ދުނިޔެ

ހަތިޔާރުއެޅި ބަޔަކު ކާބުލްގެ ބޮޑު ހޮޓަލަކަށް ހަމަލާދީ، ހުޅުޖަހައިފި

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައިވާ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ހަތިޔާރު އެޅި ބަޔަކު މިރޭ ހަމަލާދީ އެތަނުގައި ހުޅުޖަހައިފިއެވެ.

އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ނަޖީބު ދާނިޝްއާ ހަވާލާދީ ބީބީސީ ބުނީ ހޮޓަލަށް ހަމަލާދެމުންދާ މީހުންނާ ކުރިމަތިލާން އަފްޣާން ސިފައިންގެ ހާއްސަ ފައުޖުތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގައުމުގެ ޖާސޫސީ އިދާރާގެ އޮފިޝަލަކު އޭއެފްޕީއަށް ބުނެފައި ވަނީ ހަތިޔާރު އެޅި މީހުން ބަޑިޖަހަމުން ދަނީ ހޮޓަލުގައި ތިބި މެހުމާނުންނާ ދިމާލަށް ކަމަށެވެ.

ދާނިޝް ވިދާޅުވެފައި ވަނީ ހޮޓަލަށް ބަޔަކު ހަމަލާދޭން ފެށީ އަފްޣާން ގަޑިން މިރޭ 9.00 އެހާކަށް ހާއިރު ކަމަށެވެ. ހަމަލާ ދިން މީހުންގެ ތެރޭގައި ގައިގައި ބޮން ހަރުކޮށްގެން ހަމަލާދޭ މީހަކުވެސް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިންޓީިރިއާ މިނިސްޓްރީގެ އެހެން މަސްދަރަކުން ބީބީސީއަށް ބުނެފައި ވަނީ އަފްޣާނުގެ ހާއްސަ ބާރުތަކާއި ހޮޓަލަށް ހަމަލާދެމުންދާ މީހުންނާ ދެމެދު ހަމަލާ ބަދަލުކުރަމުން ދަނީ ހޮޓަލުގެ ތިން ވަނަ ފަންގިފިލަޔާއި ހަތަރުވަނަ ފަންގިފިލާގައި ކަމަށެވެ.

ހާދިސާގައި މީހުން މަރުވި އަދި ޒަހަމްވި ވަރެއް އަދި ނޭނގެއެވެ.

ކާބުލްގެ އިންޓަކޮންޓިނެންޓަލް ހޮޓަލަކީ މަޝްހޫރު ހޮޓެލް ޗޭނެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ހޮޓެލްސް ގްރޫޕުން 1969 ވަނަ އަހަރު ބިނާކުރި ހޮޓަލެކެވެ. ނަމަވެސް 1979 ވަނަ އަހަރު އޭރުގެ ސޯވިއެޓް ޔޫނިއަންއިން އަފްޣާން ހިފި ހިސާބުން ފެށިގެން އެ ގްރޫޕާ ހޮޓަލާ ގުޅުމެއް ނެތެވެ. ކައިވެނީގެ ވަލީމާތަކާއި ސިޔާސީ އެއްވުންތައް ވެސް ބާއްވާ އެހޮޓަލަށް 2011 ވަަނަ އަހަރުވެސް ބަޔަކު ހަމަލާ ދިނެވެ. އެފަހަރު ހަމަލާ ދިނީ ތާލިބާނުންނެވެ.

އެފަހަރު ދިން ހަމަލާ ނިމުކަަކަށް ގެނެވުނު އިރު ހަމަލާދިން ހަތްމީހުންނާއި ހޮޓަލުގައި ތިބި މީހުންގެ ތެރެއިން 11 މީހުން މަރުވިއެވެ.