ރިޕޯޓް

ކްރޫޒްލައިނާއަށް ފާލަން ބަންދު، ކަންބޮޑުވުން!

  • ކްރޫޒްލައިނާ ޓޫރިޒަމް ހުއްޓިދާނެ
  • ޓޫރިސްޓުން ފައިބާނެ ފާލަމެއް ނެތް
  • އެއްފަހަރާ 1،500 މީހުން ފައިބާނެ

ކްރޫޒްލައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އެއް ނަމްބަރު ފާލަން ސަރަހައްދަށް ފޭބުން މިދިޔަ ހަފުތާ އިން ފެށިގެން، މަނާ ކުރުމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެ އަށް ހައި ޕްރޮފައިލް ޓޫރިސްޓުންނާއި ބިޔަ ކްރޫޒްލައިނާތައް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ކްރޫޒްލައިނާތަކުން އެއްފަހަރާ ހާހެއްހާ މީހުން މާލެ ފައިބާއިރު، އެއް ނަމްބަރު ފާލަން ސަރަހައްދު ބޭނުން ކުރުން މަނާ ކުރުމުން ޓޫރިސްޓުންނަށް މާލެ އެރޭނެ ގޮތް ވަނީ ބަންދުވެފަ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަަރަށް ބޮޑު ގެއްލުމެއް ކުރިމަތވާނެ އެވެ. އެއީ ކަންބޮޑުވާ ކަމެކެވެ.

"ހައުސިން މިނިސްޓްރީން މިހާރު އަންގާފައި ވަނީ އެއް ނަމްބަރު ފާލަން ސަރަހައްދަށް ކްރޫޒްލައިނާ އިން މީހުން ގޮވައިގެން އަންނަ ޓެންޑަރު [މީހުން އުފުލާ އުޅަނދު] ކައިރި ނުކުރެވޭނެ ކަމަށް. އެހެންވެ މިގޮތަށް އަންނަ މީހުން ރައްކާތެރިކަމާއެކު ފޭބޭނެ ތަނެއް ދައްކާފައި ނެތުމުން ކަންބޮޑުވޭ،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި މާލެ އަށް އެއް ފަހަރާ ހާހެއްހާ މީހުން ރައްކާތެރިކަމާއެކު ފޭބޭނެ ދެވަނަ ތަނެއް އެއްނަމްބަރު ފާލަން ސަރަހައްދު ނޫނީ ނެތެވެ.

"އެ ބޭފުޅުން ވިދާޅުވަނީ ދާށޭ، އަލަށް ހެދި ނެރަށް [މާލެ ސިނާއީ އަވަށާ ދިމާލުގެ ނެރު] އަޅުގަނޑުމެންނަށް ކިހިނެއްތޯ 100 އެއްހާ މީހުން ގޮވައިގެން އަންނަ އުޅަނދެއް އެ ނެރުން ވެއްދޭނީ. އެއީ ނުރައްކާތެރި ތަނެއް. ދެން ވިދާޅު ވަނީ މާލެ އަށް ރިސޯޓުތަކުން އެހެން ވެސް މީހުން އަރާ ގޮތަށް ކްރޫޒްލައިނާ އިން ފައިބާ އެތަށް ހާސް މީހުން އަރުވަން،" މާޔާގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ޖަމިއްޔާގެ އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލާގައި ޓޫރިޒަމް މިނިސްޓްރީ އަށާއި ހައުސިން މިނިސްޓްރީ އަށް ދިޔަ ނަމަވެސް މިކަމުގައި އަލިމަގެއް ނުފެނެ އެވެ.

"އަޅުގަނޑުމެން މި ޓޫރިޒަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ބައެއް. މިއިން ކޮންމެ ކްރޫޒްލައިނާ އަކުން އަންނަ ހާހެއް ނޫނީ 1500 އެހާ މީހުންގެ ސަބަބުން މުޅި ރާއްޖެއަށް ފައިދާ ކުރޭ. ޓޫރިޒަމް އެރައިވަލް އަށް ހެޔޮ ބަދަލު އައުމުގައި ވެސް ކްރޫޒްލައިނާތަކުގެ ހިއްސާ ބޮޑުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ޓޫރިޒަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ދޭ ބައެއް. މީގެން ކޮންމެ ކްރޫޒްލައިނާ އަކުން އަންނަ ހާހެއް ނޫނީ 1500 އެހާ މީހުންގެ ސަބަބުން މުޅި ރާއްޖެ އަށް ފައިދާ ކުރޭ.
- މާޔާ އޮފިޝަލް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޝެޑިއުލްކޮށް ކްރޫޒްލައިނާ ދައުތުރުތައް ރާއްޖެއަށް ކުރެއެވެ. މިގޮތުން މި މަހު ވެސް ބޮޑު ދެ ކްރޫޒްލައިނާ މާލެ އަށް ބަނދަރު ކުރާނެ އެވެ.

ކްރޫޒްލައިނާ އެއް ބަނދަރުކޮށްފިނަމަ ގެސްޓްހައުސް ވިޔަފާރި އާއި ދޯނި ފަހަރު ދުއްވާ މީހުންގެ އިތުރުން ޓެކްސީތަކަށްް ވެސް ބޮޑު އާމްދަނީއެއް ލިބެ އެވެ.

"މިއީ ކުއްލި އަކަށް ކުރާ ޝެޑިއުލް ތަކެއް ނޫން. މިއީ ދުރާލާ ކޮށްފައި އޮންނަ ޝެޑިއުލް ތަކެއް. އެހެންވީއިރު، މިހެން ކުއްލި ގޮތެއްގައި ކަންތައް ނިންމުމުން ވަރަށް ނުބައި އަސަރު ކުރޭ. މިހާރު ވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސް މި އޮންނަން ޖެހެނީ މާލެއާ 3.5 ކިލޯ މީޓަރު ދުރުގައި. އެތަނުގައި ބާއްވައިގެން މީހުން މި ބާލަނީ. އެކަމަކު ކްރޫޒްލައިނާއެއް ރާއްޖޭގައި އާއްމުކޮށް ތިން ދުވަހު އޮވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފެސެންޖަރުލައިންތަކާއި ކްރޫޒްލައިނާ ތަކުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. މިގޮތުން މީގެ އުޅަނދެއް ޖެޓީ ބޭނުން ކުރުމަށް ދުވާލަކު 8،000ރ. ގެ ފީއެއް ނަގަ އެވެ. އަދި ޗާޓަޑް ލައިސަންސްގެ ގޮތުގައި ދުވާލަކު 600 ޑޮލަރު (9،252ރ.) ދައްކަ އެވެ. އަދި ކްރޫޒިން ޕާމެޓްފީގެ ގޮތުގައި 5،000ރ. ނަގާއިރު، އެމްޕީއެލް އަށް 30،000ރ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އަށް 35،000ރ. ދައްކަން ޖެހެ އެވެ. އަދި ކަސްޓަމްސް އަށް 2،000ރ. ދައްކާއިރު، ކޮންމެ ޓޫރިސްޓެއްގެ ބޮލަށް ގްރީން ޓެކުހުގެ ގޮތުގައި ހަ ޑޮލަރު ދައްކަ އެވެ.