ހަބަރު

ގާސިމްގެ ރިސޯޓްތައް ފާސްކުރާތީ ދެ ރައީސުންގެ ފާޑުކިޔުން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތަކަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ޓީމްތަކެއް ރޭ އެރަށްތަކަށް އަރައި ފާސް ކުރަމުންދާތީވެ، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބުދުލްގައްޔޫމް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުން ހުރިހާކަމެއް އިންސާފުން ކުރާ ކަމަށް ބުނަމުންދާ ކަމަށެވެ. ނަމަވެސް ފެނިގެން މިދަނީ، އެންމެ މީހެއްގެ ފަސް ރިސޯޓަށް ކަސްޓަމްސް އާއި ފުލުހުން އަރައި ކުއްލި ގޮތަކަށް ފާސް ކުރުމުންދާ މަންޒަރު ކަމަށެވެ. ރައީސް މައުމޫން ވަނީ އެކަމަކީ އިންސާފުން ކުރެވޭ ކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދާފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް ނަޝީދުވެސް ވަނީ މިއަދު ޓްވީޓެއް ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ، ސިޔާސީ ބޭނުމަކަށް ރިސޯޓްތަކަށް ފުލުހުން ފޮނުވައި ފަތުރުވެރިން ބިރުގެންނެވުމުން، ގެއްލުން އެދެވެނީ މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށެވެ. އެކަން ވަނީ ނަޝީދު ކުށްވެރިކުރައްވާފަ އެވެ.

ފުލުުހުންނާއި ކަސްޓަމްސް އިން ރޭ ފާސް ކުރަމުންދަނީ ގާސިމްގެ ފަސް ރިސޯޓް ކަމަށްވާ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ ކަސްޓަމްސްއިން ހިންގާ އޮޕަރޭޝަނެއްގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ވިލާގެ ރިސޯޓްތައް މެނޭޖް ކުރެއްވުމުގައި މިހާރު އިސްވެ ހުންނަވާ ގައިސަރު ނަސީމް ރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ވިލާގެ ހުރިހާ ރިސޯޓަކަށް ރޭ 7:30 ގައި ފުލުހުންނާއި ކަސްޓަމްސްގެ ޓީމްތައް އެއްފަހަރާ އަރާ ފައިވާ ކަމަށާއި އެ ފަރާތްތަކުން ބޭނުން ވަނީ އެ ރިސޯޓްތަކުގައި ރަލާއި އޫރު މަސް ބޭނުން ކުރާ ގޮތާއި ކުރާ މީހުންނާއި އެތަކެތީގެ ސްޓޮކް ހުރި ވަރެއް ބެލުމަށް ކަމަށާއި އެގޮތުން ބާތަކާއި ސްޓޯރްތައް ބަލަމުން ގެންދާ ކަމަށެވެ. މިހާރުވެސް ހުރިހާ ރިސޯޓެއްގައި އޮޕަރޭޝަން ކުރިޔަށް އެބަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވީ ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމްގެ ފަސް ރިސޯޓަށް އެއް ފަހަރާ ފުލުހުންނާއި ކަސްޓަމްސް އިން އަރައި ފާސް ކޮށް ހަދަން ފެށުމުން މުވައްޒަފުންނާއި ޓޫރިސްޓުންނަށް ވެސް ނަފުސާނީ ގޮތުން އަސަރުކޮށް ސުވާލު އުފައްދަމުން އަންނަ ކަމަށެވެ. ބައެއް ޓޫރިސްޓުން ސިހި ބިރުގެންފައިވާ ކަމަށެވެ.

ގައިސަރު ވިދާޅުވީ ގާސިމް އެއްވެސް ރިސޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުހިނގާނެ ކަމަށައި އެފަދަކަށް ކަމަށް ހިތްވަރުވެސް ނުދޭއިރު ރަލާއި އޫރު މަހުގެ ވިޔަފާރި އެ ފަސް ރިސޯޓްގައި ކުރަނީ އެކަމަށް އޮންނަ ގާނޫނީ ހުއްދަތައް ހޯދައިގެން ކަމަށެވެ.