ހަބަރު

"އިންތިހާބު ބާއްވާނެ، އޮޅުވައިވެސް ލާނެ"

Jan 22, 2018
17

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް އިންތިހާބު އޮޅުވާ ނުލާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، ގާނޫނު އަސާސީގައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރިޔާސީ އިންތިހާބެއް ބާއްވަން ބުނާ ކަމަށާއި ރައީސް ޔާމީން ވެސް ރިޔާސީ އިންތިހާބެއް ބާއްވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން މިހާރު ކަންތައްތައް ކުރައްވާ ގޮތުން ގާނޫނު އަސާސީގައި ބުނެފައިވާ ތާރީހުގެ ތެރޭގައި އިންތިހާބެއް ބާއްވާނެ ކަމާމެދު ޝައްކުވާ ކަމަށެވެ.

އިބޫ ވިދާޅުވީ، ރައީސް ޔާމީން ބައިވެރިވާ އިންތިހާބެއް ކާމިޔާބު ކުރުމަށް އިންތިހާބު އޮޅުވާ ނުލާނެ ކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ. ނަމަވެސް ގުޅިފައިވާ އިއްތިހާދުން ތިބީ މިނިވަން އިންތިހާބެއް ބޭއްވުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ތައްޔާރަށް ކަމަށާއި ރައީސް ޔާމީން ބޮޑުތަނުން ބަލިވެސް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އެބަ ބުނޭ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ރިޔާސީ އިންތިހާބެއް ބާއްވަން، އިންތިހާބު ބާއްވަފާނެ، އެކަމަކު ގާނޫނު އަސާސީގައި ބަޔާން ކޮށްފައިިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވާނެ ކަމާމެދު ޝައްކު، އިންތިހާބެއް އޮޅުވާލާނެ ކަމަކީ ނުކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރަން، ކޮށްފާނެ، ރައީސް ޔާމީން ބައިވެރިވާ އިންތިހާބަކުން މޮޅުވުމަށް އިންތިހާބެއް އޮޅުވާނުލާނެ ކަމަށް ގަބޫލެއް ނުކުރަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި އެގޮތުން އެންމެ ބޮޑު މަސަައްކަތަކީ މަޖިލިސް މިނިވަން ކުރުން ކަމަށެވެ. މަޖިލީހުުގެ ގާނޫނީ މަސްއޫލިއްޔަތުތައް އަދާ ކުރުމަށްވަނީ ހުރަސް އަޅާފައި ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަޖިލިސް މިނިވަން ކުރުން މުހިންމު ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ދެވަނަ ކަމަކަށް ކުރަން ޖެހިފައިވާ ކަމަކީ ސިޔާސީ ނުފޫޒުތަކުން އިލެކްޝަން ކޮމިޝަން މިނިވަން ކުރުން ކަމަށާއި އެގޮތުން މެންބަރުން ވަކިކޮށް، ވަކި ފަރާތަކަށް ނުޖެހޭ މެންބަރުން އައްޔަން ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރެވެން އަންނަނީ ރައްޔިތުން މަޖިލިސް ހިންގަން ފެށުމުން ކަމަށާއި އިންތިހާބުގެ ކުރިން 12 މެންބަރުންނާއެކު މަޖިލީހަށްވަދެ މަޖިލީހުގެ ތެރެއިން އިސްލާހަށް ގެންނަން ޖެހޭ ބަދަލެއް ގެނެސް އެކަން ކުރައްވާނެ ކަމަށެވެ.

"ސިޔާސީ ނުފޫޒުތަކުން އިލެކްޝަން ކޮމިޝަން މިނިވަން ކުރަންވީ، މެންބަރުން ވަކި ކުރަންވީ، ވަކިކޮށްފަ ވަކި ފަރާތަކަށް ނުޖެހޭ މެންބަރުން އައްޔަން ކުރަންވީ، އެކަން ކުރެވޭނެ ރަނގަޅަށް ރައްޔިތުން މަޖިލިސް ހިންގަން ފެށީމަ، ރައްޔިތުންނަށް އިތުބާރު ކުރެވޭ އިލްކްޝަން ކޮމިޝަނަކާއި ޖުޑީޝަރީއަކާ މިހުރިހާ ކަމެއް ކޮށްގެން ނޫނީ މިނިވަން އިންތިހާބެއް ނުބޭއްވޭނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އަނެއް ކަމަކީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ބޭރުކުރުން ކަމަށެވެ. ނުވަތަ މަޖިލީހުގެ އަގުލަބިއްޔަތާއެކު މިނިވަން މުއައްސަސާތައް މިނިވަން ކުރުމަށްފަހު އިންތިހާބަކަށް ދިއުން ކަމަށެވެ. އެހެން ނޫނީ އިންސާފުވެރި އިންތިހާބެއް މިސަރުކާރު އޮތްވައި ނުބޭއްވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.