ދުނިޔެ

ޒައިނަބު މަރާ ގުޅިގެން ތުހުމަތުވާ މީހާއާ ވައްތަރު މީހަކު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކަސޫރު ސިޓީގައި ރޭޕްކޮށް މަރާލައި، ކުނިގޮނޑަކަށް އެއްލައިލާފައި އޮއްވައި ފެނުނު ޒައިނަބު އަންސާރީ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖާ ރަހީނު ކުރި ކަމަށް ތުހުމަތުވާ މީހާއާ ވައްތަރު މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ޖިއޯ ޓީވީން ބުނީ ސީސީ ޓީވީ ފުޓޭޖްގައި ޒައިނަބު ގޮވައިގެންދާތަން ފެންނަ މީހާއާ ވައްތަރު އެމީހާ ހައްޔަރު ކުރީ ލާހޯރް ސިޓީން ކަމަށެވެ. ލާހޯރު ފުލުހުންނާ ހަވާލާދީ އެޓީވީން ބުނީ އޭނާ މިހާރު ޑީއެންއޭ ޓެސްޓް ހެދުމަށް ޓަކައި ކަސޫރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. ލާހޯރްގެ ބައްޓާ ޗޯކް ނަމަކަށް ކިޔާ ބިނާގެ ކައިރިން އެމީހާ ހައްޔަރުކޮށްފައި ވަނީ މިހަފުތާގެ ކުރީކޮޅު ކަމަށް ވެސް ބުންޏެވެ.

ޕާކިސްތާން ފުލުހުން ބުނެފަައިވާ ގޮތުގައި ހައްޔަރު ކުރި މީހާގެ މޯބައިލް ފޯނުގެ ލޮކޭޝަން ބެލުމުން އޭނާ ކަސޫރުގައި އުޅެފައިވާކަން އެނގޭ ކަމަށެވެ.

ޒައިނަބު ރަހީނުކޮށްގެން ގެންގޮސްފައި ވަނީ މި ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގޭގެ ކަައިރީގަައި ހުއްޓައެވެ. އޭގެ ފަސް ދުވަސް ފަހުން ޒައިނަބުގެ ހަށިގަނޑު ފެނިފައި ވަނީ ކަސޫރުގެ ކުނިގޮނޑަކަށް އެއްްލާފައި އޮއްވައެެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވަނީ އެކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގައި ކަމަށެވެ.

ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީހުން މަރުވެސް ވިއެވެެ.

ކަސޫރު ސިޓީގެ ފުލުހުން ކުރިން ބުނެފައިވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި އެފަދަ 12 ޖަރީމާ ހިންގާފައިވާ ކަމަށެވެ. އެމީހުން ބުނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތުހުމަތު ވަނީ އެކަކަށް ކަމަށާއި އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ޖަރީމާތަކަށް ތުހުމަތުވާ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ.