ދުނިޔެ

ދިއްލީގެ ސްކޫލްތައް ބެލެނިވެރިންގެ ފޯނުތަކުން ބަލައިލެވޭގޮތަށް ހަދަނީ

އިންޑިއާގެ ވެރިރަށް ނިއުދިއްލީ އެ ސްޓޭޓެއްގައިވާ ދިއްލި ސްޓޭޓުގެ ސްކޫލުތަކުގެ އެތެރޭގަައި ސީސީޓީވީ ކެމެރާތައް ހަރުކޮށް، އެޕްލިކޭޝަނެއްގެ އެހީގައި އެތަންތަނުގެ އެތެރޭގައި ކަންހިނގާ ގޮތް ބެލެނިވެރިންނަށް ވަގުތުން ވަގުތަށް ބަލައިލެވޭނެ އިންތިޒާމް ހަމަޖައްސަން ސަރަހައްދީ ސަރުކާރުން ނިންމައިފިއެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖުރުވާލް އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ހުރިހާ ސްކޫލެއްގައި ކެމެރާ ހަރުކުރާނެ ކަމަށެވެ. ކެޖުރުވާލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތައުލީމީ ނިޒާމުގެ ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރު ކަން އިތުރުކުރަން އަޅުއްވާ ފިޔަވަޅެއް ކަމަށެވެ.

ދިއްލީ ސަރުކާރުގެ މިފަދަ މިފިޔަވަޅެއް އަޅަން ނިންމާފައި މިވަނީ އެ ސްޓޭޓްގެ ސްކޫލްތަކުގައި ދާދި ފަހުން ބޮޑެތި ޖަރީމާތަކެއް ހިންގާފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ހާދިސާއަކީ މިދިޔަ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހު ހިނގި ހާދިސާއެކެވެ. އެހާދިސާގައި ސްކޫލެއްގެ ފާހާނައިގައި ކުޑަ ކުއްޖެއްގެ ކަރުބުރިކޮށްލިއެވެ. ވެރިރަށް ނިއުދިއްލީގެ ކައިރީގައިވާ ގާރް ގާއުން ނަމަކަށް ކިޔާ އަވަށުގައި ހިނގި އެހާދިސާގެ ފަސް ދުވަސް ފަހުން ، ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލުމުގެ ހާދިސާއެއް އެހެން ސްކޫލެއްގައި ހިނގިއެވެ.

ކެޖުރުވާލްގެ ނިންމެވުމަށް ބައެއް ބެލެނިވެރިން މަރުހަބާ ކީ އިރު އަނެއްބައި ބެލެނިވެރިން ބުނީ އެއީ މޮޔަ ކަމެއް ކަމަށެވެ. - ބީބީސީ