އިނގެރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ މައްޗަށް އަނެއްކާވެސް ލަވަތަކެއް ކޮޕީ ކުރިކަމުގެ ތުހުމަތުކޮށް، އޭނާގެ މައްޗަށް ދައުވާކުރަން ނިންމައިފި އެވެ.
އެޑްގެ މައްޗަށް ދައުވާކޮށްފައިވަނީ އޯސްޓުރޭލިއާ ކަންޓްރީ މިއުޒިކް ސްޓާރެއް ކަމަށްވާ ޖޭސްމީން ރާއި ކިޔާފައިވާ ލަވައެއްގެ ޅެން ތައްޔާރުކުރި ފަރާތުންނެވެ. އެމެރިކާގެ ދެ ލަވަކިޔުންތެރިން ކަމުގައިވާ ޓިމް މެކްގްރޯ އަދި ފެއިތް ހިލް ކިޔާފައިވާ "ދަ ރެސްޓް އޮފް އަވާ ލައިފް، ކިޔާ އެ ލަވައިގެ ޅެމަކީ އެޑް ކޯ ރައިޓް ކޮށްފައިވާ ލަވަ އެކެވެ. "ދަ ރެސްޓް އޮފް އަވާ ލައިފް" އަކީ މިދިޔަ އަހަރު އިންޓަނޭޝަނަލީ އެންމެ ހިޓްވި ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ.
އެ ލަވަ އެއްގޮތް ކަމަށް ބުނާ އޮސްޓްރޭލިއާގެ ލަވަ "ވެން އައި ފައުޑް ޔޫ" ގެ ނޯޓުތައް އަކުރުން އަކުރަން ކޮޕީކޮށްފައިވާކަމަށް ދައުވާގައި ބުނެފައިވެ އެވެ. އެ ލަވަގެ ޅެން ލިޔެފައިވާ ސިޑްނީގެ ދެ ޅެންވެރިންނެވެ. އެ ދެ ޅެންވެރިން އެޑްގެ މައްޗަށް ކޮށްފައިވާނީ "ކޮޕީރައިޓް އިންފްރިގްމެންޓް" ނުވަތަ މީހެއްގެ އަމިއްލަ އުފެއްދުމެއް ނުހައްގުން ބޭނުންކުރިކަމުގެ ދައުވާ އެވެ. އެ ދައުވާގައި އިތުރަށް އެ ދެ ޅެންވެރިން ބުނެފައިވާނީ ލިބުނު ގެއްލުމަށް ފަސް މިލިއަން ޑޮލަރުގެ ބަދަލު ބޭނުންވާކަމަށާއި، އަދި އެޑް ކޮޕީކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ލަވަ އެއްކޮށް ބްލޮކް ކޮށްލުމަށް އެދޭކަމަށެވެ.
މި ދައުވާއާއި ބެހޭގޮތުން އެޑް، މެކްގްރޯ އަދި ހިލްވެސް މީޑިއާއަށް ކޮމެންޓެއް ދީފައެއް ނުވެ އެވެ. އެޑްގެ މައްޗަށް މި ދައުވާ އުފުލާފައިވާއިރު، އޭނާގެ އެހެން ލަވައެއް ކަމަށްވާ "ފޮޓޯގުރާފް" އަކީވެސް ކޮޕީއެއް ކަމަށް ބުނެ ކުރި ދައުވާއާއި ގުޅިގެން 20 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދައްކާފައިވެ އެވެ.
މީގެ އިތުރުން އެޑްގެ އެންމެފަހުން ނިކުތް އަލްބަމްގެ ލަވައެއް ކަމަށްވާ "ޝޭޕް އޮފް ޔޫ" އާއި ސިއާގެ "ޗީޕް ތްރިލްސް އަދި ކެޕްމޭންގެ 1998 ވަނަ އަހަރުގެ ޓްރެކެއް ކަމަށްވާ "މައުންޓެން އޯ ތިންގްސް" އާއި އެއްގޮތް ކަމެއް ހުރިކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފަ އެވެ.