ހަބަރު

ދަރިވަރުންގެ މެދުގައި އަމާންކަން ގާއިމް ކުރަން ވަނީ ނުކުޅެދިފައި

މި ސަރުކާރުން ސުކޫލުގެ ދަރިވަރުންނަށް އަމާން ވެއްޓެއް ގާއިމް ކުރުމަށް ނުކުޅެދިފައިވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ޕްރެސްގައި ޝިފާޒް ވިދާޅުވީ، މިސަރުކާރުން އަމާން ވެއްޓެއް ގާއިމް ކުރުމަށް ވަނީ ފެއިލްވެފައި ކަމަށާއި ވަކިން ހާއްސަކޮށް ތައުލީމީ ނިޒާމުގެ ތެރޭގައި ހުރި ކަންކަންކަމަށް މިސަރުކާރުން އަޅާ ނުލާ ކަމަށެވެ. އަދި ވިދާޅުވީ، މިހާރު ފެނިގެން މިދަނީ މަގުތައް މަތީގައި މާރާމާރީ ގޭތެރެއަށް ބަދަލުވެ ގޭގައި ތިއްބާ ވަދެގަނެގެން ގޮސް ހަމަލާދީ މާރަމާރީ ހިންގާ މަންޒަރު ކަމަށެވެ.

ޝިފާޒް ވިދާޅުވީ، މިއަދު ގޭގެއިން ބޭރުވެ ސުކޫލުތަކުގެ ތެރޭގައި މާރާމާރީތައް ހިންގަން ފަށާފައިވާ ކަމަށާއި މިކަމަކީ ސަރުކާރުގައި ތިބި ފަރާތްތަކުން އެކަންކަމަށް އަޅާނުލެވެމުން ދިމާވެފައިވާ ކަމެއް ކަމަށެވެ. އަދި މިކަމަކީ މި ސަރުކާރުން، އެބޭފުޅުންގެ ސިޔާސަތު ފެއިލް ވުމުން ދިމާވެފައިވާ މައްސަލައެއް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ފެނިގެން މިދިޔައީ 42 ގަޑިއިރު ތެރޭގައި ދެ ދަރިވަރުންނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލިތަން، މި ކަންކަމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއް، މި ކަމަކީ ވަރިހަމަކޮށްގެން ތިބޭ ކަމަކަށް ވުރެ މާބޮޑު ކަމެއް، ފުންކޮށް ވިސްނަންޖެހޭ މިކަން މި ހިނގަނީ ކީއްވެގެން ވާ ކަމެއް،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ، ރާއްޖޭގެ ވެއްޓަކީ އަމާން ވެއްޓެއްގެ ގޮތުގައި ގާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވެމުންދާ ތަން ނުފެންނަ ކަމަށެވެ. އަދި ވިދާޅުވީ، މި ދެ ހާދިސާއަށް ފަހުވެސް އެކަންކަމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތައް ފެނިފައިނުވާ ކަމަށެވެ. އަދި ސުކޫލު ދަރިވަރުންގެ ތެރޭގައި މި މާރާމާރިތައް މި ހިނގަނީ ކީއްވެގެން މުއައްސަސާތަކުން ބަލަން ޖެހޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"ސުކޫލު ދަރިވަރުންނާ ހިސާބުގައި ހިނގާ މާރާމާރީތަަކަކީ ބެލެނިވެރިންނާއި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް، މިކަމަކީ ހުރިހާ މުއައްސަސާތަކާއި ޖުމްލަކޮށް ހުރިހާ ރައްޔިތުން އަޅާނުލައި ތިބޭ ވަރުގެ ކަމެއް ނޫން، މިކަންކަން ހަރުދަނާ ގޮތެއްގައި ބަލަން ޖެހޭ،" ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ، ފެނިގެން މިދަނީ ރައްކާތެރިކަން ފޯރުކޮށް ނުދެވޭ ތަނުގައި، ރައްކާތެރިކަން ފޯރުކޮށްދޭން ތިބި ފަރާތްތަކުން މުޅިން އެހެން ކަމެއްގައި ބިޒީ ވެގެން އުޅުއްވާތަން ކަމަށެވެ. އެގޮތުން ދިވެހި ފުލުހުން ސިޔާސީ މީހުންގެ ފަހަތުން ދުވެ، ސިޔާސީ އެކި ފަރާތްތަކަށް އެކިއެކި އުނދަގުލާއި ދުއްތުރާތައް ކުރިމަތި ކުރުމުގައި ބިޒީ ވެގެން އުޅޫ ތަނެވެ. ނަމަވެސް އަމާން ވެއްޓެއްގެ ގޮތުގައި ގާއިމް ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވެމުންދާ ތަން ނުފެންނަ ކަމަށް ޝިފާޒް ވިދާޅުވި އެވެ.