ރިޕޯޓް

ވިރެމުންދާ ހިތެއްގެ ވާހަކަ ވީޑިއޯއިން!

ވީޑިއޯ އަދި އެޑިޓިން | އިދުހާމް ނައީމް

އުމުރުން 36 އަހަރުގެ މި މަންމަ ބޭނުން ވަނީ ނުކުޅެދުންތެރިކަން ހުންނަ އާއިލާތަކުގެ ހައްގުގައި ހިތުގެ ފުނުން ވާހަކައެއް ހިސާ ކުރާށެވެ. މަންޒަރު ފެނި އަޑު އިވުމުން ފެނުމުން ގިނަ ބަޔަކަށް ރަށާއި އޭނާ އާއި އާއިލާ އެނގުނު ނަމަވެސް މި ވާހަކައިގެ ތެރޭގައި ރަށާއި އަމިއްލަ ނަން ހިމަނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ އޭނާގެ އަމިއްލަ ނިންމުމެކެވެ. އޭނާގެ ވާހަކަ އަޑު އަހަން ފަސޭހައަކަށް އެއީ ލިއުޝާ ކަމަށް ބަލަމާ ހިނގާށެވެ. ލިއުޝާއަކީ މަޑުމައިތިރި މިޒާޖެއްގެ މަންމައެކެވެ. އޭނާ ހިނިތުންވެލައިގެން ހުރެއެވެ. އެކަމަކު އޭނާ ވަށާލާފައި ވަނީ ނުކުޅެދޭ ދެ ކުދިންނާއެކު 13 އަހަރު ވަންދެން ހޭދަ ކުރެވިފައިވާ އުނދަގޫ ދުވަސްތަކުގެ ވޭނެވެ.

އެހެން މީހުން ފަދައިން ލިއުޝާގެ ދެމަފިރިން ވެސް ބޭނުމީ ދަރިންނާއެކު އުފާވެރި ފަސޭހަ ދިރިއުޅުމެކެވެ. ކައިވެންޏަށް ހަ މަހުގައި ފުރަތަމަ ދަރިފުޅަށް ލިއުޝާ ބަލިވެ އިނެވެ. އުފާ ދެ ގުނަވީ ފުރަތަމަ ދަރިފުޅު މިފާއުގެ އުފަންވުމުންނެވެ. -- މިފާއު އެއީ އަސްލު ނަމެވެ. ކުދީންގެ ނަމާއި މަންޒަރު ހާމަ ކުރާން އެ އާއިލާ ބޭނުންވީ އަމިއްލައަށެވެ. --

ވިހޭ އިރު ބުރަދަނުގައި ހަތަރު ކިލޯ ހުރި މިފާއުގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެންނަން ފެށީ ވިހައިގެން ދެވަނަ ދުވަހު އެވެ. އެ ދުވަހު ދަރިފުޅު ފިޓްޖެހި ހަރަކާތް ހުއްޓި، ހާއްސަ ފަރުވާ ފެށިއްޖެ އެވެ. ވަކި ބައްޔެއް ދެނެ ނުގަނެވި އައިސީޔޫގައި ދިން ފަރުވާއަށްފަހު މިފާއު އަލުން ހީނލައި އާއިލާ އުފާކޮށްލައި ދިނެވެ. ނަމަވެސް އެ އުފާވެރިކަން އޮތީ ދުވަސްކޮޅަކަށެވެ. މިފާއު އަނެއްކާވެސް ބަލިވެއްޖެ އެވެ. މާލެއިން ބަލި ދެނެ ނުގަނެވި އިންޑިއާއަށް ދާންޖެހުނެވެ. އެ ދަތުރުގައި އަނެއްކާ ވެސް މިފާއު ފިޓް ޖެހެން ފެށީ އެވެ. ހުރިހާ ހަރަކާތެއް "ހުއްޓުމަކަށް" އައީ އެވެ.

"މިހާރުވެސް ވަރަށް ހަނދާންވޭ އޭރު ދަރިފުޅު އުޅުނު ގޮތް. މަންމަ ބައްޕަ ވެސް ކިޔާ އުޅުނު. އެކަމަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން 'ޑޮކްޓަރު ވިދާޅުވީ ތައްޔާރުވާށޭ ނުކުޅެދޭ ކުއްޖަކު ގެންގުޅެން'. އެންމެ ހިތްދަތިވި އެއް ދުވަސް އެއީ، އެކަމަކު އަޅުގަނޑުމެންނަށް ވެސް އޭރުވެސް ފާހަގަ ކުރެވޭ މިފާއުގެ ހެދި ބޮޑުވުމުގައި ޑީލޭ ތަކެއް އުޅޭ ކަން. ކަނދުރާ ހަރު ނުލާ އޭރު ވެސް،" ހަނދާންތައް އާ ކުރަމުން ލިއުޝާ ކިޔައިދިނެވެ. -- ނުކުޅެދޭ ކުއްޖަކު ގެންގުޅެން ތައްޔާރުވާށޭ ވިދާޅުވި ޑޮކްޓަރުގެ ނަމެއް ލިއުޝާ ނުދެ އެވެ.

"އިންޑިއާއިން އެނބުރި އައި އިރު މިފާއު ވަނީ ހުރިހާ ކަމެއް ހަނދާން ނެތި ހަރަކާތްތައް ވެސް މުޅިން 'ހިމޭން' ވެފަ،"

ފުރަތަމަ ދަރިފުޅާއެކު ކުރި ހަ އަހަރުގެ ތަޖުރިބާތަކަށްފަހު ދެވަނައަށް ލިބުނު ދަރިފުޅު ވެސް މިފާއު ފަދަ ކުއްޖަކަށް ވެގެން ދިއުންވީ ދެމަފިރިންގެ "ރިހޭފައި މައްޗަށް ފޮއިވެއްޓުން" ފަދަ ކަމަކަށެވެ. ދެވަނައަށް ލިބުނު އަނުމްއަށް ވެސް މިފާއުއަށް ދިމާވި ގޮތްތައް ވާން ފެށުމުން މާލެ އާއި އިންޑިއާއިން ކުރި ފަރުވާއިން އެކުދިންގެ ބައްޔަކީ ކޮބައިކަން ވެސް ދެނެގަނެވުނެވެ. އަދި އެއީ ޖެނެޓިކް ނުވަތަ ވާރުތަކުރާ ބައްޔެއްކަން ވެސް އެނގުނެވެ.

"އަނުމް ވިހެއި ފަހުން އަސްލު ބަލި ދެނެ ގަނެވުނީ. އެހެންވެ ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ އިތުރަށް ކުދިން ނުހޯދަން،" ލިއުޝާ ހިއްސާކުރި އެވެ.

އަނުމް އާ މިފާއުއަށް ދިމާވެފައިވަނީ ނޮން ކެޓޮޓިކް ހައިޕާ ގްލައިސީމިއާ (އެންކޭއެޗް) ކިޔާ ނުކުޅެދުންތެރިކަމުގެ ބަލީގެ ވައްތަރެކެވެ. އެ ބަލީގައި އެ ދެބެއިން އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. އަނުމްއަށް މި އަހަރު ހަތް އަހަރު ވާނެ އެވެ. މިފާއުއަށް 13 އަހަރެވެ.

އެންކޭއެޗް ޖެހުމުން ހަށިގަނޑުގައި ގްލައިސިން ކިޔާ މާއްދާއެއް އުފައްދާ މިންވަރު އިތުރުވެ ސިކުނޑިއަށް ގެއްލުންވެ އެވެ. އަދި ކައިރި ކައިރީގައި ފިޓްޖެހޭ ގޮތްވެ، ވާހަކަ ދެއްކުމާއި ބޭނުން ގޮތަކަށް ހެލިފެލިވެ އުޅުމުން މީހާ މަހުރޫމްކޮށްލަ އެވެ.

ދެ ދަރިންނަށް ދިމާވެފައިވާ ހާލަތާއެކު ކޮންމެ އަހަރަކު ހަދަންޖެހޭ ޓެސްޓުތައް ގިނަ އެވެ. ތކޮންމެ ތިންމަހަކު އެއްފަހަރު އިންޑިއާއަށް ލޭ ފޮނުވައިގެން ހަދަންޖެހޭ ޓެސްޓުތަކަށް ދެ ކުދިން ކުޑައިރު ރަށުން މާލެ ގެނައުން ފަސޭހަ ކަމަކަށް ވިޔަސް ކުދިން ބޮޑެތިވާ ވަރަކަށް އެކަން ކުރުން ވަނީ ދަތި ކަމަކަށެވެ.

ލިއުޝާގެ ދެމަފިރިން ވެސް ތިބީ ކެތްތެރިކަމާއެކު އެވެ. އެ ހާލަތުގައި ވެސް ސާބިތުވެގެނެވެ. ދެހާސްތޭރަ ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނުކުޅެދޭ މީހުންނަށް ކޮންމެ އަހަރަކު ވަކި ވަރަކަށް ފްލެޓް ދޭން ނިންމުމާއެކު އާއިލާގައި އޮތް އުނދަގޫތަކަށް ލުޔެއް ލިބިގެން ހިނގައިދާނެ ކަމުގެ އުފާވެރި އިހުސާސެއް ކުރެވުނެވެ.

"ފިރިމީހާ އުޅެނީ އޮފީހެއްގެ ވަޒީފާއެއް ގައި. ކުދިން ޑޮކްޓަރަށް ދައްކައި ހުރިހާ ކަމެއް ހަމައެކަނި ފިރިމީހާގެ ހަރަދުގައި ކުރަންޖެހޭތީ މާލޭގައި ކުއްޔަށް އުޅެވޭނެ ފަދައެއް ނެތް. އެލަވަންސަށް ވެސް ލިބެނީ 2000 ރުފިޔާ ކުއްޖަކަށް. އެހެން ތިއްބާ ފްލެޓް ދޭ ވާހަކަ އަޑު އިވުމުން އަޅުގަނޑުމެން ވަރަށް އުފާވި. ފްލެޓަށް ލައިގެން ފުރަތަމަ ހެދި ލިސްޓުގައި އަޅުގަނޑުމެންގެ ނަން ހިމެނުނު. ވަރަށް މަތިން މާކްސް ވެސް ލިބުނު. އެކަމަކު އެ ލިސްޓު ބާތިލުކޮށް ދެވަނަ ލިސްޓު އެކުލަވާލި އިރު ނަމެއް ނެތް. ދެން ޖެންޑަ މިނިސްޓްރީއަށް ކުދިން ގޮވައިގެން ވެސް ދިޔައިން. ކުރެވުނު ވަރަށް ގިނަ މަސައްކަތާއެކު އަނެއްކާވެސް އެ ލިސްޓުގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ އުންމީދު އާވެގެންދިޔަ،" ލިއުޝާ ކިޔައިދިނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް 2014 ވަނަ އަހަރު ސަރުކާރުން ދޭން ބުނި 15 ފުލެޓް ދިނުމުގެ މަސައްކަތް 2015 ވަނަ އަހަރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނެފައި ވަނިކޮށް އާންމު ފަރާތަކުން ވަނީ އެކަމާބެހޭ މައްސަލައެއް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ހުށަހަޅައިފަ އެވެ. އެއާ ގުޅިގެން އެ ލިސްޓު އޭސީސީ އަށް ފޮނުވީ އެވެ. އޭގެ ފަހުން ފުލެޓްތަކަށް ވީގޮތް ވެސް ނޭނގި މިއަދާ ހަމައަށް ވެސް ފްލެޓްތައް ދެވޭނެ ގޮތެއް ވަނީ ނުވެފަ އެވެ. ލިއުޝާގެ އާއިލާއިން ދެމުން އައި ދުވަހެއް ނައެވެ.

"އަޅުގަނޑުމެން ވަރަށް ފަހުން ވެސް ޖެންޑާ މިނިސްޓްރީ އަށް ގުޅިން. ބުނީ އެ ލިސްޓު މިހާރު ހައުސިން މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް. އަދި އެކަމަކީ މިހާރު ޖެންޑާގެ ދަށުގައި އޮތްކަމެއް ނޫން ކަމަށް. ފްލެޓް އަޅުގަނޑުމެންނަށް ވަރަށް ގިނަ އުންމީދުތަކެއް އާ ކޮށްދިން. މި ފަހަރުވެސް ދެކުދިން ގޮވައިގެން މާލެ އައިސް ފުރަތަމަ ތިބި ގެސްޓް ހައުސްއިން ނުކުންނަން ޖެހިގެން ރޭގަނޑު ދަންވަރު ރޫމެއް ހޯދަން ދެ ކުދިންނާއެކު އެތައް އިރަކު އުޅެން ޖެހުނު،"

ރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަސްމީ ދަފްތަރެއް ނެތެވެ. ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ އެތަކެއް ހާސް މީހުންނެއް އާބާދީގައި އުޅޭއިރު، ލިއުޝާގެ އާއިލާ ތަހައްމަލު ކުރަންޖެހިފައިވާ އުނދަގޫ ތަޖުރިބާ ކުރަންޖެހިފައިވާ އެތައް ބަޔަކު ތިބޭނެ އެވެ. އެ ހުރިހާ އާއިލާތަކުގެ ހައްގުގައި ނަމަވެސް ސަރުކާރުން ނުކުޅެދޭ އާއިލާތަކަށް ކޮށްދޭން ކަނޑައަޅާ އެފަދަ ކަންކަން އަވަސް ކޮށްދިނުމަށް ލިއުޝާ އޭނާގެ ހިތުގެ ވާހަކަ ކިޔައިދެއެވެ.