ބޮލީވުޑް

"ގަލީ ބޯއި" ގައި ރަންވީރާއި އާލިއާ ވަރަށް ތަފާތު

Jan 17, 2018

ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފަޔަޖަހަމުން އަންނަ ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންވީރު ސިންގް އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ގަލީ ބޯއި" ގެ ޝޫޓިން އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް އަންނައިރު، އިއްޔެ ވަނީ މި ދެތަރިން ފިލްމުގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަ ފޮޓޯތަކެއް އާންމުވެފަ އެވެ.

މުޅި ސޯޝަލް މީޑިއާގައި އަދި އެ ދެތަރިންގެ ފޭންޕޭޖްތަކުގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އާލިއާ އާއި ރަންވީރު ފިލްމުގެ މަންޒަރުތައް ނަގަމުން އަންނަނީ މުމްބައިގެ ސްލަމް ހިސާބެއްގަ އެވެ.

އާލިއާ ގަޔަށް ދޫ ކުރުތާއެއް ލައިގެން ބުރުގާއެއް އަޅައިގެން ހުންނައިރު ރަންވީރު ފެންނަނީ ކުރުތާއެއްގެ މަތިން ޖެކެޓަކާ އެކު ޖިންސެއް ލައިގެން ހުއްޓަ އެވެ.

މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އާލިއާ މި ފިލްމުގައި ކުޅެނީ މުސްލިމް އަންހެން ކުއްޖެއްގެ ރޯލެވެ.

ރަންވީރު މި ފިލްމު ކުޅެން ހަށިގަނޑަށް ވެސް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. "ޕަދްމާވަތް" ކުޅެން ވަރުގަދަކުރި ހަށިގަނޑުގެ މަސްތައް ދުއްވާލައި ވަނީ ވަރަށް ބޮޑަށް ހިއްކާލާފަ އެވެ. އަދި އޭރ ދިގުކުރި އިސްތަށިގަނޑު ވެސް ވަނީ ކުރުކޮށް ކޮށާލާފަ އެވެ.

ޒޯޔާ އަހްތަރު ޑައިރެކްޓްކުރާ މި ފިލްމަކީ މުމްބައިގެ ސްލަމް ހިސާބަކަށް ނިސްބަތްވާ ރެޕަރެއްގެ ހަޔާތް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގައި ރަންވީރު ކުޅެނީ ރެޕަރެއްގެ ރޯލެވެ. ނަމަވެސް އާލިއާ ކުޅެނީ ކޮން ރޯލެއް ކަން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

ފިލްމުގެ ޝޫޓިން ފެށި ދުވަހު ކުރި ޓްވީޓެއްގައި އާލިއާ ވަނީ "ގަލީ ބޯއި" އަކީ ހުރިހާ ގޮތަކުން ވެސް އޭނާ އަށް ވަރަށް ހާއްސަ ފިލްމެއް ކަމަށް ބުނެފަ އެވެ.

އާލިއާގެ މި އަހަރު ރިލީޒްވުމަށް ހަމަޖެހިފައިވާ ފިލްމު "ރާޒީ" ގައި އޭނާ ކުޅެނީ ކަޝްމީރު އަންހެން ކުއްޖެއްގެ ރޯލެވެ. އެ ފިލްމުގެ ޝޫޓިން ތެރެއިން ވެސް ލީކުވި ބައެއް ފޮޓޯތަކުގައި އާލިއާ ފެންނަނީ ބުރުގާ އަޅައިގެން ހުއްޓަ އެވެ.