ބޮލީވުޑް

އަކްޝޭ ބޯ ތަލަ ކޮށްގެން ކޮން ކަމެއް؟

Jan 17, 2018

އާރް ބަލްކީ ޑައިރެކްޓްކުރި "ޕެޑްމޭން" ގެ އިތުރުން އަކްޝޭ ކުމާރު މި އަހަރު ނިކުންނަ ރީމާ ކަގްތީގެ "ގޯލްޑް" އާއި ރަޖްނީކާންތާ އެކު ފެނިގެންދާ ރޮބޮޓްގެ ދެވަނަ ފިލްމު "2.0" އިން ވެސް ފެނިގެންދާނެ އެވެ. މިއިން ކޮންމެ ފިލްމެއްގައި ވެސް އަކްޝޭ ފެނިގެންދަނީ ވަރަށް ތަފާތު ރޯލުތަކުންނެވެ.

އެ ފިިލްމުތަކުގެ އިތުރުން އަކްޝޭ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަރަން ޖޯހަރު އުފައްދާ "ކޭސަރީ" ކުޅޭކަން އިއުލާންކޮށްފަ އެވެ. އެ ފިިލްމުގެ އާންމުކޮށްފައިވާ ޕޯސްޓަރުން އަކްޝޭ ފެންނަނީ ފަގުޑިއެއް އަޅައި ބޮޑު ތުނބުޅިއެއް ލާފައި ހުންނަ ސިކެއްގެ ގޮތުގަ އެވެ.

އާދިއްތަ ދުވަހުގެ ރޭ ރިއަލިޓީ ޝޯ "ބިގްބޮސް" ގެ 11 ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭގައި ބައިވެރިވެ އަކްޝޭ ވަނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ އޭނާގެ ފިލްމު "ޕެޑްމޭން" ޕްރޮމޯޓްކޮށްފަ އެވެ.

އެ ޝޯއިން އަކްޝޭ ފެނުނުއިރު އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ އޭނާގެ ބޮލަށެވެ. ކުރިން ބޯކޮށް އޮތް އިސްތަށިގަނޑު ފެނުނީ އެއްކޮށް ކޮށައި ބޯ ތަލަކޮށްފައި ހުއްޓަ އެވެ.

އަކްޝޭ ކުއްލިއަކަށް ބޯ ތަލަކޮށްލުމުން އެކަމާ ގުޅޭގޮތުން އެކި ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އެއްބަޔަކު ވަނީ އަކްޝޭ ބޯ ތަލަކޮށްލީ، ބޮލުން އިސްތަށި ފައިބާލެއް ގިނަވެ ތަލަވާތީ އެވެ. އަދި އާ އަހަރުގެ ޗުއްޓީ ސައުތް އެފްރިކާގެ ކޭޕްޓައުންގައި ހޭދަކުރިއިރު އަކްޝޭ ހެއާ ޓްރާންސްޕާލްންޓް ހަދަން ވެސް އުޅުނު ކަމަށްވެ އެވެ. ނަމަވެސް އެވަރަށް ވަގުތު ނުވުމުން އެ ހިޔާލު އެ ވަގުތު ދޫކޮށްލީ އެވެ.

އަކްޝޭގެ ގާތްފަރާތަކުން ނޫސްތަކަށް ބުނެފައިވާ ގޮތުގައި ބޯ ތަލަކުރުމުގެ ކުރިން އަކްޝޭގެ ވަނީ އޭނާގެ އިސްތަށިގަނޑު ތުނި ވުމުން އާޓިފިޝަލް ހެއާ ބޮންޑް ކޮށްފަ އެވެ. ނަމަވެސް ގިނަ ދުވަސްވުމުން އަނެއްކާ ވެސް މުޅި އިސްތަށިގަނޑު ތުނިވާން ފެށީ އެވެ. އަދި އޭނާގެ ޑޮކްޓަރުން ވެސް ވަނީ އިސްތަށިގަނޑު ބަލިކަށިވުމުން އިތުރަށް ހެއާ ބޮންޑިން ހެދެން ނެތް ކަމަށެވެ. އެގޮތުން އަކްޝޭ ވަނީ ހެއާ ޓްރާންސްޕްލާންޓް ހަދަން ނިންމާފަ އެވެ. ނަމަވެސް މާ ކުރިން ނިންމައި ތާރީހު ދެވިފައި ހުރި ޕްރޮޖެކްޓްތަކެއް ހުރުމުން އޭނާ އަށް މިފަހަރު ކޭޕްޓައުންގައި ހެއާ ޓްރާންސްޕްލާންޓް ނެހެދުނީ އެވެ.

ނަމަވެސް "ޕެޑްމޭން" ގެ ޕްރޮމޯޝަން އިވެންޓެއްގައި ވާހަކަދައްކަމުން އަކްޝޭ ވަނީ ބޯ ބާލަން ޖެހުނީ އޭނާ ދެން ކުޅޭ ފިލްމު "ކޭސަރީ" ގައި ގިނައިރު ބޮލުގައި ބޮޑު ފަގުޑިއެއް އަޅައިގެން އުޅެން ޖެހުމުން އެއީ އުނދަގޫ ކަމަށް ވާތީ އެވެ. އަދި ގިނައިރު ފަގުޑި އަޅައިގެން އުޅެންޖެހުުމުން ބޮލަށް ވަރަށް ހޫނުވާ ކަމަށް ވެސް އަކްޝޭ ވަނީ ބުނެފަ އެވެ. އެހެންވީ "ކޭސަރީ" ގެ ޝޫޓިން ނިމެންދެން ބޯ ބޭލީ ކަމަށް ވެސް ބުންޏެވެ.