ހަބަރު

އިދިކޮޅަށް އެއް ކެނޑިޑޭޓެއް ނުނެރެވޭނެ: ސަލީމް

އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރުމަށް މަޝްވަރާތައް ފެށިކަމުގައިވީ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ، މެޑަމް ފާތުމަތު އިބްރާހިމް ހދ، ކުޅުދުއްފުށީގައި މިރޭ ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތަކީ އެއް ކެނޑިޑޭޓެއް ނެރުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެކަމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެއް ކެނޑިޑޭޓެއް ނެރެން އިދިކޮޅަށް އެއް ގަލަކަށް ނޭރޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި، އިދިކޮޅުން އެއް ކެނޑިޑޭޓް ނެރުމަށް ކުރަމުންދާ މަސައްކަތް ފެއިލްވާނެ ސަބަބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާނީ އެމަނިކުފާނު ނިކުންނަން ކަމަށެވެ. އަދި ދެން ތިއްބެވި ފަރާތްތަކުން ބޭނުންވާނީ އެހެން ބޭފުޅަކު ނެެރެން ކަމަށެވެ. އެހެން ކަމުން އެއް ކެނޑިޑޭޓެއް ނެރުމަކީ ވާނެ ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެބަ ދެކެވޭ އެއް ކެނޑިޑޭޓެއް ނެރޭ ވާހަކަ، އެއް ކެނޑިޑޭޓެއް ނެރޭނީ ކިހިނެއްތޯ، ނުނެރެވޭނެ، އެއީ ކުރެވޭނެ ކަމެއް ނޫން، ނަޝީދު ބޭނުންވާނީ އޭނާ ވެރިކަމަށް އަންނަން، ދެން ތިބި ފަރާތްތަކުން ބޭނުންވާނީ އެބޭފުޅުންގެ ކޮންމެސް ބޭފުޅަކު ވަޑައިގަންނަވަން، އެހެންވީމަ އެކަމުގައި އެއްގަލަކަށް ނޭރޭނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ނުހިންގާ ވަރުގެ ގިން މަޝްރޫއުތަކެއް މި ސަރުކާރުން ހިންގާފައިވާ ކަމަށެވެ. މިކަމަކީ ރައްޔިތުން ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ، މިގެންނަމުންދާ ތަރައްގީ ފެނިފައި އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވަމުންދާ ކަމަށެވެ.

"ކޮންމެ މީހަކުވެސް ބުނާނެ ބްރިޖްގެ ވާހަކަ ދައްކައޭ، އައިޖީއެމްއެޗް އިމާރާތުގެ ވާހަކަ ދައްކައޭ، ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކައޭ، މިވާހަކަތައް އެބަ ޖެހޭ ދައްކަން، އެކަމަށްޓަކާއޭ އެމީހުން ހަސަދަވެރިވެގެން ދަނީ، ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާތީ، ގެނެވޭ ތަރައްގީތައް އިތުރުވެގެންދާތީ ހަސަދަވެރިވަނީ،" ސަލީމް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އިދިކޮޅު ހަތަރު ލީޑަރުން ވެގެން ކުރާ މަސައްކަތަކީ ސަރުކާރުގެ ތެރޭގައި ފިތުނަ އުފައްދައި ބައިބައިކޮށްލުން ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވާނެ ގޮތަށް ޕީޕީއެމް އިން މަސައްކަތް ކުރުމަށް ސަލީމް ގޮވާލެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއް ނެރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން އިދިކޮޅު ހަތަރު ޕާޓީން ވަނީ މަޝްވަރާ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތައް ފަށާފަ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ނިންމާފައި ވަނީ އެއް ކެނޑިޑޭޓެއް ހޮވަން އެއްބަސް ނުވެވިއްޖެ ހާލަތެއްގައި ހުރިހާ ޕާޓީއަަކުން ވެސް ވަކިވަކިން ކެނޑިޑޭޓުން ނެރުމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަަށް ހޮވޭ ފަރާތަކަށް އެންޑޯޒް ކުރަން އިދިކޮޅުން ވަނީ މީގެ ކުރިން އެއްބަސްވެފަ އެވެ.