ފިނިޕޭޖް

ޝައްމުގެ "ޕަރީ"އާ އެކު ވަކިން ލޯބިން ގެ ފުރަތަމަ ފެނިލުން

Jan 18, 2018

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން މިހާރު އެންމެ އިންތިޒާރު ކުރާނީ މި އަންނަ މާޗު މަހު އެ ޕްރޮޑަކްޝަނުން ރިލީޒުކުރުމަށް ހަމަޖެހިފައިވާ "ވަކިން ލޯބިން" އަށް ކަމާމެދު ޝައްކެތް ނެތެވެ.

ފިލްމްގެ އިންތިޒާރުގައި ތިބި މީހުންނަށް މިރޭ މި އޮތީ އެންމެ ބޮޑު ހަދިޔާ އެވެ. "ވަކިން ލޯބިން"ގެ ފުރަތަމަ ޕްރޮމޯޝަނަލް ލަވައިގެ ވީޑިއޯއެއް އާންމުންނަށް ދޫކޮށްލާފަ އެވެ. މަޝްހޫރު ބޭންޑް އިކުއޭޓިކް ވައިބް ލީޑް ވޯކަލިސްޓް ޝައްމޫން މުހައްމަދު (ޝައްމު) ގެ ހިތްގައިމު އަޑުން އިވިގެންދާ މި ލަވައަށް ކިޔަނީ "ޕަރީ" އެވެ.

ޝައްމުގެ ހިތްގައިމު އަޑުން އިވޭ "ޕަރީ"އަކީ ވަރަށް މަޑުމައިތިރި، ރީތި ލަވަ އެކެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި ވެސް ލަވައަށް މަގުބޫލުކަން ވަނީ ލިބިފަ އެވެ. ލަވައިން ފެނިގެން ދަނީ "ވަކިން ލޯބިން"ގެ މަންޒަރުތަކެވެ. ލަވައިން އެންމެ ބޮޑަށް ފާހަގަވީ ފިލްމްގެ ލީޑް އެކްޓާ ޖުމައްޔިލް ނިމާލާއި ފިލްމްގައި ފެނިގެންދާ ކުޑަ ކުއްޖެއް ކަމަށް ޔާލާއާ ދެމެދު ފެނިގެންދާ "ލޯބި" ގުޅުމުގެ މަންޒަރުތަކެވެ. ބައްޕައަކާއި ކުޑަ އަންހެން ދަރިފުޅެއްގެ ލޯބި ގުޅުމެވެ.

މީގެ ކުރިންވެސް ޝައްމު ވަނީ ޑާކްރެއިންގެ ފިލްމުތަކަށް ލަވަ ކިޔާދީފަ އެވެ. އަދި އެ ލަވަތަކަށް ބޮޑު ތަރުހީބެއްވެސް ލިބިފައިވެ އެވެ. އެގޮތުން އެންމެފަހުން ބޭއްވި ދިވެހި ފިލްމްސް އެވޯޑްސްގައި އެންމެ މޮޅު ފީޗާ ފިލްމުގެ ޝަރަފު ކަމީޔާބު ހޯދި ޑާކްރެއިންގެ ފިލްމު "އެންމެފަހު ވިންދާ ޖެހެންދެން" ގެ ޕްރޮމޯޝަނަށް ކިޔާދިން ލަވަ ފާހަގަކޮށްލެވެ އެވެ. "ތިއްތިމާ" ކިޔާ އެ ލަވައަށް ގިނަ ބައެއްގެ ތައުރީފު އޮހުނެވެ.

"ވަކިން ލޯބިން"ގައި އަމިއްލަ ރާގުގެ ރީތި ލަވަތަކެއް ހިމެނޭނެ އެވެ. އޭގެ ތެރެއިން އެއް ލަވަ މިހާރު ވަނީ އާންމުނަށް ދޫކޮށްލާފަ އެވެ. އެއީ ފަތޯގެ "ބީވީމަ" އެވެ. މި ފިލްމުން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ރަނަރަޕް ހަމޫދު އިބްރާހީމްގެ އަޑުން ލަވައެއް އިވޭނެ އެވެ. އެއީ "ހިތުގެ ނަށާ ރާނީ" އެ ލަވަ އެވެ.

"ވަކިން ލޯބިން" ގެ ޓިކެޓް އޮންލައިންކޮށް ބުކް ކޮށްލެވޭ ގޮތް މިހާރު ވަނީ ހަދައިދީފައެވެ. "ވަކިން ލޯބިން" ޑައިރެކްޓް ކުރަނީ އެންމެ ފަހުން ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ. ޗިއްޕެއަށް އެ އެވޯޑު ލިބުނީ ވެސް ޑާކްރެއިންގެ ފިލްމެއް ކަމަށްވާ "ވާށޭ މަށާއެކީ" އިންނެވެ.

"ވަކިން ލޯބިން" ސްކްރީންޕްލޭ ލިޔެފައި މި ފަހަރުގެ އެވޯޑްސްގައި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު ޑާކްރެއިންގެ "ހުޅުދާން" ފިލްމުން ހޯދި އައިޝަތު ފުއާދު ތައުފީގެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ އެވޯޑްސްގައި އެންމެ މޮޅު ބަތަލްގެ އެވޯޑު ހޯދި ޖުމައްޔިލް ނިމާލް (ޖުމަލް)، އަދި އެންމެ މޮޅު ބަތަލާގެ މަޤާމު ހޯދި މަރިޔަމް މަޖުދާ (މަޖޫ) އެވެ. އަދި މި ދެ ތަރިންނާއެކު ހާއްސަ ރޯލަކުން "މަލިކާ" އިން ތައާރަފުވި ނުޒުހަތު ޝުއައިބް (ނުޒޫ) ވެސް ފެނިގެންދާނެ އެވެ. މީގެއިތުރުން ފިލްމީތަރި ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ) އާއި އޭނާގެ ދަރިފުޅު ޝުއާ ޝާނީޒް ވެސް ފިލްމުން ފެންނާނެ އެވެ.