ދުނިޔެ

އެމެރިކާ އެމްބަސީ މިއަހަރު ގުދުސަކަށް ބަދަލެއް ނުކުރާނެ

( ރޮއިޓާސް) އިޒްރޭލުގައިވާ އެމެރިކާގެ އެމްބަސީ މިއަހަރުގެ ތެރޭގައި ގުދުސަށް ބަދަލުކުރާނެ ކަަމަށް އިޒްރޭލުން ބުނުމުން އެމެރިކާއިން އެކަން ދޮގުކޮށްފިއެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އޭނާއާ އެކު ގެންދެވި އިޒްރޭލުގެ ނޫސްވެރިންނާ ވާހަަދައްކަވަމުން ބޮޑުބަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ އެމްބަސީ ބަދަލުކުރުމުގެ ކަންތައް ހީކުރާ ވަރަށް ވުރެ އަވަހަށް ނިމޭނެ ކަަމަށެވެ.

"... މިހާރުން ފެށިގެން އަހަރު ދުވަހުގެ ތެރޭގައި،" ނަތަންޔާހޫ ބުދު ދުވަހު ވިދާޅުވިއެވެ.

ނަމަވެސް ރޮއިޓާސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމެރިކާގެ ރައީިސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވީ އެގޮތަށް އެކަން ނުވާނެ ކަމަށެވެ.

" މިއަހަރު ނިމޭ އިރު؟ އަހަރެމެން މި ދައްކަނީ ތަފާތު ތަސައްވުރެއްގެ ވާހަކަ. މި ބުނީ އެހެންވިއްޔާ އެކަން ވާނީ ޔަގީނުންްވެސް ވަގުތީ ގޮތުންނޭ. އެގޮތަށް ކަންތައް ކުރާކަށް އަހަރެމެން ނުވިސްނަަން. އެހެންނެއް ނޫން،" ރޮއިޓާސްއަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ ގުދުސުގައި އަޅާނީ ވަރަށް ރީތި އެމްބަސީއެއް ކަމަށެވެ. ނަމަވެސް އެކަމަށް 1.2 ބިލިޔަން ޑޮލަރު ހަރެއް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ފާޑުވިދާޅުވުމަށް ކަމަށް ބެލެވެއެވެ. އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި އޮބާމާ ސަރުކާރުން ބިނާކުރި އެމްބަސީގެ އިމާރާތަށް 1.2 ބިލިޔަން ޑޮލަރު ހަރަދުވި ކަމަށް ޓްރަމްޕް ކުރިން ވަނީ ވިދާޅުވެފައެވެ. އެހެން ވިދާޅުވެ، އެ އެއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައި ނުގަންނަވަންވެސް ޓްރަމްޕް ވަނީ ނިންމަވާފައެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.