ވެމްކޯ

ބޮޑެތި ކުނި އުކައި ދިނުން ވެމްކޯއިން އަންނަ މަހު ފަށަނީ

އާންމު ގޮތެއްގައި ގޭބީސީތަކުގައި އުފެދޭ ކުނިވާޒާތުގެ ކުނި ފިޔަވާ، ބޮޑެތި ކުނިތައް ވަކި ފީއަކާއެކު އުކައިދިނުމުގެ ހިދުމަތް ވެމްކޯއިން ފަށާނެ ކަމަށް އެކުންފުނިން ބުނެފި އެވެ. "ކެޕްސް ލައިޓް"ގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުން ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރާ މަސައްކަތްތައް ހިއްސާކުރުމަށް ވެމްކޯއާ އެކު އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، މަދު ފަރާތްތަކަކުން މާލޭގެ ބައެއް ސަރަހައްދު ތަަކަށް އަދިވެސް ކުނި އަޅަމުންދާ ކަމަށާއި އެގޮތުން ވެމްކޯއިން ދުވަހުން ދުވަހަށް އުކާނުލާ ކުނި ކަމަށްވާ، ބޮޑެތި ފޮށިގަނޑާއި ޓީވީ ފަދަ ތަކެތި ބޭރަށް ނެރެ މަގުމަތީގައި ބަހައްޓަމުންދާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިއަދު ވެމްކޯ އިން އާ ހިދުމަތެއް ތައާރަފް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވެމްކޯއިން މިއަދު އަލަށް ތައާރަފް ކުރި ހިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ކެޓަގަރީގެ ދަށުން ހިމެނޭ ކުނި ކަމަށްވާ ޓީވީ އާއި ސީޕީޔޫ އަދި ކުދި ޓޭބަލް ފަދަ ތަކެތި އުކާ ދޭނެ އަގަކަށް ހަމަޖައްސާފައިވަނީ 25ރ. އަށެވެ. ދެވަނަ ކެޓަގަރީގެ ދަށުން ހިމެނޭ ކުނި ކަމަށްވާ ބޮޑެތި މޭޒާއި ކުދި އައިސްލަމާރި އާއި ޑްރެސިން ޓޭބަލް ފަދަ ތަކެތި އުކާ ދޭނެ އަގަކީ 50ރ. އެވެ. އަދި ތިން ވަނަ ކެޓަގަރީގެ ދަށުން ހިމެނޭ ކުނި ކަމަށްވާ، ބޮޑެތި އަލަމާރިއާ އެސީ އާއި ދޮންނަ މެޝިން އަދި ސޯފާ ފަދަ ތަކެތި އުކާ ދޭނެ އަގަކީ 75ރ. އެވެ.

މި ހިދުމަތް ފެށުމުގެ މަގްސަދު ހާމަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެފަދަ ބޮޑެތި ކުނިތައް އުކާލުމަށް ބައެއް ފަރާތްތަކަށް ދަތިވާ އެއް ސަބަބެއް ކަމަށް ބެލެވެނީ އެންމެ އެއްޗެއް އުކާލުމަށް ބޮޑު ހަރަދެއް ކުރަން ޖެހުން ކަމަށެވެ. އަދި ވިދާޅުވީ، އެފަދަ ބޮޑެތި ކުނި އުކުމަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ކުޑަ އަގަކާއެކު ހިދުމަތް އަންނަ މަހު ފަށާނެ ކަމަށެވެ.

"މާލޭގެ މަދު ފަރާތްތަކަކުން މާލޭގެ ބައެއް ސަރަހައްދު ތަކަށް ކުނި އަޅަމުން އެބަދޭ، މީގަ ހިމެނޭ ގެ ސާފުކޮށްފަ އުކާލާ ކުނި ނުވަތަ ހަލާކުވެގެން އުކާލާ ކުނި އެއީ ގޮނޑި އާއި މެޒާއި ހަލާކުވާ ޓީވީ ފަދަ ތަކެތި، މިކަހަލަ އެއްޗެހި ބަހައްޓާފައި ހުންނަ ތަންތަން އެބަ ފެނޭ، ހެދި ސާވޭއިން ދެއްކި ގޮތުގައި އެއް ސައުބަކަށް ވެފަ އިންނަ ސައުބަކީ، މި އެއްޗެހި އުކާލުމަށް އަގު ބޮޑުވާ ވާހަކަ، އެންމެ އައިޓަމް އެއް ގެންދަން ވެސް ބޮޑު އަގެއް ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހިދުމަތް އަންނަ މަހު ފަށާއިރު ހިދުމަތް ފޯރުކޮށް ދެވިގެންދާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު ކަމަށެވެ. އަދި ތަރުހީބު ލިބެމުންދާ ވަރަކަށް ހިދުމަތް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.