ރިޕޯޓް

ރާ ސްޓޮކް "ކަހާލުން" ގާނޫނީ ބަހުސެއްގެ ތެރެއަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓްތަކަށް ކަސްޓަމްސްއިން ފުލުހުންނާއެކު އަރައި އެ ރިސޯޓްތައް ބަލައި ފާސްކޮށް ރޭގެ ވަގުތެއްގައި ފަން އައިލެންޑް ރިސޯޓްގެ ރާފުޅިތައް ގެންދިޔުމުން އެކަން ސިޔާސީވެ ތަފާތު ފާޑުކިޔުންތައް ވަނީ އަމާޒުވެގެން ގޮސްފަ އެވެ. ނަމަވެސް އެ ސިޔާސީ ބަހުސަށްވުރެ އެކަމުގައި ފެށި ގާނޫނީ ބަހުސްގެ އަޑުގަދަ އެވެ. ފަން އައިލެންޑަށް އަރައި ކަސްޓަމްސްއިން ރާފުޅިތައް ގެންދިޔަ މައްސަލާގައި ގާނޫނީ ބޭފުޅުން ދަނީ އެ ބޭފުޅުންގެ ތަފާތު ހިޔާލުތައް އެކަމުގައި ފާޅުކުރަމުންނެވެ.

ފަން އައިލެންޑް ރިސޯޓަށް ފުލުހުން އެރީ، "ބަލާ ފާސްކުރުމުގެ" އަމުރެއް ހިފައިގެންނެވެ. ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ބަލާ ފާސްކުރުމުގެ އަމުރެއްގެ ދަށުން ހަމައެކަނި ބަލާ ފާސްކުރެވޭނީ ކަމަށެވެ. ބައެއްގެ މުދާތަކެއް ނުގެންދެވޭނެ ކަމަށެވެ. މުދާ ހިފަހައްޓާނަމަ، އެކަމަށް ވަކި އަމުރެއް ނުވަތަ، ބަލާ ފާސްކުރުމުގައި މުދާ ހިފެހެއްޓުމުގެ ހުއްދަ ދީފައި އޮންނާނެ ކަމަށެވެ.

ހިސާންގެ ވާހަކައަށް ބާރު ދެއްވަމުން ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖަނަރަލް ހުސެއިން ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މުދާ ހިފެހެއްޓުމުގެ އަމުރެއް ނެތި، ރިސޯޓުން އެއްވެސް މުދަލެއް ގެންދާނަމަ އެއީ ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ ކުށެއް ކަމަށްވާ ފޭރުމުގެ ކުށަށް ވާނެ ކަމަށެވެ. މުދަލާއި ނަފުސު ހިމާޔަތްކުރުމަކީ ގާނޫނުން ފުރުސަތު ލިބޭ ކަމެއް ކަމަށެވެ. އެހެންވެ، ރިސޯޓުގެ މުދާ "ފޭރުން" ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ޝަމީމް ވިދާޅުވެ އެވެ.

އެކަމަކު މިކަމާ ހިޔާލު ތަފާތު ބޭފުޅުން އެބަ ތިއްބެވި އެވެ. ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވީ، ފަން އައިލެންޑް ބަލާ ފާސްކުރުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބޮންޑެޑް ވެއާ ހައުސިން ރޯޔަލް އައިލެންޑަށް ދޫކުރި ބަނގުރާ ފަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މައްސަލައާ ގުޅުންހުރި ހެކި، ގަރީނާ ހޯދުމަށް ހުއްދަ ދީފައިވާ ކަމަށެވެ. ހެކި ހޯދުމުގެ ހުއްދަ ދީފައިވުމުން މުދާ ވެސް ބެލުމުގެ ދަށަށް ގެންދެވިދާނެ ކަމަށް އެ ވަކީލް ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެގޮތުން އެ ގާނޫނުގެ 36 ވަނަ މާއްދާގެ (ހ) އޭނާ ފާހަގަކުރެއްވި އެވެ.

އެ މާއްދާގައި ބުނެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން އަމިއްލަ ތަނެއް ބަލައި ފާސްކުރުމުގައި، ހެކީގެ ގޮތުގައި ބޭނުންކުރުމަށް އެ އަމުރުން ހިފެހެއްޓުމަށް ހުއްދަކުރާ އެއްޗެއްގެ، ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް ބެލުމުގައި އެކަށީގެންވާ ހެކި ލިބިފައިވާ އެއްޗެއްގެ ފޮޓޯ އަދި ވީޑިއޯ ނެގުމުގެ ނުވަތަ އެ އެއްޗަކުން ސާމްޕަލް ނެގުމުގެ ނުވަތަ އެ އެއްޗަކުން ބައެއް ނުވަތަ އެ އެއްޗެއް އެކުގައި ހިފެހެއްޓުމުގެ ބާރު، ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރުންނަށް ލިބިގެންވާ ކަމަށެވެ.

މީގެއިތުރުން އެ ގާނޫނުގެ 34 ވަނަ މާއްދާގެ (ހ)ގެ ތިންވަނަ ނަންބަރު ވެސް ވަކީލު ފާގަހަކުރެއްވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 34 ވަނަ މާއްދާއަކީ ބަލައި ފާސްކުރުމާ ގުޅޭގޮތުން ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ލިބިދޭ އިތުރު ބާރާ ގުޅޭ މާއްދާ އެވެ. ވަކީލް ވިދާޅުވާ މާއްދާގައިވާ ގޮތުން، ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް އެތަނުގައި ހުރިކަމަށްވާނަމަ، އެ އެއްޗެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމުގެ ބާރު ލިބެ އެވެ. ވަކީލް ވިދާޅުވީ، ކަސްޓަމްސްއިން ތުހުމަތު ކުރާ ގޮތުން ފަން އައިލެންޑް ރިސޯޓްގައި ހުރި ރާފުޅިތަކަކީ ގާނޫނާ ހިލާފަށް އެ ރިސޯޓަށް ގެންގޮސްފައިވާ ތަކެއްޗަށްވާއިރު އެއީ ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ކަމުގައި ބެލެވިދާނެ ކަމަށެވެ. އެ ގެންދިޔުމުގެ ބާރު ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން ކަސްޓަމްސްއިން ފުރިހަމައަށް ލިބޭ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ބަލާ ފާސްކުރުމުގެ އަމުރުގެ ދަށުން މުދާ ގެންދިޔުމުގެ ބާރު ލިބިގެންވާކަން ތަކުރާރު ކުރައްވަމުން އެ ވަކީލް ވިދާޅުވީ، މުދާ ހިފެހެއްޓުމަށް ވަކި ހާއްސަ އަމުރެއް ބޭނުންވާ ކަމަށް ގާނޫނުގައި ބުނާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ވިލާގެ ވަކީލުން ވިދާޅުވާ ގޮތުގައި، ފަން އައިލެންޑްގައި ހުރީ ގާނޫނާ ހިލާފަށް ގެންގޮސްފައިވާ ރާފުޅިއެއް ނޫނެވެ. އެހެންވެ އެއީ، ކުށްކޮށްގެން ހޯދާފައިވާ މުދަލަށް ނުވާނެ ކަމަށެވެ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ރާ ގެންދިޔުން ކުށަކަށް ނުވާ ސަބަބުތައް ވެސް ވަނީ ދައްކަވާފަ އެވެ.

ފަން އައިލެންޑް ރިސޯޓުން ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހިދުމަތް ދިނުން މެދުކަނޑާލައި ބަނގުރާ ދޫކުރުން ވެސް ވަގުތީގޮތުން ހުއްޓާލާފައިވާތީ އެ ރިސޯޓަށް ގެންގޮސްފައިވާ ރާފުޅިތަކަކީ ރޯޔަލް އައިލެންޑް ރިސޯޓަށް ކަސްޓަމްސްއިން ދޫކޮށްފައިވާ ބަނގުރަލެވެ.

ގާނޫނީ ވަކީލް ސަފާ ޝަރީފް ވިދާޅުވީ، އެއް ރިސޯޓުން އަނެއް ރިސޯޓަށް ރާ ގެންދިޔުމަކީ މަނާ ކަމެއް ނޫން ކަމަށެވެ. އެކަން ޖިނާއީ ކުށަކަށް ނުވާ ކަމަށެވެ. އެކަމަށް ގާނޫނީ ގޮތުން ބާރު ދެއްވުމަށް އޭނާ ފާހަގަކުރެއްވީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން 2011 ވަނަ އަހަރު އެކުލަވާލި، ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގެ 19 ވަނަ މާއްދާ އެވެ.

މިހާރު ވެސް އަމަލު ކުރަމުންދާ އެ މާއްދާގައި ބުނެފައިވަނީ، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި ވިއްކާ ތަންތަނުން، އެތަންތަނަށް އެތެރެކުރެވޭ އަދި އެ ތަންތަނުން އެހެން ތަންތަނަށް ބަދަލުކުރެވޭ، އަދި ވިއްކޭ ތަކެއްޗާއި، ބާކީ ހުންނަ ތަކެތީގެ ސްޓޮކް ބަލަހައްޓަންވާނެ ކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިޔުންތައް، އެ ޝިޕްމަންޓެއް އެތެރެކުރި ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތައް ބަހައްޓަން ވާނެ ކަމަށެވެ.

އެހެން ވަކީލަކު ވިދާޅުވި ގޮތުގައި، ކަސްޓަމްސްގެ ގަވައިދުގައި އޮންނާނީ އެތަނުން ނަގާ ގޮތަށް ގެންދަން ޖެހޭނީ އެ ކަނޑައެޅިފައި އޮންނަ ތަނަކަށް ކަމަށާއި ގެންގޮސް އެ ތަނަށް ރިސީވްވި ކަމަށް ލިޔެކިޔުންތަކުން ފުރިހަމަކޮށްފައި ކަސްޓަމްސްއަށް އެކަން އެނގުމަށް ފަހު އެ ތަކެތި ޓްރާންސްފާ ކުރެވިދާނެ ކަމަށެވެ. ޓްރާންސްފާ ކުރެވޭނީ ރާ ވިއްކުން ހުއްދަ ލިބިފައި އޮންނަ ތަންތަނަށް ކަމަށެވެ. މިއީ ހުރިހާ ރިސޯޓަކުން ވެސް އަމަލު ކުރަމުންދާ ގޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ފަން އައިލެންޑަކީ ވެސް އެ ހުއްދަ އޮންނަ ރިސޯޓެއް ކަމުން އެ ރިސޯޓަށް ރޯޔަލް އައިލެންޑުން ރާ ގެނައުމުން ޖިނާއީ ކުށަކަށް ނުވާނެ ކަމަށެވެ.

އެހެންނަމަވެސް މިކަމަށް ވެސް އިންކާރު ކުރައްވާ ބޭފުޅުން އެބަ ތިއްބެވި އެވެ. އެފަދަ އެއް ގާނޫނީ ބޭފުޅަކު ވިދާޅުވީ، ސަފާ ފާހަގަކުރެއްވި ގަވައިދުގައިވާ އެހެން މާއްދާތަކުން އެއީ ކަނޑައެޅިގެން މަނާ ކަމެއް ކަން ސާފުވާ ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ބަނގުރަލާއި އޫރުމަހުގެ ގަވާއިދުގެ 11ވަނަ މާއްދާގެ (ނ) އެވެ. އެ މާއްދާގައި ބުނެފައިވަނީ، ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި، ވިއްކަން ވާނީ ނުވަތަ ސާވްކުރަން ވާނީ ރަޖިސްޓަރީވެފައިވާ ތަންތަނުގައި ތިބޭ ބިދޭސީން، ނުވަތަ އެތަންތަނަށް ޒިޔާރަތްކުރާ ބިދޭސީންނަށް ކަމަށެވެ. މި ހިދުމަތްދޭ ސަރަހައްދުން ބޭރަށް ގެންދާގޮތަށް އެތަކެތި އެއްވެސް ފަރާތްތަކަށް ދީ އަދި ވިއްކައިގެން ނުވާނެ ކަމަށް މާއްދާގައި ބުނެފައިވެ އެވެ.

އޭގެއިތުރުން އެ ގަވައިދުގެ 16 ވަނަ މާއްދާ ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެ މާއްދާގައިވާ ގޮތުން ވަގުތުން ކެއުމަށް ނުވަތަ ބުއިމަށް ހުއްދަދީފައިވާ ތަންތަނާއި، ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކުމަށް ހުއްދަ ދީފައިވާ ތަންތަން ފިޔަވައި، އެހެން ތަންތަނުން ތަކެތި އެއްވެސް ފަރާތަކަށް ދިނުމަކީ ނުވަތަ ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ.

މި މާއްދާތައް ފާހަގަކުރެއްވި ބޭފުޅާ ވިދާޅުވި ގޮތުގައި، ތަކެތި ދޫކުރާ ތަނުން އެހެން ތަންތަނަށް ތަކެތި ވިއްކުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށް އެ ގަވައިދުން ވަރަށް ސާފުވާ ކަމަށެެވެ. އެހެންކަމަށްވާއިރު އެއީ ޖިނާއި ކުށަކަށް ވާނެ ކަމަށެވެ. އެކަން އެގޮތަށް ކުރާނަމަ އެވަނީ ގާނޫނާ ހިލާފުވެވިފަ ކަމަށެވެ.

ކޮންމެއަކަސް މިކަމުގައި ބޮޑެތި ގާނޫނީ ބަހުސްތައް ފެށިފައިވާއިރު ކޯޓު އަމުރުގައި މުދާ ހިފަހައްޓަން ބުނެފައިނުވަނީސް ކަސްޓަމްސްއިން މުދާ ގެންގޮސްފައިވާ ކަމަށް ބުނެ ވިލާ ކުންފުނިން ވަނީ ކުރިމިނަލް ކޯޓަށް މައްސަލަ ވައްދާފަ އެވެ. އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއަކުން ހިފެހެއްޓި މުދަލެއް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، ނުވަތަ އެ މުދަލުން ބަރީއަވުމުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެ އެ މުދާ ހޯދުމަށް އެދި ކޯޓަށް ހުށަހެޅުމުގެ ހައްގު، އެ މުދަލެއްގެ ވެރިފަރާތަށް ލިބިގެންވެއެވެ. އެހެންކަމުން ފެށިފައިވާ ގާނޫނީ ބަހުސަށް ނިމުމެއް އަންނާނީ މައްސަލާގައި ކުރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމުންނެެވެ.