ހަބަރު

ވިލާގެ ރިސޯޓްތަކުގެ ދިފާއުގައި މާމިނގިލި ރައްޔިތުން އިހުތިޖާޖަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓުތައް ބަލާ ފާސްކުރަމުންދާތީވެ އދ. މާމިނގިލީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މާމިނގިލީގައި މިއަދު ހަވީރު ފެށި މުޒާހަރާގައި އެރަށުގެ ގިނަ އާންމުން ވަނީ ބައިވެރިވެފަ އެވެ. މުޒާހަރާގެ ބައިވެރިން ދަނީ ގާސިމް މިނިވަން ކުރުމަށް ގޮވާލައި ގާސިމަށް ކުރަމުންދާ އަނިޔާ ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ފަތުރުވެރިންގެ ކާބޯތަކެތި ފޭރި ނުގަތުމަށް ގޮވާލައި އެކި ޝުއޫރުތައް ލިޔެފައިވާ ބޯޓްތަކެއް ވެެސް މުޒާހަރާގެ ބައިވެރިން ދަނީ ބޭނުން ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ބަނގުރަލާއި އޫރުމަސް އެތެރެކޮށްފައިވާ ކަމަށް ބުނެ ކަސްޓަމްސް ސާވިސް އާއި ފުލުހުން ހިމެނޭ ތަހުގީގު ޓީމް ގާސިމްގެ ފަސް ރިސޯޓް ކަމަށްވާ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑަށް މިދިޔަ ބުދަ ދުވަހު އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ކޯޓް އަމުރުގައި ދީފައިވާ ވަގުތު ހަމަވުމުން އެރިސޯޓްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ޓީމްތަކުން ވަނީ ފައިބާފައެވެ. ނަމަވެސް އެ ރިސޯޓުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެ އެވެ. ނަމަވެސް ފަން އައިލެންޑް ރިސޯޓްގެ ބައެއް ބަނގުރާ ފުޅިތަކުގައި ކަސްޓަމްސްގެ ލޭބަލް ޖަހައި ބޭނުން ނުކުރަން އެންގި އެވެ.

އިތުރު ކޯޓް އަމުރެއްގެ ދަށުން ފުލުހުންނާއި ކަސްޓަމްސްގެ އޮފިސަރުންގެ ޓީމެއް ވަނީ މިއަދު ފަން އައިލޭންޑަށް ގޮސްފަ އެވެ. ފަން އައިލެންޑަށް އަރާފައިވަނީ ފަސް ދުވަހުގެ މުއްދަތަށް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުންނެވެ.

ވިލާގެ ކުންފުނިތަކަށް ކަސްޓަމްސް އާއި ފުލުހުން އަރާފައިވާތީ ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ދަނީ ނުރުހުން ފާޅުކޮށް، އެ މުވައްޒަފުންގެ ޝުއޫރުތައް ފާޅުކުރަމުންނެވެ. މީގެ އިތުރުން އިދިކޮޅު ގިނަ ފަރާތްތަކަކުން ވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.