ދުނިޔެ

ޕާކިސްތާނުގައި މިފަހަރު ރޭޕްކޮށް މަަރައިލީ ހަތަރު އަހަރުގެ ކުއްޖެއް

އުމުރުން ހަތް އަހަރުގެ ޒައިބު އަންސާރީ ރޭޕްކޮށް މަރާލައި، ކުނިގޮނޑަކަށް އެއްލައިލާފައި އޮއްވައި ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ޕާކިސްތާނުގައި ހަމަ އެފަދަ ހާދިސާއެއް ހިނގައިފިއެވެ.

މަރުދާން ނަމަކަށް ކިޔާ ރަށުގައި ރޭޕްކޮށް މަރައިލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނީ އަސްމާ ނަމަކަށް ކިޔާ އުމުރުން އެންމެ ހަތަރު އަހަރުގެ ކުއްޖެކެވެ.

މަރުދާން ސިޓީގެ ގުއްޖާރު ގަޑީ ޑިސްޓްރިކްޓްގެ މޭޔަރު ހިމާޔަތުﷲ މަޔާރް ބުދަދުވަހު އަލް ޖަޒީރާއަށް ވިދާޅުވެފައި ވަނީ އަސްމާގެ ހަށިގަނޑު ފެނުނީ އުއްދަނޑިފީންޏެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑު ދުށިން އެކުއްޖާގެ އޮޓޮޕްސީ ރިޕޯޓް. އެ ރިޕޯޓުގައި ސާފުކޮށް ބުނެފައި އޮތީ ނޭވާ ހާއްކޮށްލައިގެން މަރައިލުމުގެ ކުރިން އެކުއްޖާ ރޭޕްކޮށްފައިވާ ކަމަށް،" ހިމާޔަތުﷲ އަލް ޖަޒީރާއަށް ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވެފައި ވަނީ އަސްމާ އަކީ ފަގީރު އާއިލާއެއްގެ ކުއްޖެ ކަމަށެވެ. އޭނާގެ ބައްޕަ އުޅެނީ ސައުދީ އަރަބިއްޔާގައި މަސައްކަތުމީހެއްގެ ވަޒީފާގަައި ކަމަށް ވެސް ވިދާޅުވެގައި ވެއެވެ.

ޕާކިސްތާނު ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިހާދިސާ ހިނގާފައި މިވަނީ ޒައިނަބު މަރައިލި މައްސަލަގައި ޕާކިސްތާނު މީހުން މުޒާހަރާތައް ކުރަމުން ދަނިކޮށެވެ.


ޒައިނަބު ރަހީނުކޮށްގެން ގެންގޮސްފައި ވަނީ މި ޖެނުއަރީމަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ބޮޑުދައިތައެއްގެ ގޭގެ ކަައިރީގަައި ހުއްޓައެވެ. އޭގެ ފަސް ދުވަސް ފަހުން ޒައިނަބުގެ ހަށިގަނޑު ފެނިފައި ވަނީ ކަސޫރުގެ ކުނިގޮނޑަކަށް އެއްްލާފައި އޮއްވައެެވެ. އެކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައި ވަނީ އެކުއްޖާ މަރާލާފައި ވަނީ ރޭޕް ކުރުމަށް ފަހުގައި ކަމަށެވެ.

ޒައިނަބުގެ މަރާ ގުޅިގެން ޕާކިސްތާނުގެ ބޮޑެތި ޝަހަރުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ބައެއް މީހުން މަރުވެސް ވިއެވެެ.

ކަސޫރު ސިޓީގެ ފުލުހުން ކުރިން ބުނެފައިވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އެ ރަށުގައި އެފަދަ 12 ޖަރީމާ ހިންގާފައިވާ ކަމަށެވެ. އެމީހުން ބުނީ އޭގެ ތެރެއިން ފަސް ހާދިސާއެއްގެ ތުހުމަތު ވަނީ އެކަކަށް ކަމަށާއި އޭނާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބުނީ ޖަރީމާތަކަށް ތުހުމަތުވާ 90 މީހެއްގެ ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށެވެ.