ދުނިޔެ

ސައުދީން ޔަމަނަށް ދެ ބިލިޔަން ޑޮލަރު ދީފި

ޔަމަނުގެ ބައެއް ކޮންޓްރޯލް ކުރާ ، އެގައުމުގެ ރައީސް ކަަމަށް ބައިނަލް އަގުވާމީ ގޮތުން ގަބޫލުކުރާ އަބުދުއް ރައްބު މަންސޫރު ހާދީގެ ސަރުކާރަށް ސައުދީ އަރަބިއްޔާއިން ދެ ބިލިޔަން ޑޮލަރުގެ އެހީއެއް ދީފިއެވެ.

އަރަބް ނިއުސް ބުނީ ދެބިލިޔަން ޑޮލަރު ޔަމަނުގެ ސެންޓްރަލް ބޭންކަށް ޓްރާންސްފާ ކުރުމުގެ އަމުރެއް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދު ނެރުއްވީ މިއަދު ކަމަށެވެ.

އެ ފައިސާއަކީ ޔަމަނުގެ ރައްޔިތުން ތަަހައްމަލުކުރަމުންދާ ވޭނަށް ލުޔެއް ދެއްވުމަށް ދެއްްވާ އެހީ އެއް ކަމަށް ރަސްގެފާނު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވެއެވެ. ސައުދީ ސަރުކާރުގެ ސައުދީ ޕްރެސް އެޖެންސީ ( އެސްޕީއޭ) އިން ބުނީ އެފައިސާ ދިނުމުގެ މަގުސަދަކީ އީރާނުން މަދަދުދޭ ހޫސީ ހަނގުރާމަވެރިން ހިންގާ ޖަރީމާތަކުގެ ސަބަބުން ޔަމަނަށް ކުރިމަތިވެފައިވާ މާލީ ބުރައަށް ލުޔެއް ދިނުން ކަމަށެވެ.

އަމަން އަމާންކަން އަލުން ގެނަައުމަށް ޔަމަނުން ކުރާ މަސައްކަތަށް އެހީތެރިވުމުގައި ސައުދީން ދެމި އޮންނާނެ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ދެ އަހަރަށް ވުރެ ދިގުލާފައިވާ ހަނގުރާމައިން ޔަަމަނަށް ކުރިމަތިވެފައިވާ ވީރާނާކަމުގެ ޒިންމާ ސައުދީން އަޅުވަނީ ހޫސީންގެ ބޮލުގައެވެ. ނަމަވެސް އެގައުމުގެ ހޮސްޕިޓަލްތަކާއި މަދަނީ އެހެނިހެން ތަންތަން ގިނައިން ހަލާކުވެފައި ވަނީ ސައުދީން އުފައްދައިގެން އުޅޭ އިއްތިހާދުން އެޅި ބޮންތަކުގެ ސަބަބުންނެވެ.


ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ދެ އަހަރު ވީ އިރު، އާއްމުންގެ 10000 މީހުން މަރުވެ އެތައް މިލިޔަން މީހުންނެއް ވަނީ ބަނޑަށް ޖެހިފައެވެ. އަދި ބޭރަށް ހިންގުމުގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ ކޮލެރާ ފެތުރި އެ ބަލި މިހާރު ވަނީ އަށް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައެވެ. އެހުރިހާ ކަމަކާ އެކު ޔަމަނުގެ އާބާދީގެ ބޮޑު ބަޔަކަށް މިހާރު ކާނާ ފޯރުކޮށްދެނީ އެހީދޭ ޖަމާއަތްތަކުންނެވެ.