ބޮލީވުޑް

ޕްރަބާސް ބޮލީވުޑަށް ނިކުންނަ ފިލްމުގެ ބަތަލާ އަކަށް ދިޕިކާ

Jan 19, 2018

"ބާހުބަލީ" ގެ ކާމިޔާބާ އެކު ސައުތްގެ އެކްޓަރު ޕްރާބާސްގެ ވިދުން ގަދަވެ، އޭނާ އިންޓަނޭޝަނަލް ސްޓާރަކަށް ބަދަލުވެގެން ދިޔަ އެވެ. އިންޑިއާގެ އިތުރުން ބޭރު ދުނިޔޭގެ އެކި ގައުމުތަކުގައި ވެސް ބޮޑު ކާމިޔާބީއެއް އެ ފިިލްމަށް ލިބުނުއިރު ޕްރަބާސް އަށް އަންނަނީ ބޮޑެތި ފިލްމުތަކުން ފުރުސަތުތައް ލިބެމުންނެވެ.

ޕްރަބާސް އަށް ބޮލީވުޑްގެ ފިލްމުތަކުން ވެސް ފުރުސަތުތައް ލިބެމުން އަންނައިރު، އެންމެ ފުރަތަމަ އޭނާ ކުޅޭ ހިންދީ ފިލްމަކީ މީގެ ތިން އަހަރު ކުރިން ކުޅެން އެއްބަސްވެފައި އޮތް ފިލްމެކެވެ. އެ ފިލްމުގެ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައި ނެތަސް، ޕްރަބާސް އާއެކު ބަތަލާގެ ރޯލު ކުޅެން މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އަށް ހުށަހަޅާފައިވާ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

މި ފިލްމުގެ ބަތަލާގެ ރޯލު ދިޕިކާ އަށް ހުށަހަޅައި އޭނާ އާއެކު މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށްވެ އެވެ. ދިޕިކާ މި ފިލްމު ކުޅެން އެއްބަސްނުވެދާނެ ކަމަށް ބަލައި، އެ ރޯލު އާލިއާ ބަޓް އާއި ކެޓްރީނާ ކައިފަށް ވެސް ހުށަހަޅާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިލީޒްނުކުރެވި ތާށިވެފައި އޮތް ދިޕިކާ "ޕަދްމާވަތު" މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމުގެ ހުއްދަ މިހާރު ވަނީ ލިބިފަ އެވެ. ދިޕިކާ ދެން އެންމެ އަވަހަށް ކުޅެން ފަށާނެ ކަމަށް ވަނީ އިރްފާން ޚާނާ އެކު ކުޅޭ ސަޕްނާ ދީދީގެ ބައޮޕިކެވެ.