ހަބަރު

މައްސަލަ ހޫނުވެފައި ވަނިކޮށް އިޔާޒް މާފަށް އެދިއްޖެ

Jan 22, 2018
14

އަނބިމީހާގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުން އެއީ ރޭޕް ކުރުމަށް ނުވާނެ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ދެއްވި ޖަވާބުގެ ސަބަބުން އެ މައްސަލަ ހޫނުވެފައި ވަނިކޮށް އޭނާ މިރޭ މާފަށް އެދިވަޑައިގެންފި އެވެ.

"އިސްލާމިކް ނޮލެޖް ވައިބާ ގްރޫޕް" ގައި މީހަކު އަހާފައިވަނީ، ފިރިމީހާ، އަނބިމީހާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގައިގެން އެ ރޭޕަށް ވާނެ ހެއްޔޭ އެވެ. އެ ސުވާލުގެ ޖަވާބުގައި އިޔާޒު ވިދާޅުވެފައިވަނީ އެކަން ރޭޕަށް ނުވާނެ ކަމަށެވެ.

އެސުވާލަށް ކުރު ޖަވާބެއް ދެއްވުނު ކަމަށްޓަކައި މާފަށް އެދުމުގެ ގޮތުން މިރޭ ނެރުނު ބަޔާނެއްގައި އިޔާޒް ވިދާޅުވީ، އަނބިމީހާ ނުުރުމުގައި އަނބިފިިރިކަމުގެ ގުޅުން ހިންގުމާ ގުޅޭގޮތުން އެނާއާ ކުރެވުނު ސުވާލެއްގެ ޖަވާބު ދެވިފައިވާ ގޮތުން ބޮޑެތި އޮޅުންތަކެއް އަރަމުންދާ ކަމަށެވެ. އަދި އެސުވާލުގެ ޖަވާބު އެގޮތަށް ދީފައިވަނީ، އެފަދަ ހާލަތެއްގައި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ދައުވާ އުފުލި ހުކުމް ތަންފީޒް ކުރުމާމެދު ކުރެވޭ ބަހުސަކަށް ރިއާޔަތްކޮށް ކަމަށެވެ.

އިޔާޒް ވިދާޅުވީ، އިސްލާމް ދީނުގައި ޒަވާޖީ ހަޔާތް ބިނާ ކުރުމަށް އިރުޝާދު ދީފައިވަނީ ލޯތްބާއި ރަހުމާއި ކުލުނާއި އޯގާތެރިކަމުގެ މައްޗަށް ކަމަށާއި ގަދަބާރުން އެކަކު އަނެކަކުގެ ކިބައިން އެދުންތައް ހާސިލްކުރުމުގެ މައްޗަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ދެމަފިރިންކުރެ އެކަކުވެސް ކަމަކަށް އެދިއްޖެނަމަ މަގުބޫލު ސަބަބެއް ނެތި އިންކާރުކުރުމުގެ ހައްގު ދެމަފިރިންކުރެ އެކަކަށް ވެސް ލިބިގެންނުވާ ކަމަށެވެ.

"ތަބީއީގޮތުން ފިރިހެނުންނަކީ އަންހެނުނަށްވުރެ ޖިސްމާނީގޮތުން ބާރުގަދަ ބަޔަކަށްވާތީ، ގުޅުން ހިންގުމުގެ އެދުން އުފެދޭ ކޮންމެ ފަހަރަކު ގަދަބާރުން އެކަން ހާސިލްކޮށް ގަތުމަކީ ބައެއް ފަހަރު މެދުވެރިވާ ކަމެއް، އެފަދަ އަމަލުތަކުގެ ސަބަބުން އަނބިމީހާ ފިރިމީހާ މަތިން ފޫހިވެ، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިރުދެއްކުމާއި އަނިޔާވެރިކަމަށް ބަދަލުވޭ، އެފަދަ އަމަލުތަކުގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ދިގު މުއްދަތަކަށް ނުވަތަ މުޅި އުމުރަށް އަންހެން މީހާ އަށް ތަހަންމަލް ކުރަން ޖެހޭ ފަހަރުވެސް އާދޭ،" އިޔާޒް ވިދާޅުވި އެވެ.

އިޔާޒް ވިދާޅުވީ، ފިރިމީހާ އެދުން ފުއްދަން އެދޭ ވަގުތުގައި އަނބިމީހާ އެކަމަށް ތައްޔާރުނުވެ ވަގުތެއްނަމަ ނުވަތަ މާބޮޑަށް ވަރުބަލިވެފައިވާ ވަގުތެއްނަމަ ފިރިމީހާ އަށް އޮތީ ގަދަބާރުން އެދުން ހާސިލް ކުރުމުގެ ބަދަލުގައި އަނބިމީހާ އަށް އެދެވޭ ވަގުތު ދިނުން ކަމަށެވެ. އަދި ގަދަބާރުން އަނިޔާވެރި ގޮތެއްގައި ގުޅުން ހިންގާނަމަ ވަރިއަށް އެދުމުގެ ހައްގު އިސްލާމީ ޝަރީއަތުން އަނބިމީހާ އަށް ލިބިދޭ ކަމަށް އިޔާޒް ވިދާޅުވި އެވެ.

"މި މައުލޫއަކީ ވަރަށް ފުޅާ މައުލޫއަކަށްވީ ނަމަވެސް މިހާވަރުން ސާފުވާނެ ކަމަށް އުންމީދު ކުރަން، އަދި އަޅުގަނޑު ކުރިން ދީފައިވާ ޖަވާބު ސަބަބުން މަތީގައި ބަޔާންކޮށްފައިވާ މަހުފޫމް ނޫން ގޮތަކަށް މައްސަލަ ފަހުމްވި ފަރާތްތަކުގެ ކިބައިން މާފަށް އެދެން،" އިޔާޒް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަނިޔާވެރި ކަމާއެކީ ގަދަކަމުން އަނބިމީހާގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްހީ ހާލަތައް ނުބަލައި ޖިންސީ އެދުން ފުއްދަން އުޅުމަކީ އިސްލާމްދީނުގެ ރީތި އުސޫލުތަކާއި ހިލާފު އަނިޔާއެއް ކަމަށެވެ. އަދި އެކަމަކީ ސުންނަތާ ވެސް ހިލާފު ކަމެއް ކަމަށާއި ހެޔޮލަފާ ފިރިއަކު އެފަދަ ކަމެއް ނުކުރާނެ ކަަމަށެވެ.