ހަބަރު

ބޭރުން ފޮރެންސިކް ތަހުލީލެއް ހެދުމުގެ ފުރަތަމަ ފުރުސަތު ފާރިސްއަށް

ދައުވާ ލިބޭ ފަރާތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސާންޕަލް އަމިއްލަަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ފޮރެންސިކް ތަހުލީލު ހެދުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންތިޒާމްތައް ހަމަޖައްސަން ފަށައިފި އެވެ. މިކަން ކުރައްވަނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ.

ފާރިސް އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތަކުގަ އެވެ. އެ ހުށަހެޅުއްވުން ހުށަހަޅުއްވަމުން މީގެކުރީގެ އަޑުއެހުމުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު އެދިވަޑައިގެންފައިވަނީ، މިނިވަން މުސްތަގިއްލަ ތިންވަނަ ފަރާތަކަށް ވީޑިއޯ، އޯޑިއޯ އެނާލިސިސް ރިޕޯޓް ހެދުމަށް ދިނުމުގެ އަމުރެއް ނެރެދިނުމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ފާރިސްގެ ފަރާތުން ފާހަގަކުރީ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވުމެވެ. އެގޮތުން އެ ރިޕޯޓް ތައްޔާރުކުރީ އެ މައްސަލާގެ ތަހުގީގުގައި ވެސް ހަރަކާތްތެރިވި ފުލުހެއް ކަމަށާއި ރިޕޯޓް އޮޅުވާލުމުގައި އޭނާގެ މަސްލަހަތެއް އެބަ އޮތް ކަމަށެވެ. އަދި މިފަހުން ހިނގާފައިވާ ބައެއް ކަންކަމަށް އިޝާރާތްކޮށް ފުލުހުންގެ ތަހުލީލުތައް ގޯސްވެފައިވާ ނުވަތަ ފަހުން އިތުރު ކަންކަން ސާފުވެފައިވާކަން ފާރިސްގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ޕީޖީގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ، އެކަމަށް އިއުތިރާޒް ނުކުރައްވާ ކަމަށެވެ. ފުލުހުންގެ އަތުގައި ހުރި ތަކެތި ބޭރަށް ގެންގޮސް ތަހުލީލުކުރުމުގެ ފުރުސަތު އޮންނާނެތޯ ދައުލަތާ ސުވާލުކުރުމުން ޕީޖީގެ ވަކީލް ވިދާޅުވީ، އަމިއްލައަށް ބޭރު ގައުމުތަކަށް ފޮނުވައިގެން ތަހުލީލުތައް ހެދުމަކީ ބޭރުގެ ގައުމުތަކުގައި ކޮށް އުޅޭ ކަމެއް ކަމަށެވެ. މިހާތަނަށް ރާއްޖޭގައި އެގޮތަށް އަމަލުކޮށްފައިނުވި ނަމަވެސް ރާއްޖޭގައި ގާނޫނުތަކުން ވެސް އެ ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހެކީގެ އަސްލު ނުގެއްލޭ ގޮތަށް ފުލުހުން އެތަކެތި ދައުވާ ލިބޭ ފަރާތަށް ދޫކުރެވޭނެ ކަމަށެވެ.

ފާރިސްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ މިއަދުގެ އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި 23 ހުށަހެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ބޭރަށް ސާންޕަލް ފޮނުވައިގެން މިނިވަން ފަރާތެއް މެދުވެރިކޮށް ތަހުލީލު ހެދުމަށް ފާރިސްގެ ފަރާތުން އެދިވަޑައިގެންފައިވާއިރު އެކަމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރައްވާ ކަމަށެވެ. އަދި، މިހާރު އެކަން ކުރެވޭނެ ފަރާތެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް، ދައުލަތުގެ ވަކީލްގެ ބަހެއް އެކަމަށް ދެއްވުމަށް އެދިވަޑައިގަތުމުން ވަކީލް ވިދާޅުވީ، އެކަމުގައި ދައުލަތުގެ ސްޓޭންޑަށް ބަދަލެއް ނާންނަ ކަމަށެވެ. އެއީ ފާރިސްއަށް އޮތް ހައްގެއް ކަމަށެވެ. އެކަން ރާއްޖޭގެ ގާނޫނުތަކުން ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ، ގާޒީ އަލީ އާދަމް ވަނީ، ސާންޕަލް ބޭރަށް ފޮނުވައިގެން ތަހުލީލު ހެދުމުގެ އިންތިޒާމް ހަމަޖައްސައި، އެކަން ހަތް ދުވަސް ތެރޭގައި ކޯޓަށް އެންގުމަށް އަންގަވާފަ އެވެ. ހަތް ދުވަސް ފަހުން ބާއްވާ އަޑުއެހުމުގައި ހުރިހާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ، ހަތް ދުވަސް ތެރޭގައި އެ މައުލޫމާތު ކޯޓަށް ހުށަހަޅުއްވަންވާނެ ކަމަށެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިންމެންދެން ފާރިސް ބަންދުކޮށްފައިވާއިރު، އެ މައްސަލާގައި ދެން ޝާމިލުވާ ޝާފިއުއަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ. ފާރިސް ހައްޔަރުކޮށް، ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް ވެސް ވަނީ މަޑުޖެހިފަ އެވެ.