ޓެކްސް ނުދައްކައިގެން ހުއްދަ ބާތިލުކޮށްފައި ވަނިކޮށް ވިލާ ގްރޫޕްގެ ބައެއް ރިސޯޓްތަކަށް އެތެރެކޮށްފައިވާ ބަނގުރަލުގެ ސްޓޮކް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލި އަތުލުމަކީ ހައްދު ފަހަނައެޅި ބައެއްގެ ނުފޫޒު ރާއްޖޭގެ މުުއައްސާތަކުގައި އޮތްކަމުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.
ސަރުކާރާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަން އުފައްދާފައިވާ އިއްތިހާދުގެ މުހިއްމު ބައިވެރިއެއް ކަަަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމްގެ ވިލާ ގްރޫޕަށް ކުރިމަތިވި މައްސަލަގަނޑު އަދި ނުނިމި ހައްލު ނުވެ އޮއްވައި ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ހީކުރެވުނެވެ. އެއީ އެކަމުގައި ވިލާ ގްރޫޕާ އެއްކޮޅަށް ރާއްޖޭގައި ކުރި ބައެއް އިހުތިޖާޖްތަކުގައި ވެސް އެމަނިކުފާނު ނިސްބަތްވެވަޑައިިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ) ގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންފައި ވާތީ އެވެ. ނަމަވެސް ނޫސްކޮންފަރެންސް ފެށްޓެވުމުގެ ގޮތުން ދެއްވި ބަޔާނުގައި އެމަނިކުފާނު އެކަމަށް އެއްްވެސް ވަރަކަށް އަލި އަޅުއްވައެއް ނުލައްވަ އެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ވެސް ސުވާލެއް ނުކުރެ އެވެ. ނޫސްވެރިންގެ ސުވާލުތައް ބޮޑަށް އަމާޒުކުރީ ރިޔާސީ އިންތިހާބާއި ، ޗައިނާ މައްސަލައާއި ހައްދު ފަހަނައަޅައި ދިއުން ރާއްޖޭގައި އޮތް މިންވަރާ މެދު ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅުވައިގެންނެވެ. ވިލާ ގްރޫޕުގެ ރިސޯޓްތަކަށް ކަސްޓަމްސް އިން އެރި ކަންތަކާ ބެހޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވީ އެފަދަ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"... މަނިކުފާނު ވިދާޅުވީ ހައްދު ފަހަނަ އެޅި ގްރޫޕްތައް ރާއްޖޭގައި ވަރަށް ވަރުގަދައޭ އަދި ދައުލަތުގެ ތެރޭގައި ދައުލަތެއް އެބަ އޮތޭ އަދި ޔާމީނަށް އެ( ދައުލަތް) ކޮންޓްރޯލެއް ނުކުރެވޭނޭ. ކިހިނެތްތޯ އެވާހަކަފުޅު މާނަކުރައްވަނީ ކިހިނެތްތޯ؟"
މިސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ " ރަލާއި އޫރުމަސް ހޯދަން ކަސްޓަމްސްއާއި ފުލުހުން ހަތަރު ރިސޯޓެއް ރެއިޑް ކުރި ވާހަކަ މިދިޔަ ދެތިން ދުވަހު އަޑު އިވިފައިވާނެ" ކަމަށެވެ.
" އެމީހުން ހަވާލާދީފައި ވެދާނެ ތަފާތު ގާނޫނުތަކަށާއި ގަވައިދުތަކަށް. އަދި އެމީހުން އެކަން އެގޮތަށް ކުރާ ސަބަބުތަކެއް ކިޔައިދީފައި ވެދާނެ. އެކަމަކު އަހަރެމެންނަށް އެބަ ފެނޭ ވަރަށް ބޮޑު މަންޒަރެއް މިތާ. ( އެއީ ) އެމީހުން ޓާގެޓް ކުރަނީ މުޅި ސިނާއަތަށް ކަން،" ނަޝީދު ވިދާޅުވިއެވެ.
ވިލާގެ ރިސޯޓްތަކަށް ކަސްޓަމްސް އޮފިސަރުންނާއި ފުލުހުން އެރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ރާއްޖޭގައި ވާހަކަ ދައްކާފައި ވަނީ މުޅިން އެހެން މޭރުމަކުންނެވެ. އެގޮތުން އެކަން ސިފަކޮށްފައި ވަނީ އެއީ ގާސިމް އިބުރާހީމްގެ ވިޔަފާރިއަށް ހުރަސް އަޅައި، އޭނާ ސަރުކާރާ އެއްކޮޅަށް އަނބުރާލަން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ނޫސް ކޮންފަރެންސްގައި ނަޝީދު އެފަދަ އެއްވެސް ވާހަކަފުޅެއް ވިދާޅެއް ނުވެއެވެ.