ހަބަރު

ކުޅުދުއްފުށިން ފަސްޓްލޭޑީއަށް ކީ ރާނީންނަށް ކިޔާފަދަ މަރުހަބާއެއް

ކުޅުދުއްފުށީން ފަސްޓްލޭޑީ ފާތުންއަށް މަރުހަބާ ދަންނަވަނީ
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް މިއަދު ހދ. ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ. މެޑަމް ފާތުންނަށް އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިއަދު ހަވީރު އެކަމަނާ ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން އެ ރަށު އަންހެނުން ވަނީ ރާނީންނަށް އިހު ޒަމާނުގައި ކިޔާ އުޅޭފަދަ މަރުހަބާއެއް ކިޔާފަ އެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށީގެ ރައްޔިތުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެޑަމް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި މައްސަލަ ބޮޑުވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވެސް މެޑަމް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ކުޅުދުއްފުށީގެ އިތުރުން ވެސް މެޑަމްގެ މި ދަތުރުފުޅުގައި ހދ. އިތުރު ރަށްތަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިދިޔަ ހަފުތާ މެޑަމް ވަނީ އއ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

މީގެ ކުރިން ވެސް ފަސްޓްލޭޑީ ވަނީ އެ ކެމްޕެއިންގެ ދަށުން ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ. އެގޮތުން އައްޑޫ ސިޓީ، ހއ. ދިއްދޫ، ރ، މަޑުއްވަރީ، މީދޫއަށް ވެސް އެކަމަނާ ވަޑައިގެންނެވި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910