ހަބަރު

"ގާސިމް ދަށުވެ، ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިއްޖެ"

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގައިދަށުވެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

ސިނާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ގައިދަށުވެ ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ސިއްކަ ޖެހިއްޖެ ކަމަަށާއި ސިފައިންނާއި ފުލުހުންނާއި ކޯޓްތައް ރައީސް ޔާމީން އާއި ކުރިމަތި ލަމުން ދާކަން އެމަނިކުފާނަށް އިހުސާސް ކުރެވޭނެ ކަމަށެވެ.

"ގާސިމްގެ ރިސޯޓްތަކަށް އަރައި މުދާ ހިފަން ކޯޓް އަމުރު ނުދިނުން ވެސް ފުދޭ،" ސިނާން ވިދާޅުވި އެވެ.

ގާސިމްގެ ރިސޯޓްތައް ފާސްކޮށް އެރިސޯޓްތަކުގައި ހުރި ބަނގުރާތައް ގެންދިއުމުން އިދިކޮޅު ގިނަ ފަރާތްތަކަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާފައިވާ ދަގެނތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ، ސިޔާސީ މަންފާއެއް ހޯދުމަށް ފުލުހުންނާއި ބައެއް މުއައްސަސާތައް ބޭނުން ކޮށްގެން ރިސޯޓްތަކަށް އަރައި ބިރު ދެއްކުމުގެ ސަބަބުން އަނިޔާ ދެވެނީ ގާސިމަށް އެކަނި ނޫން ކަމަށާއި އެކަމުގެ ސަބަބުން ދެރަ އާއި ހިތާމަ ލިބޭނީ ރައްޔިތުންނަށް ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށާއި ދައުލަތަށް ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް އިލްހާމް ވިދާޅުވި އެވެ.

ގާސިމްގެ ރިސޯޓްތަކަށް ގަވާއިދާ ހިލާފަށް ރަލާއި އޫރު މަސް ގެނެސްފައިވާ ކަމަށް ބުނެ ފުލުހުންނާއި ކަސްޓަމްގެ ޓީމަކުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު އެރިސޯޓްތައް ބަލާ ފާސްކޮށްފަ އެވެ. އަދި ކޯޓް އަމުރެެއްގެ ދަށުން އިއްޔެ ވަނީ ފަން އައިލޭންޑްގައި ހުރި ހުރިހާ ރަލެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ކަސްޓަމްސް އާއި ފުލުހުން ހިމެނޭ ތަހުގީގު ޓީމް ބަލާ ފާސްކޮށްފައިވަނީ ގާސިމްގެ ފަސް ރިސޯޓް ކަމަށްވާ ރޯޔަލް އައިލެންޑާއި ފަން އައިލެންޑާއި ޕެރަޑައިސް އާއި ހޮލިޑޭ އައިލޭންޑް އަދި ސަން އައިލެންޑެވެ.