ދުނިޔެ

ގެއެއްގައި ހިލިހިލާ ޖަހާފައި ތިބި 13 ބެއިން ސަލާމަތްކޮށްފި

އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ޕީރީސް ނަމަކަށް ކިޔާ ރަށުގެ ގެއެއްގައި ދިރިއުޅޭ ދެމަފިރިއަކު އެމީހުންގެ 13 ދަރިންގެ ގައިގައި ހިލިހިލާ ޖަހައި ބަންދުކޮށްގެން އުޅެނިކޮށް އެގައުމުގެ ފުލުހުން ވަދެ އެކުދިން ސަލާމަތްކޮށްފިއެވެ.

ރިވާސައިޓް ކައުންޓީ ޝެރިފްސް ޑިޕާޓްމެންޓާ ހަވާލާދީ ސީއެންއެން ބުނީ ބަންދުކޮށްގައި ތިބި 13 ބެއިންގެ ތެރޭގައި އުމުރުން އެންމެ ދެ އަހަރުގެ ކުއްޖަކާއި 29 އަހަރުގެ މީހަކުވެސް ހިމެނޭ ކަަމަށެވެ. އެކުދިންނާއި މީހުން ވަރަށް ނިކަމެތި ހާލަތެއްގައި ބަންްދުކޮށްފައި ތިބި ކަން ފުލުހުންނަށް އެންގީ އޭގެ ތެރެއިން އެއް ކުއްޖަކު އަމިއްލައަށް ސަލާމަތްވެގެން ފުލުހުންނަށް އެކަން އެންގުމުންނެވެ.

ސަލާމަތްވީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖެކެވެ. ދެން ތިބި 12 ކުދިން އެހާލަތުގައި ތިބިކަން އަންހެންކުއްޖާ އާދީއްތަ ދުވަހު ފުލުހުންނަށް އެންގީ ގޭތެެއިން އަތުޖެހުނު މޯބައިލް ފޯނަކުން ގުޅައިގެންނެވެ.

ކެލިފޯނިއާ ފުލުހުން ބުނީ ވަރަށް ހިކޮށް ބަލިކަށިކޮށް ހުރި އެ ކުއްޖާ ދިން މައުލޫމާތާ ގުޅިގެން އެގެއަށް ގޮސް ބެލި އިރު 12 ބަންދުކޮށްފައި ތިބި އެންމެންނަކީ ވެސް ކުދިން ކަމަށް ފުރަތަމަ ހީކުރެވުނު ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހަތް ބޮޑެތި މީހުން ހިމެނޭކަން އެނގުމުން އޮފިސަރުންނަށް ވެސް ހައިރާންކަން ލިބުނު ކަމަށް ވެސް ބުންޏެވެ. އެ އެންމެންނަކީ ވެސް ކުދިން ކަމަށް ހީކުރެވުނީ ތިބިލެއް ކުދި ކަމުންނެވެ.

" ކުޑަކޮށް ކަމީނާ ވެފައި ހުރި އުމުރުން 17 އަހަރުގެ އަންހެންކުއްޖާ ހީވަނީ 10 އަހަރުގެ ކުއްޖެއް ހެން،" ރިވާ ސައިޑް ކައުންޓީ ޝެރިފްސް ޑިޕާޓްމަންޓުން ބުންޏެވެ.

ބަންދުކޮށްފައި ތިބި މީހުންނާއި ކުދިން ތިބީ ވަރަށް ހަޑި ނުބައިވަސްދުވާ އަނދިރި ތަނެއްގައެވެ. އޭގެ ތެރެއިން ކުޑަކުދިންތައް މިހާރު ވަނީ ރިވާ ސައިޑް ޔުނިވާސިޓީ ހެލްތު ސިސްޓަމް މެޑިކަލް ސެންޓަރަށް ގެންގޮސްފައެވެ. ބޮޑެތިމީހުން ގެންގޮސްފައި ވަނީ ކޮރޯނާ ރީޖަނަލް މެޑިކަލް ސެންޓަރަށެވެ.

މައްސަލައިގައި ހައްޔަރުކޮށްފަައިވަނީ ޑޭވިޑް އެލަން ޓާޕިން ނަމަކަށް ކިޔާ އުމުރުން 57 އަހަރުގެ ފިރިހެނަކާއި އޭނާގެ އަންހެނުން ލިއުއިޒް އާނާ ޓާޕިން ( 49.އ) އެވެ.