ފިނިޕޭޖް

ކޮޕީ ރާގާ ދެކޮޅަށް ސިމްބޮލިކް ރެކޯޑްސްގެ "ހަނގުރާމަ"

ޒަމާނުއްސުރެ ދިވެހި މިއުޒިކް އިންޑަސްޓްރީގައި އަޑުގަދަ ކޮށްލައިގެން އޮތް ކޮޕީ ރާގުގެ ލަަވަތަަކަށް މިއުޒިކު ހެދުމުގެ އުސޫލާ ދެކޮޅަށް ސިމްބޮލިކް ރެކޯޑްސް އިން "ހަނގުރާމަ" އިއުލާންކޮށް ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ސިމްބޮލިކް ރެކޯޑްސްގެ ކްރިއޭޓިވް އާޓްސް ޑައިރެކްޓާ އިސްމާއިލް ނާއިލް ބުނީ މި ކެމްޕެއިން ފެށީ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް ދިވެހި އަމިއްލަ ރާގުގެ ލަވަތައް ހެދުމަށް ހިތްވަރުދިނުމުގެ މަގުސަދުގައި ކަމަށެވެ. އަމިއްލަ ރާގުގެ ލަވަތަކަށް އިސްކަން ދިނުމާކީ ފެށުނީއްސުރެ ސިންބޮލިކް ރެކޯޑްސް އިން އިސްކަމެއްދޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އޮރިޖިނަލް މިއުޒިކަށް ލިބެންޖެހޭ ތަރުހީބު އަދިވެސް ލިބޭ ތަނެއް ނުފެނޭ. ރާއްޖޭގައި އަމިއްލަ ރާގުގެ ލަވަތައް ހެދޭނެ ފެންވަރުގެ ގާބިލު އާޓިސްޓުން އެބަތިިބި. އެ ފަރާތްތަކުން ބޮޑު އެއްބާރުލުމެއް މި ކަމަށް ބޭނުންވާނެ." ނާއިލް ބުންޏެވެ.

އަމިއްލަ ރާގުގެ ލަވަތައް ހެދުމަށް އިސްކަން ދިނުމަށް ރާއްޖޭގެ މިއުޒީޝަނުންނާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް ނާއިލް ބުންޏެވެ.

"މީޑިއާގައި ވެސް ގިނަ ފަހަރަށް އޮފާތައް ލިބޭއިރު މި ހުންނަނީ ކޮޕީ ރާގުގެ ލަވަތަކަށް އިސްކަންދީފަ. އެހެންވެ އަޅުގަނޑުމެން އެބަ ގޮވާލަން މިއުޒީޝަނުންނަށް މިފަދަ ފުރުސަތުތަކުގައި އަމިއްލަ ރާގުގެ ލަވަތަކަށް ޑިމާންޑު ކުރަން. އަދި މީޑިއާއިން ވެސް އަމިއްލަ ރާގުގެ ލަވަތަކަށް އިސްކަން ދިނުން މުހިންމު،"

ސިމްބޮލިކް ރެކޯޑްސްއަކީ ރީތި އަމިއްލަ ރާގު ލަވަތަކެއް ދޫކޮށްފައިވާ ލޭބަލެކެވެ. މިދިޔަ ހަފުތާ ވެސް ސިމްބޮލިކްގެ އާ ލަވައެއް ނެރުނެވެ. ގިނަ ދުވަސްތަކަށްފަހު ސިމްބޮލިކް ރެކޯޓްސްގެ އާޓިސްޓެއް ކަމަށްވާ އެޑިލް ކިޔާފައިވާ މި ލަވަ މިހާރު ސައުންޑް ކުލައުޑުން އަޑު އަހާލެވޭނެ އެވެ. ލަވައަށް އަދާޔާ ހިލާފު ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.

ދެހާސް ތޭރަވަނަ ވަނަ އަހަރު ފެށުނު ސިމްބޮލިކް ރެކޯޑްސްއިން ކާމިޔާބު ލަވަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައި ވެއެވެ. އެގޮތުން "ހައެ ހައެ"، އަދި "ކުރުވާހަކަ" ފަދަ ލަވަތަކަކީ އާންމުގެން ބޮޑު ތަރުހީބެއް ލިބުނު ލަވަތަކެކެވެ. ސިމްބޮލިކް ރެކޯޑްސްގެ މަގުބޫލުކަން އިންތިހާއަށް ބޮޑުވެފައިވާއިރު ޔޫޓިއުބާއި ސައުންޑް ކްލައުޑްގައި މަގުބޫލެވެ. ގިނަ ރެކޯޑްތަކެއް ވެސް މުގުރާލާފައިވެ އެވެ.