ހަބަރު

ރިސޯޓްތަކުން ތަކެތި ނުގެންދެވޭނެ: ވިލާގެ ވަކީލުން

ބަނގުރަލާއި އޫރުމަސް ގެންދަން ޖެހުނީ ކޮން ކުށެއް ކޮށްގެން ކަމަށް ބުނެ ނުދީ ފުލުހުންނާއި ކަސްޓަމުން އެތަކެތި ނުގެންދެވޭނެ ކަމަށް ވިލާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ޕެރެޑައިސްގައި ހުންނަވައި ވިލާގެ ގާނޫނީ ވަކީލު ސަފާ ޝަރީފް ވިދާޅުވީ، ފުލުހުން ހިފައިގެން އެރި ކޯޓް އަމުރުގައި ބުނެފައިވާ އެއްވެސް ކަމެއް ހަތަރު ރރިސޯޓުން ފެނިފައެއް ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކުށަކާ ގުޅޭ އެއްވެސް ކަމެއް ފެނިފައެއް ނުވާނެ ކަމަށް ސަފާ ވިދާޅުވި އެވެ.

ވިލާ ހޮޓެލްސް އިން ހިންގަމުން ގެންދާ ފަސް ރިސޯޓްގެ ތެރެއިން ރޯޔަލް އައިލޭންޑް ރިސޯޓް ފިޔަވައި ދެންހުރި ހުރިހާ ރިސޯޓެގައި ހުރި ބަނގުރާތަކާއި އޫރުމަސްތައް އެ ރިސޯޓްތަކުން ބާލައިގެން ގެންދިއުމުގެ މަސައްކަތް ކަސްޓަމުން ވަނީ މިރޭ ފަށާފަ އެވެ. އެ ހަތަރު ރިސޯޓަކީ ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.

"ބަނގުރަލާއި އޫރުމަސް ގެންދަން ޖެހުނީ ކޮން ކުށެއް ކޮށްގެން ކަމަށް ބުނެ ނުދީ ފުލުހުންނާއި ކަސްޓަމުން އެތަކެތި ނުގެންދެވޭނެ، އެއީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރަން،" ސަފާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވީ، ރަލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނަގަންޖެހޭ ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ ރާ ކަމަށެވެ. އަދި ކޯޓް އަމުރުުގެ ދަށުން އެތަކެތި ގެންދެވިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ކޯޓް އަމުރުގައި ވަނީ ރިސޯޓްތައް ބަލާ ފާސްކުރަން އެކަނި ކަމަށާއި އެތަކެއްޗަކީ އެބޭފުޅުންނަށް ގެންދެވޭނެ އެއްޗެހި ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ސަފާ ވިދާޅުވި އެވެ.

"އެ ކޯޓް އަމުރުގައި ބުނެފައިވާ އެއްވެސް ކަމެއް އެ ހަތަރު ރިސޯޓުން ފެނިފައެއް ނުވޭ، ކުށަކާ ގުޅޭ އެއްވެސް ކަމެއް ފެނިފައެއް ނުވޭ، ހަތަރު ރިސޯޓްގައި ހުރި ބަނގުރާ ކޮންފެސްޓިކޭތް ކޮށްގެން ގެންދާނެ ކަމަށް ުފުލުހުންނާއި ކަސްޓަމްސްއިން އެބަ ބުނޭ،" ސަފާ ވިދާޅުވި އެވެ.

ސަފާ ވިދާޅުވީ، އެއްވެސް ކުށެއްނެތި ބައެއްގެ މުދަލަށް އަރައިގަނެ އެތަކެތި ގެންދެވޭނެ ކަމަށާއި އެތަކެތި ގެންދިއުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ، ގާނޫނާއި ހިލާފަށް ކޮށްގެން އުޅޭ ކަމެއް ފުލުހުންނާއި ކަސްޓަމުންވެސް ހާމަ ނުކުރައްވާ ކަމަށެވެ.

ސަފާ ވިދާޅުވީ، ކުރިމިނަލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެފައިވާ ކޯޓް އަމުރުގައި ވަނީ ހަތް ދުވަހުގެ ތެރޭގައި 18 ގަޑި އިރަށް ރިސޯޓްތައް ބަލާ ފާސް ކުރުމަށް އެކަނި ކަމަށެވެ. އެހެން ކަމުން އެކަމަށް ފުރިހަމަ އެއްބާރުލުން ދީފައިވާާނެ ކަމަށާއި ބޭނުންވާ ހުރިހާ ޑޮކިއުމަންޓްސް ތަކެއް ދީފައިވާނެ ކަމަށް ސަފާ ވިދާޅުވި އެވެ.

"ރަލަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ނަގަންޖެހޭ ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ ރާ، ގަބޫލެއް ނުކުރެވޭ ކޯޓް އަމުރުުގެ ދަށުން އެތަކެތި ގެންދެވިދާނެ ކަމަކަށް، އޭގައިވަނީ ބަލާ ފާސްކުރަން އެކަނި، އެތަކެއްޗަކީ އެބޭފުޅުންނަށް ގެންދެވޭނެ އެއްޗެހި ކަމަށް ގަބޫލެއް ނުކުރެވޭ،" ސަފާ ވިދާޅުވި އެވެ.

ޕެރަޑައިޒް ރިސޯޓްގެ މެނޭޖަރު އަބުދުﷲ ފަތުހީ ވިދާޅުވީ، މިކަމުގެ ސަބަބުން ފޫ ނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށެވެ. އަދި އެ ރިސޯޓްގައި ގާނޫނާ ހިލާފަށް ހޯދާފައިހުރި އެއްވެސް މުދަލެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުުހުންނާއި ކަސްޓަމްސްގެ ޓީމެއް ގުޅިގެން ރެއިން ފެށިގެން ދަނީ ގާސިމްގެ ފަސް ރިސޯޓެއް ފާސް ކުރަމުންނެވެ. ފާސް ކުރަމުންދާ ފަސް ރިސޯޓަކީ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.