ހަބަރު

ގޮނޑިއާމެދު ޖަަވާބު ހޯދަން އިދިކޮޅު މެންބަރުން އީސީއަށް

އިލެކްޝަން ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހަށް އަންގަވާފައިވާ މެންބަރުންގެ ގޮނޑީގެ މައްސަލާގައި ޖަވާބު ހޯދުމަށް އިދިކޮޅު މެންބަރުން އީސީ އަށް ހިނގައްޖެ އެވެ.

މިއަދު މެންދުރުފަހު އިދިކޮޅުގެ ގިނަ މެންބަރުންތަކެއް އީސީ އަށް ގޮސްފައިވަނީ، އިދިކޮޅު ކޯލިޝަންގެ ހަތަރު ޕާޓީގެ ލީޑަރުން ސޮއިކޮށްފައިވާ ސިޓީއެއް ވެސް ހުށަހެޅުމަށެވެ. ސިޓީ ހަވާލުކުރުމަށް އިދިކޮޅުގެ ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުންނާއި މަޖިލީހުގެ އިތުރު މެންބަރުން ވެސް ވަނީ އީސީ އަށް މިއަދު ގޮސްފަ އެވެ.

އީސީން ނިކުމެ ނޫސްވެރިންނާއި ބައްދަލުކުރައްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ ކަމަށާއި ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އެކަން މެންބަރުންނަށް އަންގާފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައިވެސް އެއްވެސް މެންބަރަކު ގޮނޑި ގެއްލުނު ކަމަށް ބުނެފައިނުވާ ކަމަށާއި އީސީން ނިންމި ނިންމުން އޮޅުން އަރާފައިވާތީވެ ހަތަރު ލީޑަރުން ސޮއި ކުރައްވާ ސިޓީއެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

ޔުމްނާ ވިދާޅުވީ، އީސީގެ ނިންމުމުގެ ސަބަބުން 12 މެންބަރުންގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވާ ކަމަށާއި އެމެންބަރުންގެ ޒިންމާ އަދާކުރުމަސް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން 60،000 އަށްވުރެ ގިނަ ރައްޔިތުންގެ ހައްގު ގެއްލިގެން ގޮސްފައިވާ ކަމަށާއި މިކަމަކީ ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

"އަންނަ މަހު މަޖިލިސް ހުޅުވިގެން އަންނަ އިރު ވަރަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ، އެހެން ކަމުން އެކަންކަން ސާފު ކުރުމަށް އިދިކޮޅު ހަތަރު ލީޑަރުންގެ ސޮއާއެކު އީސީއަށް ސިޓީއެއް ހުށަހަޅުއްވާފައި މިވަނީ،" ޔުމްނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު މެންބަރުން ވަނީ އީސީގެ މެންބަރުންނާއި ބައްދަލު ކުރެއްވުމަށް އެދި ސިޓީއެއްވެސް ހުށަހަޅާފަ އެވެ. އިދިކޮޅު ގިނަ މެންބަރުން ވަނީ ޖަވާބެއް ލިބެންދެން އީސީގެ ވެއިޓިން އޭރިއާގައި މަޑުކޮށްފަ އެވެ. ނަމަވެސްމެންބަރަކާއި ބައްދަލުވާގޮތް ނުވުމުން އިދިކޮޅު ފަރާާތްތަކުން ވަނީ އީސީން ނިކުމެފަ އެވެ.

"އިލެކްޝަން ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރައްވަންވެސް މެންބަރުން މިއަދު ސިޓިއެއް ހުށަހެޅުއްވި، އެބޭފުޅުން ވިދާޅުވީ ގުޅުއްވާފަ ވިދާޅުވާނަމޭ ކޮންދުވަހެއްގެތޯ ނުވަތަ ކޮން ގަޑިއެއްގައިތޯ ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރެވޭނީ، އެ ސިޓީ ހުށަހަޅުއްވާފައި ޖަވާބެއް ލިބެންދެން އެތެރޭގައި މަޑުކޮށްގެން ތިބީ،" ޔުމްނާ ވިދާޅުވި އެވެ.

އިދިކޮޅު މެންބަރުން ވަނީ ޖަވާބެއް ލިބެންދެން އަދި އީސީގެ މެންބަރުންނާއި ބައްދަލުވާނެ ދުވަހެއް ސާފު ވަންދެން ކޮންމެ ދުވަހަކުވެސް އީސީއަށް ދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިހާތަނަށް 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައި އެކަން މަޖިލީހަށް އަންގާފަ އެވެ. މަޖިލިސްގެ ޖަލްސާތައް ކުރިއަށް ގެންދަނީ އެ މެންބަރުންނާ ނުލަ އެވެ. މެންބަރުންގެ ގޮނޑި ގެއްލިފައިވާ އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ރިޔާއަތް ކޮށެވެ. އެއީ އެ ހުކުމަށްފަހު އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅި ހުކުމެވެ. ނަމަވެސް 12 މެންބަރުން ވެސް ވިދާޅުވަމުން ދަނީ އެ މެންބަރުން އެ ހުކުމުގެ ކުރިން ޕީޕީއެމްއިން ވަކިވެފައިވާ ކަމަށެވެ.

އެ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްއައި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އެ ދާއިރާތަކުގެ ބައި އިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ. ނަމަވެސް، މުއްދަތު ހަމަވެގެން ދިޔައިރު ވެސް އެ ކޮމިޝަނަށް އިލެކްޝަން ބޭއްވިފައެއް ނުވެ އެވެ. ޕީޕީއެމްއިން ދަނީ ދާއިރާތަކުގައި ވަރުގަދަ ކެމްޕެއިންތައް ކުރަމުންނެވެ. އެހެނަސް ކެނޑިޑޭޓެއް އަދި ނުނެރެ އެވެ. އަދި އިލެކްޝަން ބާއްވާނެ ދުވަހަކާ މެދު ކޮމިޝަނުން ވެސް އެއްވެސް އެއްޗެއް ނުބުނެ އޮތީ ހިމޭނުން އެވެ.