ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

"އަނބިމީހާއާ ގަދަކަމުން ގުޅުން ހިންގުން ސުންނަތާ ހިލާފު"

އަނިޔާވެރި ކަމާއެކީ ގަދަކަމުން އަނބިމީހާއާއެކު ޖިންސީ ގުޅުން ހިންގަން އުޅުމަކީ ސުންނަތާ ހިލާފް ކަމެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލި ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނބިމީހާގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްހީ ހާލަތައް ނުބަލައި ޖިންސީ އެދުން ފުއްދަން އުޅުމަކީ އިސްލާމްދީނުގެ ރީތި އުސޫލުތަކާއި ހިލާފު އަނިޔާއެއް ކަމަށެވެ. އަދި އެކަމަކީ ސުންނަތާ ވެސް ހިލާފު ކަމެއް ކަމަށާއި ހެޔޮލަފާ ފިރިއަކު އެފަދަ ކަމެއް ނުކުރާނެ ކަަމަށެވެ.

ޝަހީމް މިގޮތަށް ވިދާޅުވީ، އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުން އެއީ ރޭޕް ކުރުމަށް ނުވާނެ ކަމަށް ދީނީ އެހެން އިލްމުވެރިއެެއް ކަމަށއވ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފު ވިދާޅުވުމުން އެކަން ހޫނުވެ ބަހުސަކަށް ވެފައި ވަނިކޮށެވެ. އިޔާޒު އެގޮތަށް ވިދާޅުވެފައިވަނީ ދީނީ ސުވާލުތަކަށް އޭނާ ޖަވާބު ދެއްވާ ވައިބާ ގްރޫޕެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" ގައި މީހަކު އަހާފައިވަނީ، ފިރިމީހާ، އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިނަމަ އެ އަމަލު ރޭޕަށް ވާނެ ހެއްޔޭ އެވެ. އެ ސުވާލުގެ ޖަވާބުގައި އިޔާޒު ވިދާޅުވެފައިވަނީ އެއީ ރޭޕަށް ނުވާނެ ކަމަށެވެ.

ޝަހީމް ވިދާޅުވީ، އިސްލާމްދީނުގައި ޒަވާޖީ ހަޔާތަކީ ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ގާއިމްވެފައިވާ ނިޒާމެއް ކަމަށެވެ. އަދި ވިދާޅުވީ، އެންމެ ހެޔޮ މީހަކީ އަނބިމީހާ އަށް ހެޔޮކޮށްހިތާ މީހާ ކަމަށް ހަދީސްތަކުގައިވާ ކަމަށާއި އަދި ހެޔޮކޮށް ހިތުމަށް ހަދީސްތަކުގައި އަންގަވާފައިވާ ކަމަށެވެ. ޖިންސީ މުއާމަލާތްތަކުގައި ވެސް އޯގާތެރިވުމަކީ ވާޖިބެއް ކަމަށް ޗާންސެލާ ވިދާޅުވި އެވެ.

އަވަސްއިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއަދު އިޔާޒް ވިދާޅުވީ، އަނބިފިރިކަމުގެ ގުޅުމަކީ ވަރަށް މުގައްދަސް ގުޅުމެއް ކަމަށާއި ފިރިމީހާ އެދެފިނަމަ އަނބިމީހާ އެދުން ފުއްދައިދޭންޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް އަނބިމީހާ އެދެފިނަމަ ފިރިމީހާ ވެސް އެދުން ފުއްދައިދޭން ޖެހޭނެ ކަމަށެވެ. އަންހެނުންގެ ވާހަކަ އެކަމުގައި ބޮޑަށް ދެކެވެނީ އެފަދަ ކަންކަމުގައި އާންމުކޮށް އިންކާރު ކުރަނީ އަންހެނުންނަށް ވާތީ ކަމަށާއި ނަމަވެސް ފިރިންނަށް ވެސް އެއީ އޮތް ކަމެއް ކަމަށް އިޔާޒު ވިދާޅުވި އެވެ.

އިޔާޒު ވިދާޅުވީ، ފިރިމީހާ އެދުމަށް އިޖާބަ ނުދޭ އަނބިންނަށް ލައުނަތް ލެއްވުމަށް މަލާއިކަތުން ދުއާ ކުރައްވާނެ ކަމަށް ހަދީސެއްގައި ވާރިދުވެފައިވާ ކަމަށާއި ހަމަ އެ އަދަބު ފިރިހެނުންނަށް ވެސް އަނބިންގެ އެދުމަށް އިޖާބަ ނުދޭނަމަ އޮންނާނެ ކަމަށެވެ. މީގެ އިތުރުން އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި އަނބިން ފިރިންނަށް ކިޔަމަންވާންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ހަދީސް ވެސް އިޔާޒު ފާހަގަ ކުރެއްވި އެވެ.

ދެމަފިރިންނަކީ ވަރަށް ލޯބިން އުޅޭ ޖެހޭ ބަޔަކަށްވާއިރު، ގުޅުން ހިންގުމަކީ ރުޅިވެރިކަމާއެކު ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ވަރަށް ލޯބިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އިޔާޒު އިތުރަށް ވިދާޅުވީ، އަނބިމީހާގެ ނުރުހުމުގައި ގުޅުން ހިންގިދާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ އަނިޔާ ކޮށްގެން އެކަން ކުރުން ނޫން ކަމަށެވެ. އަނިޔާ ކޮށްގެން އެކަން ކޮށްގެން ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ދެމަފިރިއަކު ގުޅުން ހިންގުން އެއީ ރޭޕްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. ރޭޕަކީ އަންހެނެއްގެ ނުރުހުމުގައި އޭނާގެ އިފަތް ނަގާލުން ކަމަށާއި އަނބިމީހާއާއެކު ގުޅުން ހިންގުމަކީ އިފަތް ނަގާލުން ނޫން ކަމަށެވެ.

ސުވާލުގެ ޖަވާބަށް ހަމައެކަނި "ނުވާނެ" ކަމަށް ވިދާޅުވި ސަބަބު ވެސް އިޔާޒު ތަފްސީލްކޮށް ދެއްވި އެވެ. އިޔާޒު ވިދާޅުވީ، އެ މައުލޫއަކީ ޖިންސީ ކުށުގެ ގާނޫނު ފާސްކުރަން އުޅުނުއިރު ވަރަށް ބޮޑަށް ބަހުސް ކުރެވި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް މިހާރު އެ ޖަވާބާ ގުޅިގެން، ހޫނުވެފައިވާތީ ޖަވާބު އެއަށްވުރެ ތަފްސީލްކޮށް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.