ބޮލީވުޑް

"ބްރަހަމަޝްތުރާ" ގެ ނުބައިބައި ރޯލަކަށް މޯނީ

Jan 18, 2018

ޒުވާން ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އަލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބްރަހަމަޝްތުރާ" އިއުލާންކުރުން އެތަކެއް ދުވަހެއް ލަސްވެގެން ދިޔަޔަސް މި ފިލްމު އިއުލާންކުރި އިރު ފިލްމު ޕްރޮޑިއުސްކުރާ ދަރްމާ ޕްރޮޑަކްޝަންގެ ވެރިޔާ ކަރަން ޖޯހަރު ވަނީ މި ސިލްސިލާގެ ތިން ފިލްމެއް ނިކުންނާނެ ކަމަށް ބުނެފަ އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމަކީ ފެންޓަސީ އެޑްވެންޗާ އެކެވެ.

ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ކުންފުނި، ދަރްމާއިން އުފައްދާ މި ފިިލްމަކީ އެ ކުންފުނިން އުފައްދާ އެންމެ އަގުބޮޑު އަދި އެންމެ ވަރުގަދަ ފިލްމުގެ ގޮތުގައި ވަނީ އިއުލާންކޮށްފަ އެވެ.

ރަންބީރާއި އާލިއާގެ އިތުރުން މެގަސްޓާ އަމީތާބް ބައްޗަން ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގެ ބައެއް ތަމްރީނުތައް މި މަހުގެ ކުރީކޮޅު ރަންބީރާއި އާލިއާ ވަނީ އިޒްރޭލުގައި ފުރިހަމަކޮށްފަ އެވެ.

މި ފިލްމާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން ފިލްމުގެ ނުބައިބައި ރޯލެއް ކުޅެން ޓީވީ ތަރި މީޯނީ ރޯއި އަށް ވަނީ ހުށަހަޅާފަ އެވެ. މޯނީ މިހާރު ވަނީ އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމު "ގޯލްޑް" ގެ ޝޫޓިން ނިންމާފަ އެވެ.

މަގުބޫލު ޓީވީ ޑްރާމާ "ނާގިން" ގައި ނުބައިބައި ރޯލެއް ކުޅެގެން ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވާ މޯނީ "ބްރަހަމަޝްތުރާ" ގައި ފެނިގެންދާނީ ވަރަށް ނުބައި މީހެއްގެ ރޯލުންނެވެ. މޯނީ ޓީވީ ޑްރާމާ ކުޅުނުއިރު ވެސް ގިނައިން ކުޅެފައިވާ ނުބައިބައި ރޯލުތަކެވެ. އެހެންކަމުން އޭނާ އަށް މި ފިިލްމުގައި އެ ރޯލު އަދާނުކުރެވޭނެ ކަމާމެދު ޝައްކެއް ވެސް ނުއުފެދެ އެވެ.

މި އަހަރުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓުގަ އެވެ.