ހަބަރު

ފާރިސް މައްސަލާގައި ހައިކޯޓްގެ އިސްގާޒީއާ ބައްދަލުކުރަން ޔުމްނާ އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްސަލަތަކާއި ގުޅިގެން ހައިކޯޓްގެ އިސްގާޒީ އަބުދުﷲ ދީދީއާ ބައްދަލު ކުރުމަށް އެދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ސިޓީއެއް ފޮނުވައިފި އެވެ.

ޔުމްނާ ސޮއި ކުރައްވައި ހައިކޯޓުގެ އިސްގާޒީ އަށް އިއްޔެ ފޮނުވި ސިޓީގައި ވަނީ، ކްރިމިނަލް ކޯޓުން ކުރި އަމުރަކާއި ގުޅިގެން ފާރިސް ޖަލު ބަންދުގައި ހުންނަތާ ހަމަސް ދުވަސްވެފައިވާ ކަމަށާއި އަދި އެމައްސަލަ އިސްތިއުނާފް ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު ކަމަށެވެ. އަދި އިސްތިއުނާފްގެ އަޑުއެހުންތައް ނިމުނުތާވެސް ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އަދި ފާރިސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 17 ސިޓީއަށް މިއަދާއި ހަމައަށްވެސް ޖަވާބު ލިބިފައިނުވާ ކަމަށް ސިޓީގައި އެވެ.

އެހެންކަމުން އެކަންކަމާއި ގުޅިގެން އާއިލާގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ވީ އެންމެ އަވަހަށް އިސްގާޒީ އަބުދުﷲ ދީދީއާ ބައްދަލު ކުރުމަށް ފުރުސަތު ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދެއްވުން އެދޭ ކަމަށް ޔުމްނާގެ ސިޓީގައި ވެއެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލާގެ ނިންމުން ލަސްވަމުންދާތީވެ އޭނާގެ ގާނޫނީ ވަކީލުންވެސް ދަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭނާގެ ގާނޫނީ ވަކީލެއް ކަމަށްވާ މައުމޫން ހަމީދު ވިދާޅުވީ، ފާރިސްގެ ފަރާތުން ރާއްޖޭގެ ހައިކޯޓް ހަ މައްސަލައެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އެ ހަ މައްސަލަ އަށް އެއްވެސް ވަރަކަށް ފިޔަވަޅެއް ނާޅައި، ދިރާސާ ކުރުމަށް އެއްވެސް ބޭފުޅަކާ ހަވާލު ނުކުރެވި އޮންނަތާ 100 އަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެކަންކަމުންވެސް ދޭހަވަނީ ހައިކޯޓަށް ފާރިސް އެތައް މައްސަލައެއް ހުށަހެޅި ނަމަވެސް ދޮރިތައް ބަންދުވެފައިވާ ކަމަށެވެ. އަދި އެއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ބަންދާއި ހައްޔަރުގެ މައްސަލަތަކުގެ އިސްތިއުނާފްގެ މައްސަލަތަކަކީ ހައި ކޯޓުން އެންމެ އަވަސް މައްސަލަތަކުގެ ގޮތުގައި ނިންމާ މައްސަލަތައް ކަމަށާއި ފެނިގެންް މިދަނީ ހަމަ އެކަނި ފާރިސްގެ މައްސަލަތައް ލަސްވެގެންދާ މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ، ފާރިސްގެ މައްސަލަ ތަކަށްވުރެ ފަހުން ހުށަހެޅި މައްސަލަތައް ވެސް ވަނީ ހައިކޯޓުން ބަލައިގަނެ އެ މައްސަލަތައް ނިންމަވައި ހުކުމް އިއްވަވާފައިވާ ކަމަށެވެ.

"މިކަން ކަމުން އިންގޭ ހައިކޯޓަށް ފާރިސް އެތައް މައްސަލައެއް ހުށަހެޅި ނަމަވެސް ދޮރުތައް ބަންދުވެފައިވާކަން، އެއީ އެއްވެސް މީހަކަށް ވެގެންވާނެ ގޮތެއް ނޫން، މިއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް، އެކަމަށް އަވަސް ހައްލެއް ބޭނުން،" މައުމޫން ވިދާޅުވި އެވެ.

ފާރިސްއާ ދެކޮޅަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ފާރިސްގެ ފަރާތުން ހުށަހެޅި 23 ހުށަހެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް އެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތުހުމަތުކޮށެވެ. ރިޝްވަތުގެ ތުހުމަތުގައި ޝަރީއަތް ނިންމެންދެން ފާރިސް ބަންދުކޮށްފައިވާއިރު، އެ މައްސަލާގައި ދެން ޝާމިލުވާ ޝާފިއުއަށް ދައުވާ ނުކުރަން ވަނީ ނިންމާފަ އެވެ. ފާރިސް ހައްޔަރުކޮށް، ބަންދުކުރި މައްސަލާގެ އިސްތިއުނާފު މައްސަލާގެ ހުކުމް ވެސް ވަނީ މަޑުޖެހިފަ އެވެ.