ހަބަރު

ވިލާގެ ރިސޯޓްތަކުން ފުލުހުންނާއި ކަސްޓަމްސްއިން ފައިބައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތައް ބަލާ ފާސްކުރުމަށް ރޭ އެރިސޯޓްތަކަށް އެރި ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ޓީމް އެރިސޯޓް ތަކުން ފައިބައިފި އެވެ.

ވިލާގެ ރިސޯޓްތަކުން ވާހަކަ ދެއްކެވި އޮފިޝަލަކު މިރޭ "އަވަސް" އަށް ވިދާޅުވީ، ވިލާގެ ހުރިހާ ރިސޯޓްތަކުން ފުލުހުންނާއި ކަސްޓަމްސް އިން މިހާރު ފައިބާފައިވާ ކަމަށެވެ. ނަމަވެސް މީރާގެ ދެބޭފުޅަކު އަދިވެސް ފަން އައިލޭންޑްގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ރޯޔަލް އައިލޭންޑް ރިސޯޓުން ފުލުހުންްނާއި ކަސްޓަމްސް އިން މިއަދު މެންދުރު ފައިބާފައިވާ ކަމަށާއި ބާޚީ ހުރި ރިސޯޓްތަކުން ފޭބީ މީގެ ކުޑާ އިރުކޮޅޭއް ކުރިން ކަމަށެވެ. އަދި ވިދާޅުވީ، އެފަރާތްތަކުން ހަމަ އެކަނި ގެންގޮސްފައިވަނީ ފަން އައިލޭންޑްގައި ހުރި ދެ ވައިން ކޭސް ކަމަށާއި އިތުރު ރިސޯޓަކުން އެއްވެސް މުދަލެއް ނުގެންދަވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން އެރިސޯޓްތަކުން ފައިބާފައިވަނީ ކޯޓް އަމުރުގައި ދީފައިވާ ވަގުތު ހަމަވާން ގާާތްވުމުންނެވެ. ކުރިމިނަލް ކޯޓުން މިމަހުގެ 16 ވަނަ ދުވަހު ނެރެފައިވާ ކޯޓް އަމުރުގައި ވަނީ ހަތް ދުވަހުގެ ތެރޭގައި 18 ގަޑި އިރަށް ރިސޯޓްތައް ބަލާ ފާސް ކުރުމަށެވެ.

ފުލުުހުންނާއި ކަސްޓަމްސްގެ ޓީމެއް ގުޅިގެން ރެއިން ފެށިގެން ދަނީ ގާސިމްގެ ފަސް ރިސޯޓެއް ފާސް ކުރަމުންނެވެ. ފާސް ކުރަމުންދާ ފަސް ރިސޯޓަކީ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.