ހަބަރު

އިންތިހާބާ ގުޅޭގޮތުން ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލުކުރަނީ

ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ސްރީލަންކާގައި ނޫސްވެރިންނާއި ބައްދަލްކުރައްވަން ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ ލަންކާގެ ތާޖް ސަމުދްރާ ހޮޓެލްގައި އެވެ. ނަމަވެސް ނޫސްވެރިންނާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ މާދަމާގެ ކޮން ވަގުތެއްގައި ކަމެއް ސާފެއް ނުވެ އެވެ.

މާދަމާގެ ބައްދަލުވުމުގައި މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް އޮތް ފުރުސަތު ތަކާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި ކުރުމަށް ރާވަމުންގެންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވެއެވެ.

ރައީސް ނަޝީދު މާދަމާ ނޫސްވެރިންނާއި ބައްދަލުކުރައްވާއިރު، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ލަންކާގައި ތިބޭ ބޭރުގެ ސަފީރުންނާ ބައްދަލުކޮށްފައެވެ. އަދި ދިމާވެފައިވާ ދަތިތަކާމެދު މަޝްވަރާކޮށް ބެރުގެ ސަފީރުންނާއި ހިއްސާކޮށްފަ އެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ވަނީ މިދިޔަ މަހު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި އެކުވެސް މަޝްވަރާ ކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އިދިކޮޅުން ވަނީ އެއް ކެނޑިޑޭޓޭއް ނެރުމުގެ މަޝްވަރާތައްވެސް ފަށާފަ އެވެ.