ދަރިންނަކީ ކޮންމެ ދެމަފިރިއަކަށް ވެސް ލިބޭ އެންމެ ބޮޑު ނިޔުމަތެވެ. އެ ނިޔުމަތުގެ ރަހަ، ލ. ގަމަށް އުފަން އަހްމަދު ޝާއިރު އާއި ނަޝާޔާ ހާރޫންއަށް ވެސް މިދިޔަ އަހަރު ލިބުނެވެ. ނަމަވެސް ބޮޑު އިމްތިހާނަކާއެކު އެވެ. ޝާއިރު އާއި ނަޝާޔާއަކީ "ހަށިގަނޑުން ބޭރުގައި ގޮހުރު އޮތް" ކުއްޖާގެ ގޮތުގައި ގިނަ ބައެއްގެ ސަމާލު ކަމަށް އައި އާޔަން އަހުމަދުގެ ބައްޕަ އާއި މަންމަ އެވެ.
އަޔާން ދުނިޔޭގެ އަލިކަން ދެކުނުއިރު، އޭނާގެ ގޮހުރު އުފެދެންވާ މިންވަރަށް އުފެދިފައެއް ނުވެ އެވެ. ފުރަގަސް ފަރާތާއި ކުޑަކަމުދާ ތަކެތި ދަތުރުކުރާ ހޮޅިއެއް ވެސް ނެތެވެ. އަޔާންގެ ފުރާނައަށް ވެސް ނުރައްކާވިއިރު، އޭނާގެ ހާލު އޭރު އޮތް ގޮތުން އެއީ އަނބުރާ ލިބިދާނެ ދަރިއެއް ކަމަށް ފުރަތަމަ އެ ދެމަފިރިންނަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އަޔާންގެ ބެލި ބައެއް ޑޮކްޓަރުން ވެސް އޭނާ ސަލާމަތް ވާނެ ކަމަށް އޭރު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ދެމަފިރިންގެ ހިތްވަރެއް އެލުވައެއް ނުލަ އެވެ.
ޝާއިރު އަދި ނަޝާޔާ، އަޔާން ގޮވައިގެން އިންޑިއާއަށް ގޮސް، އެތައް އޮޕަރޭޝަންތަކަށްފަހު ރާއްޖެ އައީ، މިދިޔަ މަހުގެ ތެރޭގަ އެވެ. ރާއްޖެއިން ބޭރަށް ފުރިއިރާ ހިލާފަށް މިހާރު އެ ދެމަފިރިންގެ މޫނު މަތިން ހިނިތުންވުން ފެނެ އެވެ. އަނބުރާ ނުލިބޭނެ ކަމަށް ދެކުނު ތުއްތު ދަރިފުޅު މިހާރު އިނީ އުނގުގަ އެވެ.
އަޔާންގެ ބަލި ހާލަތުގެ ފޮޓޯތަކުން އަސަރުކުރި އެތައް ބަޔަކަށް، އަޔާންގެ އެންމެ ފަހުގެ ފޮޓޯ އޭނާގެ ބައްޕަ ފޭސްބުކްގައި އާންމުކުރުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ އެވެ. އެތައް ބައެއްގެ ލޯބި އެ ފޮޓޯއަށް ވަނީ ލިބިގެން ގޮސްފަ އެވެ.
އިންޑިއާއިން އަޔާންގެ 10 އޮޕަރޭޝަނެއް ކޮށްފައިވެ އެވެ. އޭނާގެ ފުރަގަސް ފަރާތް ވެސް މިހާރު ވަނީ އުފައްދާފަ އެވެ. ހަށިގަނޑުން ބޭރަށް ނެރުނު ގޮހޮރު ވެސް މިހާރު ވަނީ އޮޕަރޭޝަންކޮށް ހަށިގަނޑު ތެރެއަށް ލާފަ އެވެ. އަޔާންގެ އެ އޮޕަރޭޝަންތައް ވަރަށް ކާމިޔާބެވެ. ކާމިޔާބު އޮޕަރޭޝަންތަކަށްފަހު އުފަން ރަށުގައި މިހާރު އަޔާން ދިރިއުޅެމުންދާއިރު، އަދިވެސް އޭނާގެ ސިއްހީ މައްސަލަތައް އެބަ ހުއްޓެވެ. މުޅިން ރަނގަޅު ވާން އޮޕަރޭޝަންތަކެއް ކުރަން އަދިވެސް ޖެހެ އެވެ. ޑޮކްޓަރުން ބުނާ ގޮތުގައި އޭނާ އަދި ރަނގަޅު ކުރެވިފައިވަނީ 80 ޕަސެންޓެވެ.
އެންމެ އަށް މަހުގެ އަޔާންގެ ކުޑަކަމުދާ ނިޒާމްގައި އަދިވެސް މައްސަލަތައް އެބަހުއްޓެވެ. ކުޑަކަމުދާ ތަކެތި ބްލެޑާއިން ބޭރު ނުކޮށްދޭތީ ކިޑްނީއަށް އިންފެކްޝަން ދާ ގޮތްވެ އެވެ. އޭގެ ސަބަބުން ހުން އައިސް އަޔާންއަށް އެތައް އުނދަގުލެއް ކުރިމަތިވެ އެވެ. އެކަން ހައްލުކުރުމަށް އަންނަ އޭޕްރީލް މަހަށް އޮޕަރޭޝަނެއް ވަނީ ޝެޑިއުލްކޮށްފަ އެވެ. އޭގެ އިތުރުން ވެސް އަޔާންގެ އެއް ފައިގެ ނާރެއް ވަނީ ކުރުވެފަ އެވެ. އޭގެ ސަބަބުން އަޔާންގެ ފައި ހުންނަނީ ކުޑަ ހުޅުން ލެނބިފަ އެވެ. ޑޮކްޓަރުން ބޮޑަށް ލަފާ ދީފައިވަނީ އަމިއްލަ މަސައްކަތުން ފައި ރަނގަޅުކުރުމަށެވެ. ނަމަވެސް އެކަމަށް ވެސް އޮޕަރޭޝަނެއް ކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެހެން ކުދިންނާ އަޔާން ތަފާތު ކޮށްދޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. އަޔާންގެ ކޮންމެ އަތެއްގަ އަދި ފަޔެއްގަ ވެސް ހަ އިނގިލި ހުރެ އެވެ. ހަ އިނގިލި ހަތަރެސް ފައިގައި ހުރިއިރު ވެސް އެއްވެސް އައިބެއް ނެތެވެ. އުފެދުމުގަ ހުރި މައްސަލަތަކުގެ އިތުރުން އެހެން ވެސް އުނި ކަމެއް އަޔާންގެ ފަރާތުން ފާހަގަނުވެ އެވެ.
އަޔާން އަމިއްލަ އުނގަށް ލުމާ ހަމައަށް ޝާއިރު އަދި ނަޝާޔާއަށް މިއަދު ދެވިފައިވަނީ ވަރަށް ބޮޑު ގުރުބާނީއަކާއެކު އެވެ. އިންޑިއާގައި އެތައް ދުވަހަކު އެ ޒުވާން ދެމަފިރިން ހޭދަކުރަން ޖެހުނު ދުވަސްތައްވީ ހަޔާތުގެ އެންމެ ބޮޑު ތަޖުރިބާއަށެވެ. އަޔާންގެ އުރާ ނުލެވި، ތަނެއްގައި ނުބޭއްވި އަބަދު އަތް މަތީގައި އެތައް ދުވަހަކު ގެންގުޅެން ޖެހުނެވެ. އުރާލެވޭވަރުވީ ވެސް ހަށިގަނޑު ތެރެއަށް ގޮހޮރު ލާ ފުރަގަސް ފަރާތް ވެސް އުފެއްދި ފަހުންނެވެ. އޭގެ ކުރިން އަބަދުމެ ގެންގުޅުނީ އަތް މަތީގަ އެވެ. އެ ދުވަސްތަކުގައި ދެމަފިރިންގެ ހިތްވަރަކީ މީހުންގެ ދުއާ އާއި އެހީތެރިކަމެވެ.
ބޮޑު އާމްދަނީއެއް ނުލިބޭ އެ ދެމަފިރިން އިންޑިއާގައި ވޭތުކުރި ހިތްދަތި ދުވަސްތަކުގައި އެތައް ބައެއްގެ ދީލަތި އެހީ ވަނީ ލިބިގެން ގޮސްފަ އެވެ. ގާތް ތިމާގެ މީހުންނާއި ރައްޓެހިންގެ އިތުރަށް ވެސް ނުދަންނަ ގިނަ ބަޔަކު ވަނީ އެހީތެރިވެފަ އެވެ. އަޔާންގެ ގިނަ އޮޕަރޭޝަންތަކަށް އާސަންދަ ވެސް ހަމަޖެހުނެވެ. ނަމަވެސް ދެ އޮޕަރޭޝަނެއް އަމިއްލަ ހަރަދުކުރަން ޖެހުނެވެ. އިންޑިއާ ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމެއްގައި އަޔާން ބާއްވަން ޖެހުނުއިރު ރޫމްގެ ރެންޓަށް ކޮންމެ ދުވަހަކު 3،000 ރުޕީސް ދެއްކި އެވެ. ކެއުމަށާއި އަޔާންގެ ބޭހަށް އަދި ގޭގެ ކުއްޔަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެ ދެމަފިރިން ހަރަދުކުރި އެވެ.
ގައިގާ އަޅާ ވޭންތައް ބުނެދޭން ވެސް ނޭނގޭ އަޔާން މިހާރު ވެސް ކޮންމެ ރެއަކު ނުނިދިގެން ރޮއެ އެވެ. އިންފެކްޝަން އުފެދޭތީ ދިމާވާ އުނދަގޫތައް ބޮޑެވެ. އެހެންވެ، އެ އޮޕަރޭޝަނަކީ އަޔާންގެ ހިނިތުންވުން އަބަދަށް ދެމެހެއްޓުމަށް މިހާރު އެންމެ މުހިންމު އޮޕަރޭޝަނެވެ. އެ އޮޕަރޭޝަން ވެސް ޝާއިރު އަދި ނަޝާޔާއަށް ކުރެވެން އޮތީ އެހީތެރިކަން ލިބިގެންނެވެ. ހެޔޮ އެދޭ މީހުންގެ އެހީތެރިކަމަށް އަދިވެސް ބޭނުންވެ އެވެ.
އަޔާން އަށް އަދިވެސް އެހީވުމަށް
އެކައުންޓް ނަންބަރު: 7730000003593 nashaya haroon
ފޯނު ނަންބަރު: 7937779