ރިޕޯޓް

ކުނި ފުނި ގެއްލުވާލި ސަރުކާރަށް ޕޮއިންޓެއް!

މިއީ މާދުރު ވާހަކަ އެއް ނޫނެވެ. އިހަށް ދުވަހުގެ ކުރު ހަނދާނެކެވެ. މާލެ ވަށައި ސައިކަލް ބުރު ޖަހާލަން ދާއިރު އެންމެ ހިތް ދަތިވަނީ ދުވާ ކުނި ވަހެވެ. ސައިކަލުގެ ބުރު ކުނި ކޮއްޓާ ހަމަ އަށް ދިއުމުން ޖެހެނީ ނޭފަތް މަތީގައި އަތް އަޅާށެވެ. އޭރު، އެ ވަސް ހީވާނީހަމަ އަރު ތެރެއިން އަރާ ވަހެއް ހެނެވެ. އޭގެ ތަންކޮޅެއް ފަހެވެ. ފަހުން މާލެ އަށް ޖަމާވާ ކުނި އަޅަން ފެށީ، ބޮޑެތި ދޯނި ފަހަރު ބަނދަރަށް ވައްދައިގެން، އެ އަށެވެ. ދޯނި ފަހަރަށް ކުނި އަޅަން ކައިރި ކުރުމުން މުޅި ހިސާބުގައި އެއް ވަސް ކޮށްލަނީ ކުނި ވަހުންނެވެ. ނަމަވެސް މިހާރު ކުނީގެ މައްސަލަ މި ވަނީ ބޮޑު ތަނުން ހައްލުވެފޭ ބުނެވިދާނެ އެވެ. އެހެންވެ، މިކަމުގައި މި ސަރުކާރަށް "އޭ" ރިޕޯޓެއް ނުދޭންވީ ސަބަބެއް ނެތޭ ބުނެވިދާނެ އެވެ.

"ކުނީގެ ސަބަބުން ސްކޫލު ކުދިންނާއި މާލޭގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ވެސް ކުރިމަތިވޭ. މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ޔާމީން ނިންމެވީ ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް،" ކުނި ނައްތާލަން ހާއްސަކޮށް އިންޑަސްޓްރިއަލް ސަރަހައްދުގައި ހެދި، ޒޯން އެންވަޔަރުމަންޓް މިނިސްޓްރީއާ ހަވާލު ކުރަން 29، ނޮވެމްބަރު 2016 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ކުރިން، މާލެ އަށް ޖަމާވާ ކުނި ގެންދަނީ ދޯނި ފަހަރުގަ އެވެ. ކުނި ގެންދަން ކުރިން ހަތަރު ދޯނި ބޭނުން ކުރިއިރު މަހެއްގެ މައްޗަށް މި ކަމަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އެހެންވެ، މާލޭގައި ކުނީގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފުރަތަމަ އެޅި ފިޔަވަޅަކީ ކުނި ޖަމާކުރުމަށް ސަރަހައްދެއް ހާއްސަ ކުރުމެވެ. ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސިނާއީ އަވަށެއް ހިއްކި އެވެ.

މި ސަރަހައްދުގެ އެންމެ ހާއްސަ ބަޔަކީ ކުނި ޖަމާކުރާ އޭރިއާ އެވެ. މާލެ އަށް ޖަމާވާ ހުރިހާ ކުންޏެއް އުކަން ގެންނަނީ މި ތަނަށެވެ. މި ތަނުން ތިލަފުއްޓަށް ކުނި އުފުލަނީ އެކަމަށް ހާއްސަ އުޅަނދެއް ބޭނުން ކޮށްގެންވެ. އޭގެ ފަހުން ސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ނަމުގައި ކުނި މެނޭޖު ކުރަން ހާއްސަ ކުންފުންޏެއް އުފެއްދުމެވެ. އަދި ކުރިން ބިދޭސީން އެއްވެސް ހަމައެއް ލަމައެއް ނެތި ކުރި ކުނި އުކުމުގެ މަސައްކަތް ހަމައެއްގެ ތެރެ އިން ކުރެވޭނެ ގޮތް ހަދައި، ކުނި އުކުން ރަޖިސްޓްރީ ކުރުމެވެ. މިގޮތުން މިއަދާ ހަމައަށް ކުނި އުކަން 17،800 އަށްވުރެ ގިނަ ގޭބިސީ އިން ދުވާލަކު ކުނި ނަގަ އެވެ. އަދި 1،700 ވިޔަފާރީގެ ކުނި ނަގަ އެވެ.

މާލެ އިންޑަސްޓްރިއަލް ވިލެޖުން ކުނި އުކަން ފެށުމުގެ ގޮތުން، ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ މިއީ ފެށުމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި މި އަހަރު ކުނީގެ މައްސަލައަށް ހައްލު ހޯދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ކުނީގެ މައްސަލަ އަށް މިހާރު ކިހާ ވަރެއްގެ ހައްލެއް ގެނެވިއްޖެ ހެއްވެ؟

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި ކުނީގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުންދާ ތަން ފެންނަމުން އެބަދެ އެވެ.

"ރާއްޖޭގެ ރަށްރަށަކީ ރައްކާތެރި މާހައުލެއް އޮންނަން ޖެހޭ ކަމަށް ސަރުކާރުން ދެކޭ، އެހެންވެ މި މަސައްކަތް މި ކުރަނީ. މާލޭގައި ހުންނަ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ވެސް ތަރައްގީ ކުރަން މި ދަނީ މަސައްކަތް ކުރަމުން. އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް [އޭޑީބީ] އާއެކު ފަންޑިން އެރޭންޖްމަންޓް ވެސް ވަނީ ނިމިފައި. އެއީވެސް ބޮޑު މަސައްކަތެއް،" ތޯރިގު ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލު ކުރުމަކީ ހަމައެކަނި މާލެ އިން ތިލަފުއްޓާ ހަމައަށް ކުނި ގެންދިއުން އެއްކަންޏެއް ވެސް ނޫނެވެ. އެހެންވެ ސަރުކާރުން ވަނީ ތިލަފުށްޓަށް ޖަމާވާ ކުނީގެ މައްސަލަ ހައްލު ކުރަން ވެސް ފިޔަވަޅު ތަކެއް އަޅަން ފަށާފަ އެވެ. ކޮންމެ ދުވަހަކު ތިލަފުށިން ކުނި އަންދާއިރު މާލެ އާއި ކައިރި ރިސޯޓުތަކަށް ދުއްތުރާ ވަރަށް ބޮޑުވެ އެވެ. އެހެންވެ ތިލަފުށީގައި ކުނި ނައްތާލާނެ ނިޒާމެއް ގާއިމްކުރުމަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ބަޖެޓް ކޮށްފައިވެ އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވި ގޮތުގައި ތިލަފުއްޓަށް ޖަމާވާ ކުނި އަންދާނެ މެޝިންތައް ގެނެވި އަންނަ މަހު މަސައްކަތް ފަށަން ވަނީ ތައްޔާރު ވެފައެވެ.

"ކުނި އަންދާ މެޝިންގެ ފުރަތަމަ ބޭނުންކުރާނީ ނުރައްކާތެރި ކުނި އެންދުން. މީގެތެރޭގައި ހޮސްޕިޓަލުން ޖަމާވާ މެޑިކަލް ވޭސްޓް ވެސް ހިމެނޭ. މި އަހަރު ތެރޭގައި ތިލަފުށީގައި ކުނި އެނދުން ހުއްޓުވުން ޓާގެޓަކީ. އެކަމަށް ޕީއެސްއައިޕީ ބަޖެޓުން ފައިސާ ހަރަދު ކޮށްގެން މަސައްކަތް ކުރަމުން މިދަނީ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭޑީބީއާ ގުޅިގެން ވެސް ކުނި އަންދާ މެޝިނެއް ގެންނާނެ އެވެ. އެ މެޝިން ބަހައްޓާ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ އެވެ.

"ކުރިން ވޭސްޓް މެނޭޖުމަންޓް ޕޮލިސީއެއް ނެތް. ނަމަވެސް މިހާރު އެކަން ކުރެއްވިއްޖެ. އެހެންވެ މިހާރު ޓާގެޓަކީ މި އަހަރު ނިމޭއިރަށް ކޮންމެ އަތޮޅެއްގައި ވެސް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހެދުން. ރާއްޖެ ހަތް ރީޖަނަށް ބަހާލައިގެން މަސައްކަތް މި ކުރަނީ،" ތޯރިގު ވިދާޅުވި އެވެ.

ކުނީގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ކުރާ މަސައްކަތް އޮތީ ކުރީގަ އެވެ. މިހާރު ކުރަމުންދާ މަސައްކަތުން މާލެއަށް ކުރިން ޖަމާވެފައިވާ ކުނި ފުނި ގެއްލިއްޖެ އެވެ. އެކަމަކު ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަ އަދި ލައްކަ މަސައްކަތް ކުރަން ޖެހެ އެވެ. ނަމަވެސް ކުނީގެ މައްސަލަ ހައްލު ކުރުމުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް "އޭ" ރިޕޯޓެއް ދޭންޖެހެ އެވެ.