވަކީލުގެ މައްސަލަ ބެލުމަށް ފަހުގައި ކަމަށެވެ.

ހަސީނަކީ އުނގާފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެފައިވާ ހުސައިން ހުމާމްގެ ގާނޫނީ ވަކީލެވެ. ހަސީން ވަނީ ވަރަށް ގިނަ ހައި ޕްރޮފައިލް ކޭސްތަކަށްވެސް ވަކީލުކަން ކޮށްދީފަ އެވެ. އަދި އިދިކޮޅު އެމްޑީޕީ އިން ބާއްވާ މުޒާހަރާތަކުގައި ބައިވެރިވެގެން ހައްޔަރު ކުރާ މީހުންގެ ވަކީލުންކަން ވެސް އޭނާ ކުރައްވަ އެވެ.

ސުޕްރީމް ކޯޓަށް ޕެޓިޝަނެެއް ހުށަހަޅަން އުޅުމުން ޖުމްލަ 54 ވަކީލަކު ސަސްޕެންޑް ކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅުނު ޕެޓިޝަނަކީ ޝަރުއީ ދާއިރާ އިސްލާހުކޮށްދެއްވުން އެދި ކޮށްފައިވާ އިލްތިމާސެކެވެ.

މީގެކުރިން ވެސް އެކި ފަހަރު މަތިން ގިނަ ވަކީލުންތަކެއްގެ ސަސްޕެންޝަން އުވާލާފައިވެ އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދެ ގާނޫނީ ވަކީލުން ކަމަށްވާ ހިސާން ހުސެއިނާއި އިބްރާހިމް ރިފްއަތުގެ ސަސްޕެންޝަން މީގެ ކުރިން އުވާލާފަ އެވެ. ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ސަސްޕެންޝަން އަދި އުވައެއް ނުލަ އެވެ.