ވިޔަފާރި

މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް 26 ޕަސެންޓް އިތުރުވި

Jan 22, 2018

މިދިޔަ އަހަރު ރާއްޖޭގެ ރިޒާވް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 26 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްމޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރެފައިވާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ "އިގްތިސާދީ ރިވިއު" ގައިވާ ގޮތުން 2017 ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 586.2 މިލިއަން ޑޮލަރެވެ. މިއަދަދަކީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރި 343.5 މިލިއަން ޑޮލަރާ އަޅާބަލާއިރު 26 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މަހުން މަހަށް ބަލާއިރު 11 ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި މަހުން މަހަށް ބަލާއިރު ޔޫޒަބަލް ރިޒާވްގައި ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 206.4 މިލިއަން ޑޮލަރެވެ. މިއަދަދަކީ އޭގެ ކުރީ އަހަރު ހުރި 110.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ތިން ޕަސެންޓް އިތުރުވުމެކެވެ. އަދި މަހުން މަހަށް ބަލާއިރު މި އަދަދު ވަނީ 20 ޕަސެންޓް އިތުރުވެފަ އެވެ.

ބޭނުންކުރެވޭ ރިޒާވް އިތުރުވެފައިވަނީ އެމްއެމްއޭ އަށް މާރުކުރެވޭ ފައިސާގެ އަދަދު އިތުރުވުމުންނެވެ.